ENGLISH

17 އޭޕްރީލު 2025

Advertisement

ގްރީޒްމަންގެ ދެ ލަނޑާއެކު ސެވިއްޔާ އަތުން އެތުލެޓިކޯ މޮޅުވެއްޖެ

09 ޑިސެމްބަރު 2024

|

މުޙައްމަދު އަދުހަމް

އެތުލެޓިކޯގެ ގްރީޒްމަން (ކ) އާއި ޑެ ޕޯލް. --ފޮޓޯ: ރޮއިޓާސް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުގައި އެންޓޮއިން ގްރީޒްމަން ވައްދާލި ދެ ލަނޑާއެކު ފަހަތުން އަރައި ސެވިއްޔާގެ މައްޗަށް 4-3 އިން އެތުލެޓިކޯ މެޑްރިޑް ކުރިހޯދައިފިއެވެ.

މި މެޗުން ހޯދި މޮޅާއެކު އެތުލެޓިކޯ ވަނީ ތާވަލްގެ ތިންވަނަ އަށް ޖެހިލައިފައެވެ. ލީގުގެ އެއްވަނައިގައި އުޅޭ ބާސެލޯނާއާ އެ ޓީމާ ދެމެދު އޮތީ ތިން ޕޮއިންޓުގެ ފަރަގެކެވެ. ބާސެލޯނާ އަށް 17 މެޗުން 38 ޕޮއިންޓް ލިބިފައިވާއިރު، އޭގެ ދެ ޕޮއިންޓް ފަހަތުން، އެއްމެޗު މަދުން ކުޅެގެން ދެވަނައިގައި އޮތީ ރެއާލް މެޑްރިޑެވެ. އެތުލެޓިކޯ ތިންވަނައިގައި އޮތީ ކުޅުނު 16 މެޗުން 35 ޕޮއިންޓް ހޯދައިގެންނެވެ.

އެތުލެޓިކޯގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ 10 ވަނަ މިނެޓުގައި އެ ޓީމުން ލީޑު ނެގީ އާޖެންޓީނާ މިޑްފީލްޑަރު، ރޮޑްރީގޯ ޑެ ޕޯލްގެ ލަނޑުންނެވެ. އޭގެ ދެ މިނެޓުފަހުން، ޑޮޑީ ލުކެބާކިއޯގެ ލަނޑުން ސެވިއްޔާ އެއްވަރުކުރިއެވެ. 

އޭގެފަހުން، ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގައި އިސާކް ރޮމޭރޯ ޖެހި ލަނޑާއެކު ސެވިއްޔާ އިން ހާފު ނިންމާލީ 2-1 އިން ކުރީގަ އޮވެގެންނެވެ. 

މެޗުގެ 57 ވަނަ މިނެޓުގައި ހުއަންލޫ ސަންޗޭޒްގެ ލަނޑުން ސެވިއްޔާ ލީޑު ފުޅާކޮށްފައިވަނިކޮށް، އޭގެ ފަސް މިނެޓުފަހުން ގްރީޒްމަން ކާމިޔާބުކުރި ގޯލުން އެތުލެޓިކޯ ފަރަގު ކުޑަކުރިއެވެ. އަދި އޭގެފަހުން، 79 ވަނަ މިނެޓުގައި ސެމުއެލް ލީނޯގެ ގޯލުން އެތުލެޓިކޯ އެއްވަރުކުރިއެވެ.

އިތުރު ވަގުތުގެ ހަތަރުވަނަ މިނެޓުގައި އެތުލެޓިކޯ މޮޅުވި ލަނޑު ޖަހައިދިނީ ގްރީޒްމަން އެވެ. މިއީ ލީގުގައި އޭނާ ޖެހި ހަތްވަނަ ލަނޑެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، އެތުލެޓިކް ބިލްބާއޯގެ ދަނޑުގައި އެ ޓީމުން ވަނީ 2-0 އިން ވިޔަރެއާލް ބަލިކޮށްފައެވެ. ރަށުން ބޭރުގައި ލެގަނޭސް އަތުން 0-3 އިން ރެއާލް ސޮސިއެޑާޑް ވަނީ މޮޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު