ENGLISH
04 ފެބްރުއަރީ 2026
އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި
04 ފެބްރުއަރީ 2026
|
އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފަހުމުނާމާއެއްގައި ސޮއިކުރުން. ފޮޓޯ؛ ދިވެހި ފުލުހުންގެ ހިދުމަތް
އެންމެ މަޤްބޫލު
މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި އިލެކްޝަންސް ކޮމިޝަނާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
އިއްޔެ އިލެކްޝަންސް ކޮމިޝަންގައި ބޭއްވި ރަސްމިއްޔާތުގައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މި ފަހުމުނާގައި ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ. އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދުއެވެ. މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި އިލެކްޝަންސް ކޮމިޝަންގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.
މި ފަހުމުނާމާއަކީ އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ތާވަލުކުރެވިފައިވާ ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް، ދެ މުއައްސަސާގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ސޮއިކުރެވިގެންދިޔަ ފަހުމުނާމާއެއްކަމަށް ފުލުހުން މައުލޫމާތުދެއެވެ. މި އެއްބަސްވުމުގެ ދަށުން، ވޯޓުލާ މަރުކަޒުތަކާއި، އިންތިހާބާ ގުޅޭ ތަކެއްޗާ އަދި ވޯޓުލާ މީހުންގެ ރައްކާތެރިކަން މުޅި ރާއްޖޭގައި ކަށަވަރުކުރުމަށްޓަކައި ފުލުހުންގެ ފަރާތުން ފުރިހަމަ ސަލާމަތީ އިންތިޒާމުތަކެއް ހަމަޖައްސައިދޭނެއެވެ.
ދިވެހިރާއްޖޭގެ އަމަންއަމާންކަން ގާއިމުކޮށް، ރައްޔިތުންގެ އިތުބާރު ދަމަހައްޓައި، މިނިވަން އަދި އިންސާފުވެރިކަމާއެކު ދެފުށް ފެންނަ ގޮތަށް އިންތިހާބުތައް ކުރިއަށް ގެންދިއުމަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދެމުން އަންނާނެކަމުގެ ޔަގީންކަން ދިވެހި ފުލުހުންގެ ހިދުމަތުން އަންނަނީ ދެމުންނެވެ.