ENGLISH
20 ފެބްރުއަރީ 2026
މުސްތަފާ ވިދާޅުވެދެއްްވީ އިންތިހާބުގައި ކޮންގުރެސް ޕާޓީ އިހުތިޔާރުކުރަންވީ ސަބަބުތައް
17 ފެބްރުއަރީ 2026
|
މާފަންނު ކެމްޕެއިން އިފްތިތާހުކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ވާހަކަދައްކަވަނީ
އެންމެ މަޤްބޫލު
ކުރިއަށް މިއޮތް ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިިހާބުގައި ވެރިކަންކުރާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިޚުތިޔާރުކުރަންވީ ސަބަބުތައް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހިމް ވިދާޅުވެދެެއްވައިފިއެވެ.
ކޮންގްރެސް ޕާޓީން މާފަންނުގެ ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން އިފްތިތާހުކުރަން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުސްތަފާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކޮށްދެއްވާފައިވާ މަސައްކަތްޕުޅުގެ ބަދަލުގައި ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން ހޮވަން ޖެހޭ ކަމަށެވެ.
"ރައީސް ކޮށްދެއްވާ މަސައްކަތްތަކުގެ ބަދަލުގައި އެމަނިކުފާނަށް ދޭ ގިފްޓެއްގެ ގޮތުގައި ޕީއެންސީގެ ކެންޑިޑޭޓުން ހޮވަން ޖެހޭ. އަދި އެ ގިފްޓު އެމަނިކުފާނަށް ދޭނަން" - ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު، މުހައްމަދު މުސްތަފާ އިބްރާހިމް
މީގެ އިތުރުން ރައީސް ކޮށްދެއްވި މަސައްކަތްތައްވެސް މުސްތަފާ ވަނީ އޭނާގެ ވާހަކައިގައި ފާހަގަކުރައްވާފައެވެ.
އެގޮތުން ރައީސް ފައްޓަވާފައިވާ މަސައްކަތްތަކުގެ ތެރެއިން ސުނާމީ ބިނާ ތަރައްގީކުރުމުގެ މަސައްކަތާއި ރަސްފަންނު ބޮޑުކުރުމުގެ މަސައްކަތް ފާހަގަކުރައްވައި ވަނީ އެމަނިކުފާނަށް ތާރީފު ކުރައްވާފައެވެ. އަދި ބާޒާރުމަތީގެ ތޮށްޖެހުން ކުޑަކުރުމަށްޓަކައި ބޮޑުތަކުރުފާނު މަގު ބޮޑު ކުރުމުގެ މަޝްރޫގެ އިތުރުން ހުޅަނގު މޫސުމުގެ ވިއްސާރައާއި ގުޅިގެން ފެންބޮޑުވުމަށް އެމަނިކުފާނު ގެނެސްދީފައިވާ ހައްލުވެސް ފާހަގަކުރައްވާފައިވެއެވެ.
އިތުރަށް މުސްތަފާ ވިދާޅުވީ، ރައީސް މުއިއްޒު ކޮށްދެއްވާކަންކަން ފުރިހަމަ އަށް ބަލައިގަންނަ ކަމަށެވެ. އަދި އެއީ ވެރިކަން ކުރާ ޕާޓީގެ ކެންޑިޑޭޓުން ހޮވަން ޖެހޭ ސަބަބެއް ކަމަށްވެސް ވިދާޅުވިއެވެ.
ވިލިމާލެ ބުރިޖު އެޅުމާއި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ގެ މަސައްކަތް ކުރިއަށް ނުގޮސް އޮއްވާ ރައީސް މުއިއްޒު އެ މަޝްރޫތައް ނިންމަވާދެއްވާފައިވާކަން ފާހަގަކުރައްވާ މުސްތަފާ އިތުރަށް ވިދާޅުވީ، މިއީ ރައީސް މުއިއްޒު ކޮށްދެއްވި މަސައްކަތްޕުޅުގެ ތެރެއިން ލޮލަށް ފެންނަން ހުރި މަންޒަރުކަމަށެވެ.
މީގެ އިތުރުން، ރައީސް މުއިއްޒަކީ މާފަންނަށް ނިސްބަތްވާ ބޭފުޅެއް ކަމަށާއި ރައީސް ވިދާޅުވެދެއްވާ ކޮންމެ ކަމެއް ކުރަން މާފަންނުގެ ރައްޔިތުން ތިބޭނީ ތައްޔާރަށް ކަމަށް މުސްތަފާ ވިދާޅުވިއެވެ.
ސަރުކާރައި ދެކޮޅު ޕާޓީއެއްގެ މޭޔަރެއް ހުރުމުން ދިމާވާ ދަތިތައް ފާހަގަކުރައްވާ މުސްތަފާ ވިދާޅުވީ މާފަންނު ކުޅުންތެރިންނަކީވެސް މާލޭގެ ރައްޔިތުން ކަމަށާއި، އެ ކުދިން ކުޅެންވެސް ދަނޑު ހޯދަން އެތައް މަސައްކަތްތަކެއް ކުރި ނަމަވެސް ސިޓީ ކައުންސިލުން ދަނޑު ނުދޭކަން ފާހަގަކުރައްވާފައެވެ. އަދި އެކަން ކުރަން ޖެހުނީ ޕީއެންސީ ކެންޑިޑޭޓުންނަށް ދަނޑު ލިބިފައިވާ ގަޑިތަކުގައިކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ. އެހެންކަމުން މާލެސިޓީގެ މޭޔަރަށް ހޮވަނީ ކޮން ޕާޓީއެއްގެ ކެންޑިޑޭޓެއްކަން ޔަގީންކުރުން ވަރަށް މުހިންމު ކަމަށްވެސް ވިދާޅުވިއެވެ.
މުސްތަފާ ވިދާޅުވި ގޮތުގައި މާލޭ ސަރަހައްދުގައި ބިންހިއްކުމުގެ މަޝްރޫތައް ކުރިއަށް ގެންގޮސްފައިވަނީ ހަމައެކަނި އެބޭފުޅުންގެ ވެރިކަމުގައެވެ. އަދި އެކަމުގައި އެމްޑީޕީގެ އެއްވެސް ހިއްސާ އެއް ނުވާނެ ކަމަށާއި އެމްޑީޕީގެ އެއްވެސް ވެރިކަމެއްގައި ބިން ހިއްކުމުގެ މަޝްރޫއެއް މާލޭ ސަރަހައްދުގައި ކުރިއަށް ގެންގޮސްފައި ނުވާނެ ކަމުގެ ޔަގީންކަންދެއްވާފައިވެއެވެ. އިތުރަށް އެފަދަ މަޝްރޫތައެް ހިންގުމަށް މަގުފަހިވާނީވެސް ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން ހޮވައިގެން ކަމަށްވެސް މުސްތަފާ ވިދާޅުވިއެވެ.
މުސްތަފާގެ ވާހަކަފުޅު ނިންމަވާލައްވަމުންވަނީ ރައްޔިތުންގެ މަޖިލީހަށް ޕީއެންސީގެ މެންބަރުން ހޮވައިދެއްވުމުން ރައީސް ގެ މަސައްކަތްތޕުޅުތަކަށް ފަސޭހަތަކެއް ލިބިގެންގޮސްފައިވާކަން ފާާހަގަކުރައްވައި އެކަމަށް ރައްޔިތުންނަށް ޝުކުރުދަންނަވާފައެވެ.