ENGLISH
10 އޭޕްރީލު 2025
އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ، ތަޖިކިސްތާނާ އެއްގްރޫޕަކަށް
09 ޑިސެމްބަރު 2024
|
މީގެކުރީން ގައުމީ ފުޓްބޯޅަ ޓީމު ކުޅުނު މެޗެއްގެ ކުރީން. --ފޮޓޯ: މިހާރު
ދެހާސް ހަތާވީސް ވަނަ އަހަރު ސަޢޫދީ އަރަބިއްޔާގައި ބާއްވާ އޭޝިއަން ކަޕަށް ކުޅޭ ކޮލިފައިންގައި ތަޖިކިސްތާނާއި، ފިލިޕީންސް އަދި އީސްޓް ޓިމޯ އާ އެކު ރާއްޖޭން ގްރޫޕް އޭގައި ލައްވާލައިފިއެވެ.
ރާއްޖެ އާ އެކު މި ގްރޫޕުގައި ހިމެނޭ ތިން ޓީމާ އެކު މީގެކުރީން ވަނީ ކުޅެފައެވެ. އޭގެތެރެއިން، ތަޖިކިސްތާނާ ދެކޮޅަށް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވިއިރު، އަނެއް މެޗުން ވަނީ އެއްވަރުވެފައެވެ.
ފިލިޕީންސާ ދެކޮޅަށް ކުޅުނު ހަމައެކަނި މެޗުގައި ވަނީ ބަލިވެފައެވެ. އެއީ، 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕްގައެވެ. އެ މުބާރާތުގެ ސެމީގައި ރާއްޖެ ބަލިވީ އިތުރު ވަގުތުގެ ދެ ހާފު ކުޅެގެން 3-2 އިންނެވެ.
މީގެކުރީން، އީސްޓް ޓިމޯއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗަކީ ވެސް 2014 ވަނަ އަހަރުގައި ކުޅުނު މެޗެކެވެ. އެ ފަހަރުގެ އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓްގައި ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމު މޮޅުވީ 3-2 އިންނެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ 24 ޓީމު ވަނީ ހަ ގްރޫޕަކަށް ބަހާލައިފައެވެ. އޭޝިއަން ކަޕަށް ކޮލިފައިވަނީ ކޮންމެ ގްރޫޕެއްގެ އެއްވަނަ ހޯދާ ޓީމު އެކަންޏެވެ.
ކޮލިފައިންގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާރިޗް މަހުގެ 25 ވަނަ ދުވަހު އެވެ.
ކޮލިފައިންގ ގްރޫޕްތައް ބެހިފައިވާ ގޮތް:
ގްރޫޕް އޭ: ތަޖިކިސްތާން، ފިލިޕީންސް، ދިވެހިރާއްޖެ، ޓިމޯރ-ލެސްޓޭ
ގްރޫޕް ބީ: ލެބަނަން، ޔަމަން، ބޫޓާން، ބްރުނާއީ ދާރުއްސަލާމް
ގްރޫޕް ސީ: އިންޑިއާ، ހޮންގކޮންގ، ޗައިނާ، ސިންގަޕޯރ، ބަންގްލަދޭޝް
ގްރޫޕް ޑީ: ތައިލެންޑް، ތުރްކުމެނިސްތާން، ޗައިނީސް ޓައިޕޭ، ސްރީލަންކާ
ގްރޫޕް އީ: ސީރިއާ، އަފްޣާނިސްތާން، މިޔަންމާ، ޕާކިސްތާން
ގްރޫޕް އެފް: ވިއެޓްނާމް، މެލޭޝިއާ، ނޭޕާލް، ލާއޯސް