ENGLISH
20 ފެބްރުއަރީ 2026
އެއްވެސް މިނިވަން ކެންޑިޑޭޓަކަށް ޕީއެންސީން ތާއީދުނުކުރަން: ފަލާހު
17 ފެބްރުއަރީ 2026
|
ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު، ފޮޓޯ: ޕީއެންސީ
އެންމެ މަޤްބޫލު
ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި އަމިއްލަ ގޮތުން މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ވާދަކުރައްވާ އެއްވެސް ބޭފުޅަކަށް ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގުރެސް ޕާޓީން ތާއީދުނުކުރާކަމަށް އެ ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި ކައުންސިލު އިންތިހާބުގެ ކެމްޕެއިން މެނޭޖަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
މާލޭގެ މާފަންނުގެ ދާއިރާތަކަށް ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުން ތައާރަފުކުރުމަށާއި، އެ ކެންޑިޑޭޓުންގެ ކެމްޕެއިން ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ ގިނަ ޕާޓީތަކެއް ރާއްޖޭގައި ހިންގަމުންދިޔަ ނަމަވެސް ކައުންސިލު އިންތިހާބަށް ގިނަ ދާއިރާތަކަށް ކެންޑިޑޭޓުން ނެރެފައިވަނީ ޕީއެންސީއާއި އިދިކޮޅު މައި ޕާޓީ ކަމަށްވާ އެމްޑީޕީން ކަމަށެވެ.
ބައެއް ޕާޓީތަކުން ހަތަރު ގޮނޑިއަށް ނުވަތަ ފަސް ގޮނޑިއަށް ކެންޑިޑޭޓުން ނެރެފައިވާއިރު، ޕީއެންސީއާއި އެމްޑީޕީ ފިޔަވައި ދެން އެންމެ ގިނައިން ކެންޑިޑޭޓުން ނެރުނު ޕާޓީން ނެރެފައިވަނީ 17 ކެންޑިޑޭޓުންކަން ފާހަގަކުރައްވަމުން ފަލާހު ވިދާޅުވީ އަމިއްލަ ގޮތުން މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ވަރަށް ގިނަ ބޭފުޅުން އިންތިހާބުގައި ވާދަކުރައްވަމުންދާ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ އެއިން ވަރަށް ގިނަ ކެންޑިޑޭޓުން އެ ބޭފުޅުންނަކީ ސަރުކާރުގެ ކެންޑިޑޭޓުންގެ ގޮތުގައި ނުވަތަ ޕީއެންސީން ތާއީދުކުރާ ކެންޑިޑޭޓުންގެ ގޮތުގައި ރައްޔިތުންނަށް ދެއްކުމަށް މަސައްކަތްކުރައްވަމުންގެންދެވި ނަމަވެސް ޕީއެންސީން ތާއީދުކުރަނީ އެ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ އެ ޕާޓީގެ ކެންޑިޑޭޓުންނަށް އެކަނި ކަމަށެވެ.
"ޕީއެންސީގެ ކެންޑިޑޭޓުންނަކީ ޕީއެންސީން ޓިކެޓު ދީގެން ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުން. ޕީއެންސީގެ އެއްވެސް ކެންޑިޑޭޓެއް އަމިއްލަ ގޮތުން ނުވަތަ އެހެން ޕާޓީއަކުން ކުރިމަތިލާފައެއް ނުހުންނާނެ. އެގޮތަށް އެ ފަތުރާ ހުރިހާ ވާހަކަތަކަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް،" ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވި ގޮތުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ބައެއް ކެންޑިޑޭޓުންގެ ވިސްނުންފުޅަކީ އަމިއްލަ ގޮތުން ވާދަކުރައްވައިގެން އިންތިހާބު ކާމިޔާބުކުރެއްވުމަށްްފަހު، ބޮޑު މަންފާއެއް ހާސިލުކުރައްވައިގެން ކޮންމެވެސް ޕާޓީއަކާ ގުޅިވަޑައިގަތުމުގެ ވިސްނުމެވެ. އެ ވިސްނުންފުޅަކީ ރަނގަޅު ވިސްނުންފުޅެއް ނޫންކަމުގެ ޔަގީންކަން ދެއްވަމުން ފަލާހު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅަކީ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންނަށް އިންތިހާބު ކާމިޔާބުކޮށްދެއްވުން ކަމަށެވެ.