ENGLISH

04 ފެބްރުއަރީ 2026

Advertisement

މާލެ ސަރަހައްދުގެ 53 އިންސައްތަ ގޭބިސީތަކަށް މަސްދަޅު ކޭސް ދޫކޮށްފި

04 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

މާލެ ސަރަހައްދުން މަސްކޭސް ދޫކުރުން. ފޮޓޯ؛ސިޓީތަކާއި އިދާރީ ދާއިރަތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާ

ރޭގެ ނިޔަލަށް މާލެ ސަރަހައްދުގެ 53.5 އިންސައްތަ ގޭބިސީތަކަށް މަސްދަޅު ކޭސް ދޫކޮށްފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރަތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ބުނެފިއެެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް 1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާންމަހަށް ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސްތަކުގެ ތެރެއިން ގްރޭޓަރ މާލެ ސަރަޙައްދު (މާލެ، ވިލިނގިލި، އަދި ހުޅުމާލެ) ގެ ގޭބިސީތަކަށް ރޭގެ ނިޔަލަށް 35،132 މަސްދަޅު ކޭސް ވަނީ ދޫކޮށްފައެވެ.

ގްރޭޓަރ މާލެ ސަރަޙައްދުގައި ރަޖިސްޓްރީ ކުރެވިފައިވާ ޑޮމެސްޓިކް މީޓަރުތަކުގެ އަދަދަކީ 65،230 އެވެ. މަސްދަޅު ދޫކުރަނީ ކޮންމެ ޑޮމެސްޓިކް މީޓަރަކީ ގޭބިސީއެއް ކަމަށް ބަލައިގެންނެވެ. ރޭ އެންމެ ގިނައިން މަސްދަޅު ކޭސްތައް ދޫކޮށްފައިވަނީ ގަލޮޅު ދަނޑުގައި ގާއިމުކޮށްފައިވާ މަރުކަޒުތަކުންކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ. އެގޮތުން ގަލޮޅު ދަނޑުގައި ގާއިމުކޮށްފައިވާ ހަތަރު މަރުކަޒަކުން ރޭ އެކަނިވެސް 500 އަށްވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފައިވާކަމަށް ވުޒާރާއިން ބުނެއެވެ. 

މީގެ އިތުރުން އަތޮޅުތެރޭގައިވެސް މަސް ކޭސްތައް ބެހުމުގެ މަސައްކަތް ކުރަމުން އަންނައިރު ރަށްރަށުގައި މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެ ރަށެއްގެ ކައުންސިލުންނެވެ. 

ރޯދަ ހަދިޔާގެ ގޮތުގައި ދޭ މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް ވުޒާރާއާއި، ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް ގުޅިގެން ފެށީ ހުސްވި ޖަނަވަރީ މަހުގެ 24 ވަނަ ދުވަހުގެ ރެއެވެ. މާލެ ސަރަހައްދުގައި މަސްދަޅު ކޭސްތައް ދޫކުރަމުންދާނީ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ހުކުރުދުވަސް ފިޔަވައި ކޮންމެ ރެޔަކު 8:30 އިން 11:00 އަށެވެ.

މަސްދަޅު ކޭސް ހޯދުމަށް ޓޯކަން ލިބޭނީ https://roadhahadhiya.mv/dv ޕޯޓަލްއިންނެވެ.

ކިޔުންތެރިންގެ ހިޔާލު