ENGLISH
20 ފެބްރުއަރީ 2026
މޭޔަރު އުޅުއްވަނީ އޮޅުވައިލައްވަން؛ ކައުންސިލުގެ ޖަލްސާ ކުރިއަށްނުގެންދެވީ ކޯރަމް ހަމަވެފައި އޮއްވައި
17 ފެބްރުއަރީ 2026
|
މާލެ ސިޓީ ކައުންސިލުގެ ބައްދަލުވުމެއްގެ ތެރެއިން، ފޮޓޯ: މާލެ ސިޓީ ކައުންސިލު
އެންމެ މަޤްބޫލު
ކޯރަމް ހަމަނުވުމުގެ ސަބަބުން މާލެ ސިޓީ ކައުންސިލުގެ މިއަދުގެ ބައްދަލުވުން ކުރިއަށްގެންދެވެން ނެތްކަމަށް ވިދާޅުވެ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް މިއަދުގެ ޖަލްސާ ކުރިއަށްނުގެންދެވައި ކެންސަލުކުރެއްވީ، ކޯރަމް ހަމަވެފައި އޮއްވައި ކަމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް ވިދާޅުވެއްޖެއެވެ.
މިއަދު އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި އަރީޝް ވިދާޅުވީ މިއަދުގެ ޖަލްސާގެ ކޯރަމް ހަމަނުވާކަމަށް ވިދާޅުވެ އާޒިމް ކައުންސިލުގެ ބައްދަލުވުން ކުރިއަށްނުގެންދެވީ ކޯރަމް ހަމަވެ، ޖަލްސާ ކުރިއަށްގެންދިއުމުގެ ހުރިހާ ކަމެއް ބަރާބަރަށް ފުރިހަމަވެފައި އޮއްވައި ކަމަަށެވެ. އަދި އެއީ މާލެ ސިޓީ ރައްޔިތުން ހޮވާފައިވާ މޭޔަރު އޭނާގެ މަގާމުގެ ނުފޫޒު ނާޖައިޒު ގޮތުގައި ބޭނުންކުރައްވައިގެން މާލޭ ރައްޔިތުންނަށް ވެވަޑައިގަންނަވާ އިހުމާލެއް ކަމުގައިވެސް އަރީޝު ވިދާޅުވިއެވެ.
އިތުރަށް އަރީޝް ތުހުމަތުކުރެއްވީ މާލެ ސިޓީ ކައުންސިލުގެ ބައްދަލުވުންތައް ބާއްވާނެ ދުވަހަަކީ ކޮންމެ ހަފުތާއެއްގެ ބުދަދުވަސް ކަމުގައި ކަނޑައަޅުއްވައި އެކަން އެގޮތަށް ކުރަމުން އަންނަތާ އެތައް ދައުރެއް ފާއިތުވެފައިވަނިކޮށް، މިއަދު ކުއްލި ގޮތަކަށް ކައުންސިލުގެ ބައްދަލުވުމެއް ބޭއްވުމަށް މޭޔަރު ނިންމެވީވެސް ކޯރަމް ހަމަނުވުމުގެ އިލްޒާމް ކައުންސިލަރުންގެ އިސްތަށިފުޅުގައި އެޅުއްވުމަށް ކަމަށެވެ.
