ENGLISH

20 ފެބްރުއަރީ 2026

Advertisement

ބޮޗޭ އާޒިމަށް: ޕީއެންސީ މެމްބަރުން ނިދާފައި ތިބިނަމަ މަނިކުފާނަކަށް އެއްކަމެއް ވެސް ނުވީސް

17 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ). ފޮޓޯ؛ޕީއެންސީ

ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން މާލޭ ސިޓީ ކައުންސިލަށް އިންތިހާބުވެފައިވާ ކައުންސިލަރުންނަކީ، ވަޒީފާގެ ޒިންމާ އަދާ ކުރެވޭ ބައެއް ނޫންކަމަށް ބުނެ މާލޭގެ މިހާރުގެ މޭޔަރު އާދަމް އާޒިމް ދައްކަވަމުން އަންނަ ވާހަކަތަކަށް މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) ރައްދު ދެއްވައިފިއެވެ. 

މާލޭގެ މޭޔަރުކަމުގެ ދެ ވަނަ ދައުރެއް ހޯއްދެވުމަށް ކެމްޕެއިން ކުރައްވަމުން ގެންދަވާ މިހާރުގެ މޭޔަރު އާދަމް އާޒިމް މިފަހުން ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޕީއެންސީގެ ކައުންސިލަރުންނަކީ، ވަޒީފާގެ ޒިންމާ އަދާ ކުރެވޭ ބައެއް ނޫންކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ޕީއެންސީ ކައުންސިލަރުން ތިއްބަވަނީ "ނިދާފައި" ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. 

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކޮންގްރެސް ޕާޓީގެ ޓިކެޓުގައި މާފަންނުގެ ދާއިރާތަކަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މެމްބަރު ވިދާޅުވީ ޕީއެންސީގެ ޓިކެޓުގައި އިންތިހާބުވެފައި ތިއްބެވި ކައުންސިލަރުންނަކީ "ނިދާފައި" ތިބި ބައެއް ކަމަށް ބުނެ މާލޭގެ މޭޔަރު ވާހަކަ ދައްކަވަމުން އަންނަކަމަށެވެ. 

"އެބޭފުޅުން ނިދާފައި ތިބި ނަމަ މޭޔަރު އާޒިމްއަކަށް އެއްކަމެއް ވެސް ނުވީސް. ކައުންސިލުގެ މޭޔަރަށް ކަމެއް ވަނީ ކައުންސިލަރުން އެ މޭޔަރަށް ކަމެއް ކުރުމުގެ ފުރުސަތު ދީގެން. އެހެންވީމަ މިބޭފުޅުން ހޭލާ ތިއްބަވައިގެން މި ޕްރޮޖެކްޓްތައް އެޕްރޫވްކުރީމާ އެކަންކަން އެ ވަނީ. އެހެންނޫނިއްޔާ އެއްކަމެއް ވެސް ނުވާނެ. " - މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ)

ގައުމު ތަރައްގީވާން ޕީއެންސީގެ ކައުންސިލަރުން ބޭނުންވާކަމަށާއި މިހާތަނަށް އައިއިރު އިދިކޮޅު ޕާޓީއެއްގެ ބޭފުޅަކަށް އެއްބާރުލުންދީގެން މަސައްކަތްކުރީ މި ސަބަބާ ހުރެ ކަމަށް މެމްބަރު ވިދާޅުވިއެވެ.  

މި އެއްބާރުލުން މާލޭގެ މޭޔަރަކަށް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުންނެވިއިރު ދީފައި ނުވާ ކަމަށް ވިދާޅުވެ، އެއިރު މާލެ ތަރައްގީކުރުމަށް އަދި ރައްޔިތުންނަށް ހިދުމަތްކުރުމަށް ދިމާވި ގޮންޖެހުންތަކަށް ހައްލު ހޯދަން ޖެހުނީ ގާނޫނުތައް އިސްލާހުކޮށްގެންކަމަށް މެމްބަރު ވިދާޅުވިއެވެ. 

އެއިރުގެ އުނދަގޫތައް ތަކުރާރުވާން ނޭދޭކަމަށާއި ވުމާއިއެކު، ރައްޔިތުންނަށް ލިބުނު ފުރުސަތުގެ ބޭނުން ހިއްޕަވައި "ދޫންޏަށް" ވޯޓު ދިނުމަށް، ހާއްސަކޮށް މާފަންނުގެ ރައްޔިތުންނަށް އަދި އާއްމުކޮށް މާލޭގެ ރައްޔިތުންނަށް މެމްބަރު ގޮވާލެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު