ENGLISH
21 ފެބްރުއަރީ 2026
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ނަގާ ކޯޓާ ފީ އުވާލަނީ
17 ފެބްރުއަރީ 2026
|
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ނަގާ ކޯޓާ ފީ އުވާލަން ވަޒީފާއާ ބެހޭ ގާނޫނަށް ވަނީ އިސްލާހު ގެނެވިފައި. ފޮޓޯ: މިހާރު
އެންމެ މަޤްބޫލު
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ބިދޭސީ މަސައްކަތްތެރިން ގެންނައިރު ދައްކަންޖެހޭ ކޯޓާ ފީ ދައްކަން ނުޖެހޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒު ހުށަހެޅުއްވި މި އިސްލާހުގެ އިބުތިދާއީ ބަހުސް މިއަދުގެ ޖަލްސާގައި ކުރިއަށް ގެންގޮސްފައިވާއިރު ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުމުގެ ބޭނުމެއް ކަމަށް މެމްބަރު ފާހަގަކުރެއްވީ ވަޒީފާއާބެހޭ ޤާނޫނު ގައި ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާ ދެމެދު ވެވޭ ވަޒީފާގެ އެއްބަސްވުން ބާތިލުކުރުމުގެ އުސޫލުތައް ހަރުދަނާކޮށް، ބިދޭސީ މުވައްޒަފުން ގެނައުމަށްޓަކައި ގާނޫނުގެ ދަށުން ދައްކަންޖެހޭ ކޯޓާ ފީ މުރާޖައާކުރުމެވެ.
އަދި ކޯޓާ ފީ ދެއްކުމުން ބައެއް ފަރާތްތައް އިސްތިސްނާކުރުމުގެ އުސޫލު ބަޔާންކުރުމަށާއި، އެނޫންވެސް، ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުގެ ހައްގުތައް ކަށަވަރުކޮށް އެ ހައްގުތައް ލިއްބައިދޭ މޭރުމުން، ގާނޫނު ތަންފީޛުކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ގެންނަންޖެހޭ އިސްލާހުތައް ގެނައުމެވެ.
އިސްލާހުގައި ވަނީ ވަކި ބާވަތެއްގެ ވިޔަފާރިއަކަށް ނިސްބަތްވާ ވަޒީފާދޭ ފަރާތްތައް އެ އަކުރުގެ ދަށުން ދައްކަންޖެހޭ ކޯޓާ ފީ ދެއްކުމުން އިސްތިސްނާކުރުމަށް، ވަޒީރުންގެ މަޖިލީހަށް ނިންމިދާނެ ކަމަށެވެ.
އެ ގޮތުން، އެ ފަދައިން އިސްތިސްނާކުރާއިރު ބައެއް ކަންކަމަށް ރިއާޔަތްކުރަންޖެހޭނެ ކަމަށް އިސްލާހުގައި ވެއެވެ.
* އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިއަށް ފަހި މާޙައުލެއް ދިވެހިރާއްޖޭގައި ގާއިމުކޮށް، ދިވެހިރާއްޖޭގެ އިޤްތިޞާދުގައި އެ ވިޔަފާރިތަކުގެ ދައުރު ފުޅާކުރުން.
* އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގައި ދިގު މުއްދަތުގެ ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމަށް މަގުފަހިކުރުން.
* އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި، ދިވެހިރާއްޖޭގައި ހިންގާ ބޮޑެތި ވިޔަފާރިތަކާ ދެމެދުގައި އޮތް ފަރަޤު ކުޑަކުރުން.
* ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައިގެން، ވިޔަފާރީގައި އާ ގޮތްތަކާއި، އާ ވިސްނުންތަކާއި، އާ އުފެއްދުންތަކާއި ޚިދުމަތްތައް ތަޢާރުފުކުރުމަށް ހިތްވަރުދީ، އެފަދަ ވިޔަފާރިތައް ކުރިއަރުވައި އެ ވިޔަފާރިތަކުގެ ފެންވަރު މަތިކުރުން.
މި ގާނޫނަށް ސަރުކާރުގެ ފަރާތުން އިތުރު މުހިންމު އިސްލާހުތަކެއް ވެސް ހުށަހަޅާފައިވާއިރު މުވައްޒަފުން ވަޒިފާއިން ވަކިކުރާއިރު ދޭންޖެހޭ ނޯޓިސްގެ މުއްދަތުތަކަށް ގެނައި ބަދަލުތަކާއި، ސަރުކާރު މުވައްޒަފުންގެ ދަރިންނަށް ދެ އަހަރު ވަންދެން މުސާރައިން ނުކެނޑޭ ގޮތަށް އެ މުވައްޒަފުންނަށް ދުވާލަކު ދެ ފަހަރަށް ބައިގަޑިއިރުގެ ހުސް ވަގުތުކޮޅެއް ލިބޭ ގޮތް ހެދުމަށް ހުށަހަޅާފައި ވެއެވެ.