ENGLISH

11 އޭޕްރީލު 2025

Advertisement

ޕާމާގެ އެހީގައި ޓޮޓްނަމް ބަލިކޮށް ޗެލްސީ ދެވަނަ އަށް

09 ޑިސެމްބަރު 2024

|

މުޙައްމަދު އަދުހަމް

ރޭގެ މެޗުގައި ޓޮޓްނަމް ކޮޅަށް ލަނޑުޖެހުމަށްފަހު ޗެލްސީގެ ޕާމާ އުފާ ފާޅުކުރަނީ. --ފޮޓޯ: ޕްރިމިއަރ ލީގު

ޕްރިމިއަރ ލީގުގައި ރޭ ކުޅުނު މެޗުގައި ކޯލް ޕާމާ ދެއްކި މޮޅު ކުޅުމާއެކު ޓޮޓްނަމް ހޮޓްސްޕަރ 3-4 އިން ބަލިކޮށް، ޗެލްސީން ތާވަލްގެ ދެވަނަ އަށް ޖެހިލައިފިއެވެ.

މި ނަތީޖާއާއެކު ޗެލްސީ ވަނީ އެންމެ ކުރީގަ އުޅޭ ލިވަޕޫލްއާ ހަތަރު ޕޮއިންޓާ ގާތަށް ޖެހިލައިފައެވެ. ލިވަޕޫލް އެއްވަނައިގައި އޮތީ 14 މެޗުން 35 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި ޗެލްސީ އޮތީ 15 މެޗުން 31 ޕޮއިންޓް ހަމަކޮށްގެންނެވެ. އޭގެ ދެ ޕޮއިންޓް ފަހަތުން ތިންވަނައިގައި އާސެނަލް އޮތްއިރު، ހަތަރުވަނައިގައި އޮތް މެންޗެސްޓަރ ސިޓީ އަށް 15 މެޗުން ލިބިފައިވަނީ 27 ޕޮއިންޓެވެ.

ޓޮޓްނަމްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ލީޑު ނެގީ ވެސް އެ ޓީމުންނެވެ. ފަސްވަނަ މިނެޓުގައި ޑޮމިނިކް ސޮލާންކޭ މި ލަނޑުޖަހައިދިންއިރު، އޭގެ ހަ މިނެޓުފަހުން އެ ޓީމުގެ ލީޑު ފުޅާކޮށްދިނީ ޑޭޔާން ކުލުސެވްސްކީ އެވެ. އެކަމަކު، މެޗުގެ 17 ވަނަ މިނެޓުގައި ޖޭޑަން ސަންޗޯ ވަނީ ޗެލްސީ އަށް ފަރަގު ކުޑަކޮށްދީފައެވެ.

ދެވަނަ ހާފުގެ ކުރީކޮޅު، ލިބުނު ޕެނަލްޓީއަކުން ޗެލްސީ އަށް އެއްވަރުކޮށްދިނީ ޕާމާ އެވެ. އަދި އޭގެފަހުން، މެޗުގެ 73 ވަނަ މިނެޓުގައި ޗެލްސީގެ ކެޕްޓަން، އެންޒޯ ފެނާންޑޭޒް ވަނީ ފުރަތަމަ ފަހަރަށް ލީޑު ނަގައިދީފައެވެ.

ޗެލްސީން މި މެޗުގައި ޖެހި ހަތަރުވަނަ ލަނޑު، 84 ވަނަ މިނެޓުގައި ޕާމާ ކާމިޔާބުކުރީ ވެސް ޕެނަލްޓީއަކުންނެވެ. މިއާއެކު، ޕާމާ ވަނީ ލީގުގެ ތާރީޚުގައި ސައްތައިން ސައްތައިގެ ރެކޯޑަކާއެކު އެންމެ ގިނަ ޕެނަލްޓީ ކާމިޔާބުކުރި ކުޅުންތެރިޔާގެ ޝަރަފު ހޯދައިފައެވެ. އޭނާ ވަނީ ލީގުގައި މިހާތަނަށް 12 ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. މި ގޯލާ އެކު ލީގުގައި އޭނާ ޖެހި ލަނޑުގެ އަދަދު ވަނީ 11 އަށް އަރައިފައެވެ.

އާސެނަލަށް ލަނޑުޖަހައިދިނުމަށްފަހު ސަލީބާ އުފާ ފާޅުކުރަނީ. --ފޮޓޯ: ޕްރިމިއަރ ލީގު

އިތުރު ވަގުތުގެ ތެރޭގައި ޓޮޓްނަމްގެ ތިންވަނަ ލަނޑުޖަހައިދިނީ ކެޕްޓަން، ސޮން ހެއުން-މިން އެވެ. މިއީ އެ ޓީމަށް އެންމެ ފަހުން ކުޅުނު ތިން މެޗުގައި އޭނާ ޖެހި ފުރަތަމަ ގޯލެވެ. 

ލީގުގައި ވާދަވެރި އާސެނަލުން ވަނީ ރަށުން ބޭރުގައި ފުލަމްއާ 1-1 އިން އެއްވަރުވެފައެވެ. މި މެޗުގެ ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައި ފުލަމް އަށް ލީޑު ނަގައިދިނީ މެކްސިކޯގެ ފޯވާޑް، ރައުލް ހިމެނޭޒް އެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ ކުރީކޮޅު އާސެނަލަށް އެއްވަރުކޮށްދިނީ ވިލިއަމް ސަލީބާ އެވެ. މިއީ އެ ޓީމަށް ލިބުނު ކޯނަރެއްގެ އެހީގައި ކައި ހަވާޓްޒް ޖައްސާލި ޕާހަކުން ސަލީބާ ކާމިޔާބުކުރި ގޯލެކެވެ.

މެޗު ނިމެން ދަނިކޮށް އާސެނަލުން ލަނޑެއްޖެހިނނަމަވެސް، ވީއޭއާރް އިން ބެލުމަށްފަހު އޮފްސައިޑް ކަމަށް ނިންމާ، ރެފްރީ އެ ލަނޑު ގަބޫލެއް ނުކުރިއެވެ. އެއީ، އެ ބޯޅަ ފޮނުވާލުމުގެ ކުރީން އާސެނަލްގެ ގެބްރިއެލް މާޓިނެލީ އޮފްސައިޑް މަގާމެއްގައި ހުރުމުންނެވެ.

މި މުބާރާތުގައި އިއްޔެ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، އިޕްސްވިޗްގެ ދަނޑުގައި ބޯންމަތު މޮޅުވީ 2-1 އިންނެވެ. ލެސްޓަރ ސިޓީގެ ދަނޑުގައި ބްރައިޓަންއާ ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

ކިޔުންތެރިންގެ ހިޔާލު