ENGLISH

21 ފެބްރުއަރީ 2026

Advertisement

ވިހި ރުފިޔާ އާއި 100 ރުފިޔާގެ އައު ނޫޓުތައް ދައުރުކުރަން ފަށައިފި

17 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

އެމްއެމްއޭ އިން އަލަށް ނެރުނު ވިހި ރުފިޔާއާއި 100 ރުފިޔާގެ ނޫޓުތައް . ފޮޓޯ؛އެމްއެމްއޭ

"ރަންދިހަފަހެއް" ނޫޓު ސީރީޒްގެ ވިިހި ރުފިޔާ އާއި 100 ރުފިޔާގެ އަލަށް ގެނައި ނޫޓުތައް ބާޒާރަށް ނެރެ، ދައުރުކުރަން ފަށައިފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން ބުނީ މިއީ، އިޤްތިސާދުގައި އަލަށް އުފެދޭ ޑިމާންޑަށާއި އަދި އެމްއެމްއޭއަށް ލިބޭ ބައުވެ ހަލާކުވެފައިވާ ނޫޓުތައް އައުކުރުމަށް ނެރޭ އައު ބެޗެއްކަމަށެވެ.   

މަރުކަޒީ ބޭންކުން ހާމަކުރި ގޮތުގައި، މި ނޫޓުތައް ދައުރުކުރަން ފަށާފައިވަނީ މިއަދުން ފެށިގެންނެވެ. މީގެ ތެރޭގައި ހިމެނެނީ މި އަހަރުގެ ފެބުރުވަރީ މަހުގެ ދެ ވަނަ ދުވަހު  އެ އޮތޯރިޓީއަށް ލިބުނު 100 ރުފިޔާގެ ނޫޓުތަކާއި، ފެބުރުވަރީ މަހުގެ 15 ވަނަ ދުވަހު ލިބުނު ވިހި ރުފިޔާގެ ނޫޓުތަކެވެ. މި ނޫޓުތައް ބާޒާރަށް ނެރުމުގެ މައިގަނޑު މަގުސަދަކީ އިގްތިސާދުގެ ތެރޭގައި ނަގުދު ފައިސާ ދައުރުކުރުމުގައި ދަތިކަމެއް ނެތި، ބޭނުންވާ މިންވަރަށް ފައިސާ ފޯރުކޮށްދިނުން ކަމަށް އެމް.އެމް.އޭ އިން ބުނެއެވެ.

އެމްއެމްއޭ އިން މައުލޫމާތު ދޭ ގޮތުގައި އަލަށް ނެރުނު މި ނޫޓުތަކުގައި ސޮއިކުރައްވާފައިވަނީ ގަވަރުނަރު އަޙްމަދު މުނައްވަރެވެ. އަދި ނޫޓުގައިވާ ތާރީޚަކީ 31 ޖުލައި 2025 (6 ސަފަރު 1447) އެވެ. އެމްއެެމްއޭއިން ބުނީ ސްޓޮކް މަދުވުމުން އައު ނޫޓުތައް ނެރުމަކީ ފައިސާ ބެލެހެއްޓުމުގެ ނިޒާމުގެ ތެރެއިން އާންމުކޮށް ކުރަމުންދާ ކަމެއްކަމަށެވެ.

އެމްއެމްއޭއިން މި ފަހަރު ނެރުނު ވިހި ރުފިޔާގެ ނޫޓުގެ ފަރުމާއަށް ވަނީ މުހިންމު ބަދަލެއް ގެނެސްފައެވެ.  މީގެ ތެރެއިން ވިހި ރުފިޔާގެ މި އައު ޗާޕުގެ ދެފުށުގައި ދިވެހި ރުފިޔާގެ ނިޝާން އަލަށް ހިމަނާފައިވެއެވެ. މިގޮތުން ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނީ ނޫޓުގެ މޫނުމަތީގެ ވައަތްފަރާތުން މަތީގައިވާ، މޫނުމަތީ އަގާއެކު އަދި ނޫޓުގެ ފަހަތުގެ ކަނާއަތް ފަރާތުން މަތީގައިވާ، މޫނުމަތީ އަގާއެކުގައި ކަމަށް އެމްއެމްއޭއިން ހާމަކުުރެއެވެ. އަދި 2024 ވަނަ އަހަރުގެ ޖުލައި މަހުގެ ހަތް ވަނަ ދުވަހުގެ ތާރީޚުގައި އެންމެ ފަހުން ނެރެފައިވާ 100 ރުފިޔާގެ ނޫޓާއި އެއްގޮތަށް 100 ރުފިޔާގެ މި އައު ޗާޕުގައިވެސް ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނެއެކަމަށް މަރުކަޒީ ބޭންކުން މައުލޫމާތުދެއެވެ.  

އެމް.އެމް.އޭ އިން އިތުރަށް ހާމަކުރި ގޮތުގައި، އަލަށް ނެރުނު ނޫޓުތަކާއެކު މިހާރު ދައުރުވަމުންދާ ވިހި ރުފިޔާ އާއި 100 ރުފިޔާގެ ހުރިހާ ނޫޓުތަކަކީ ވެސް ސައްހަ ނޫޓުތަކެކެވެ. އަދި އާންމުންގެ ބޭނުންތަކާ އެއްވަރަށް ފައިސާ ފޯރުކޮށްދީ، ދިވެހި ފައިސާއަށް އޮންނަ އިތުބާރު ދެމެހެއްޓުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން އެ އޮތޯރިޓީން ވަނީ ދީފައެވެ. 

ކިޔުންތެރިންގެ ހިޔާލު