ENGLISH
17 ފެބްރުއަރީ 2026
ރަމަޟާން މަހު ފަތުރުވެރިންނަށް ކެއިންބުއިމުގެ ޚިދުމަތް ދިނުމުގައި ސަމާލުވުވާން އެދިއްޖެ
17 ފެބްރުއަރީ 2026
|
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް އުމަރު. ފޮޓޯ: ޕީއެސްއެމް
އެންމެ މަޤްބޫލު
ކުރިއަށް އޮތް ރަމަޟާން މަހުގައި ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ކެއިންބުއިމުގެ ޚިދުމަތް ދިނުމުގައި ރާއްޖޭގައި އޮންނަ އިސްލާމީ ރިވެތި އާދަކާދަތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް އުމަރު އެދިވަޑައިގެންފިއެވެ.
އެ ވުޒާރާގެ ދެންނެވުމެއް އެކްސްގައި ހިއްސާކުރައްވައި އެމަނިކުފާނު ވިދާޅުވީ، ދިވެހިރާއްޖެއަކީ ސައްތަ އިން ސައްތަ މުސްލިމް ޤައުމަކަށްވާއިރު، ފަތުރުވެރިންނަށް ކެއިންބުއިމުގެ ޚިދުމަތް ދިނުމުގައި، ރާއްޖޭގައި އޮންނަ އިސްލާމީ ރިވެތި އާދަކާދަތަކާއި ދީނީ އެއްބައިވަންތަކަމާއި އަދި އިސްލާމްދީނަށް ދިވެހިން ކުރާ އިޙުތިރާމާއި ޤަދަރާއި އިސްލާމީ ވަހުދަތު ދެމެހެއްޓެވުމަށް ބާރު ލިބޭނެގޮތަކަށް ކަންކަން އިންތިޒާމު ކުރެއްވުމަށް އެންމެހާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެދިލައްވާ ކަމަށެވެ.
މީގެ އިތުރުން އެ ޕޯސްޓުގައި ހިއްސާކުރައްވާފައިވާ ދެންނެވުމުގައި، މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިންނަށް ކެއިންބުއިމުގެ ޚިދުމަތް ދެއްވާއިރު އާންމުންނަށް ނުފެންނާނެފަދަ އިންތިޒާމެއްގެ ދަށުން އެ ޚިދުމަތް ދެއްވުމަށް ވަނީ ދަންނަވާފައެވެ. އަދި މަގުތަކާއި އާންމު ތަންތަނުގައި، ރަމަަޟާން މަހުގެ ހުރުމަތް ނުކެނޑޭނެ ފަދަ ގޮތަކަށް، ފަތުރުވެރިންގެ އަމަލުތައް ބެހެއްޓުމަށް ބާރުއެޅުމަށް ވެސް އެ ދެންނެވުމުގައިވެއެވެ.
އަދި އެ މައުލޫމާތު ފަތުރުވެރިންނަށް ހިއްސާކުރައްވައި އެފަދަ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި ދެންނެވުމުގައި ފާހަގަކުރި ކަންކަމަށް ރަށްރަށުގެ ކައުންސިލުތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް މިނިސްޓްރީން އިލްތިމާސްކޮށްފައިވެއެވެ.
މީގެ ކުރިންވެސް ކޮންމެ އަހަރެއްގައިމެ ރޯދަމަހާ ގުޅިގެން ފަތުރުވެރިންނަށް ކެއިންބުއިމުގެ ހިދުމަތް ދިނުމުގައި ސަމާލުވާންވީ ކަންކަން ފާހަގަކޮށް، އެކަމުގައި އަމަލުކުރަންވީ ގޮތްތަކުގެ ލަފައާއި އިރުޝާދު ކައުންސިލުތަކަށް ދެމުންދެއެވެ.