ENGLISH

10 އޭޕްރީލު 2025

Advertisement

ލާޒިއޯ އަތުން ބަލިވެ، ނަޕޯލީގެ މަގާމު ގެއްލިއްޖެ

09 ޑިސެމްބަރު 2024

|

މުޙައްމަދު އަދުހަމް

ލާޒިއޯއާ ނަޕޯލީ ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް

އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުގައި ލާޒިއޯ އަތުން 1-0 އިން ބަލިވެ، ނަޕޯލީގެ އެއްވަނަ މަގާމު ގެއްލިއްޖެއެވެ.

މި ނަތީޖާއާ އެކު އަދިވެސް އެއްވަނައިގައި އޮތީ އެޓަލާންޓާ އެވެ. އެ ޓީމަށް ކުޅުނު 15 މެޗުން 34 ޕޮއިންޓް ލިބިފައިވާއިރު، ނަޕޯލީ ދެވަނައިގައި އޮތީ 15 މެޗުން 32 ޕޮއިންޓް ހަމަކޮށްގެންނެވެ. ތިންވަނައިގައި އޮތް އިންޓަ މިލާނާއި، ހަތަރު ވަނައިގައި އޮތް ފިއޮރެންޓީނާ އަށް 14 މެޗުން ލިބިފައި ވަނީ 31 ޕޮއިންޓެވެ. އިންޓަ އަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. މި މެޗުން މޮޅުވި ލާޒިއޯ ވަނީ ހަމަ މިއަދަދަށް ޕޮއިންޓް ހަމަކޮށް، ފަސްވަނަ އަށް ޖެހިލައިފައެވެ. އިންޓަ އާއި ފިއޮރެންޓީނާ އަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ.

ނަޕޯލީގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ކުރީކޮޅު، އެ ޓީމަށް ލަނޑެއް ޖަހައިދޭން ސްކޮޓް މެކްޓޮމިނޭ އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ލާޒިއޯގެ ގޯލްކީޕަރު، އިވާން ޕްރޮވެޑެލް ވަނީ މަތަކޮށްފައެވެ.

އޭގެފަހުން، ލާޒިއޯގެ ގުސްޓާވް އިސަކްސަން ފޮނުވާލި ބޯޅައެއް ނަޕޯލީގެ ގޯލްކީޕަރު، އަލެކްސް މެރެޓް ހުއްޓުވިއިރު، ފުރަތަމަ ހާފު ނިމެންދަނިކޮށް، ނަޕޯލީގެ ކްވިޗާ ކްވަރަޝްކޭލިއާ ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ ކުރީކޮޅު ލާޒިއޯގެ ފިސާޔޯ ޑެލޭ-ބާޝިރު ފޮނުވާލި ބޯޅައެއް ގޯލްގެ ހުރަސްދަނޑިއަށް އަމާޒުވެފައިވާއިރު، ނަޕޯލީގެ އަންދްރޭ އަންގީސާ ބޮލުން ފޮނުވާލި ބޯޅަ ބޭރަށް ދިޔައީ އަރިމަތީދަނޑީގައި ޖެހިފައެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 79 ވަނަ މިނެޓުގައި ލާޒިއޯ އަށް ކާމިޔާބުކޮށްދިނީ ގުސްޓާވް އިސަކްސަން އެވެ. އޭނާ މި ލަނޑުޖެހީ ފަހު ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޓިޖާނީ ނޮސްލިން ދިން ބޯޅައަކުންނެވެ. ނޮސްލިން ވަނީ މި ދެ ޓީމު އެންމެ ފަހުން ކުޅުނު މެޗުގައި ހެޓްރިކް ހަދާފައެވެ.

މި މުބާރާތުގައި އިއްޔެ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ފިއޮރެންޓީނާގެ ދަނޑުގައި އެ ޓީމުން 1-0 އިން ކަލިއާރީ އަތުން ވަނީ މޮޅުވެފައެވެ. މި މެޗުގައި އެ ޓީމުގެ ހަމައެކަނި ލަނޑުޖަހައިދިނީ ޑަނީލޯ ކަޓާލްޑީ އެވެ.

ކިޔުންތެރިންގެ ހިޔާލު