ENGLISH

10 އޭޕްރީލު 2025

Advertisement

ދެވަނަ މެޗުގައި އިންޑިއާ ބަލިކޮށް، އޮސްޓްރޭލިއާ އިން ސީރީޒް ހަމަހަމަކޮށްފި

09 ޑިސެމްބަރު 2024

|

މުޙައްމަދު އަދުހަމް

މެޗަށްފަހު އޮސްޓްރޭލިއާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ކްރިކްއިންފޯ

އިންޑިއާ އާ ދެކޮޅަށް ކުޅުނު ޓެސްޓް ސީރީޒްގެ ދެވަނަ މެޗުން 10 ވިކެޓުގެ ތަފާތަކުން އޮސްޓްރޭލިއާ މޮޅުވެއްޖެއެވެ.

އޮސްޓްރޭލިއާ އާ އިންޑިއާ މެދުގައި ކުރިއަށްދާ ބޯޑަރ-ގަވަސްކަރް ޓްރޮފީގެ ފުރަތަމަ ދެ މެޗަށް ފަހު ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފައެވެ.

އަޑެލައިޑްގައި ކުޅުނު މި މެޗުގެ ޓޮސް ދިމާވުމުން އިންޑިއާ އިން ކުޅެން އަރައި ހުރިހާ ކުޅުންތެރިން ނުބައިވީ 180 ލަނޑަށެވެ. އިންޑިއާ އިން އެންމެ ރަނގަޅަށް ކުޅުނީ 42 ލަނޑު ހެދި ނިތީޝް ކުމާރް ރެޑީ އެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު ކޭއެލް ރާހޫލް 37 ލަނޑު ހެދިއެވެ. އެ ޓީމުގެ ކުރީގެ ކެޕްޓަން، ވިރާތު ކޯލީ ނުބައިވީ އެންމެ ހަތް ލަނޑަށެވެ. އޮސްޓްރޭލިއާ އިން އެންމެ ރަނގަޅަށް އުކީ ހަ ވިކެޓް ނެގި މިޗޭލް ސްޓާކް އެވެ.

އޮސްޓްރޭލިއާގެ ފުރަތަމަ އިނިންގްސްގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން 337 ލަނޑު ހެދިއެވެ. އެންމެ ރަނގަޅަށް ކުޅުނީ 141 ބޯޅައިން 140 ލަނޑު ހެދި ޓްރޭވިސް ހެޑް އެވެ. މީގެ އިތުރުން، މާނުސް ލަބުޝާނޭ ވަނީ 66 ލަނޑު ހަދައިފައެވެ. މި އިނިންސްގައި އިންޑިއާގެ އުކުންތެރިން ކަމަށްވާ، ޖަސްޕްރީތު ބުމްރާ އާއި މުޙައްމަދު ސިރާޖް ކުރެން ކޮންމެ ކުޅުންތެރިއަކު ހަތަރު ވިކެޓް ނެގިއެވެ.

އިންޑިއާގެ ދެވަނަ އިނިންގްސްގައި ހުރިހާ ކުޅުންތެރިން 175 ލަނޑަށް ނުބައިވިއިރު، އެންމެ ގިނަ ލަނޑު ހެދީ ވެސް ނިތީޝް ކުމާރް ރެޑީ އެވެ. އޭނާ ވަނީ 42 ލަނޑު ހަދައިފައެވެ. އޮސްޓްރޭލިއާ އިން އެންމެ ރަނގަޅަށް އުކި ކެޕްޓަން، ޕެޓް ކަމިންސް ފަސް ވިކެޓް ނެގިއެވެ.

މެޗުގެ ފަހު އިނިންސްގައި އޮސްޓްރޭލިއާ އަށް މޮޅުވުމަށް އޮތް 19 ލަނޑުގެ ޓާގެޓަށް ވާސިލްވީ 3.2 އޯވަރުގެ ތެރޭގައި އެއްވެސް ކުޅުންތެރިއަކު ނުބައިނުވެއެވެ. އެ ޓީމުގެ ނޭތަން މެކްސްވީނީ ނުބައިނުވެ 10 ލަނޑުހެދިއިރު، އުސްމާން ހަވާޖާ ވަނީ ނުބައިނުވެ ނުވަ ލަނޑުހަދައިފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޮސްޓްރޭލިއާ އަށް ފުރަތަމަ އިނިންސްގައި ސައްތަހެދި ޓްރޭވިސް ހެޑް އެވެ.

ކިޔުންތެރިންގެ ހިޔާލު