ކުއްލިއަކަށް ކައުންސިލު ބައްދަލުވުމެއް ތާވަަލުކުރުމުންވެސް މިއަދުގެ ޖަލްސާއަށް މޭޔަރު ހިމެނިވަޑައިގަންނަވާހެން ދިހަ ބޭފުޅުން ވަޑައިގެންނެވިކަން ފާހަގަކުރައްވައި އަރީޝްވަނީ ބައްދަލުވުމަށް ވަޑައިގެންނެވި ކައުންސިލަރުންގެ ލިސްޓުވެސް އާއްމުކުރައްވާފައެވެ. މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތީ؛
1- މޭޔަރު އާދަމް ޢާޒިމް
2- ޑިޕިއުޓީ މޭޔަރ ޢަރީޝް
3- ކައުންސިލަރ އައިމަން
4- ކައުންސިލަރ ނަޙުލާ
5- ކައުންސިލަރ ރީޙާން
6- ކައުންސިލަރ ސަޢީދާ
7- ކައުންސިލަރ ސައިފް
8- ކައުންސިލަރ ރިޝްފާ
9- ކައުންސިލަރ ނިޒާމް
10- ކައުންސިލަރ މަރިޔަމް ނާޒިމާ
މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި އޮތް އެއްކަމަކީ މާލޭގައި ހުންނަ ސިނަމާލެ ފުލެޓުތަކުގެ ޖޫރިމަނާ މައާފުކޮށްދިނުންކަން ފާހަގަކުރައްވަމުން އަރީޝް ވިދާޅުވީ އެ ފުލެޓުތަކުގެ ޖޫރިމަނާ މައާފުކުރެއްވުމަކީ ފާއިތުވި ޖަނަވަރީ މަހުގެ ފަސްވަނަ ދުވަހު ރައީސް ޑރ.މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ކަމެއް ކަމަށެވެ. އަދި ޖަނަވަރީ ހަތްވަނަ ދުވަހު ކައުންސިލަށް ރައީސް އޮފީހުން ފޮނުވި ސިޓީއެއްގައި އެ ނިންމެވުން ތަންފީޒުކުރަން އަންގާފައިވާ ކަމަށްވެސް އަރީޝް ވިދާޅުވިއެވެ.
އިއްޔެ ސިނަމާލޭ ފުލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންނާއެކު ރައީސް ޑރ.މުޢިއްޒު ބޭއްވެވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމަނިކުފާނުވަނީ ޖޫރިމަނާ މައާފުކުރެއްވުމަށް ނިންމަވައި، އެ ނިންމެވުން ތަންފީޒުކުރުމަށް މާލެ ސިޓީ ކައުންސިލަށް އެންގެވިކަން އެ ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.
އަރީޝް ވިދާޅުވީ މާކުރިން ރައީސް ނިންމަވާފައި އޮތް ނިންމެވުމެއް މިއަދުގެ ކައުންސިލު ޖަލްސާއަށް މޭޔަރު އެޖެންޑާކުރެއްވި ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި ކައުންސިލަރުންނާ މަޝްވަރާނުކުރައްވައި ކުއްލި ގޮތަކަށް ކައުންސިލުގެ ބައްދަލުވުމެއް ތާވަލުކުރެއްވީ ކީއްވެކަންވެސް އެނގިވަޑައިނުގަންނަވާ ކަމަށާއި، ސާފުކޮށް ކޯރަމް ހަމަވެފައި އޮއްވައި ކޯރަމް ހަމަނުވާކަމަށް ވިދާޅުވެ ޖަލްސާ ކުރިއަށްނުގެންދެވި ސަބަބުވެސް ސާފުނުވާކަމަށް އަރީޝު ވިދާޅުވިއެވެ.
"މުޅީންވެސް މި ފެންނަނީ ކައުންސިލަރުންގެ ބަހެއް އެހުމަކާ ނުލައި އަމިއްލަ އެދުންތައް ހާޞިލްކުރުމަށް ކަންކަން ރާވާ، އަދި ޤާނޫނާ ޚިލާފަށް ޖަލްސާތައް ކެންސަލްކޮށް، މާލެ ސިޓީގެ ލޮބުވެތި ރައްޔިތުންނާ، އެ ރައްޔިތުން އިންތިޚާބުކުރި ކައުންސިލަރުންގެ ޙައްގުތަކަށް މޭޔަރު އާދަމް ޢާޒިމް އަރައިގަންނަ މަންޒަރު.،" އަރީޝް ވިދާޅުވިއެވެ.
ކައުންސިލު އިންތިހާބު ކެމްޕެއިނުގައި އާޒިމް ގެންދަވަނީ ކައުންސިލުގެ މަސައްކަތްތަކަށް މިހާރު ކައުންސިލުގައި ތިއްބެވި ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން ހުރަސް އަޅުއްވާކަމަށް ވިދާޅުވެ އެ ބޭފުޅުންނަށް ބޮޑެތި ތުހުމަތުތައް އަމާޒުކުރައްވަމުންނެވެ. ކައުންސިލަކީ އަޣުލަބިއްޔަތުން ކަންކަން ނިންމަންޖެހޭ ތަނަކަށްވާއިރު މާލޭ ސިޓީ ކައުންސިލުގެ އަޣުލަބިއްޔަތު އޮތީ ކޮންގްރެސް ޕާޓީއަށްކަން ފާހަގަކުރެވެއެވެ.