ENGLISH
04 ފެބްރުއަރީ 2026
ހިޔާ އަލިފާނުގެ ހާދިސާގެ މަރާމާތުގެ މަސައްކަތް ނިންމައިފި، އާއިލާތައް މިއަދު ބަދަލުވާނެ
04 ފެބްރުއަރީ 2026
|
ހިޔާ ފްލެޓްގައި ހިނގި އަލިފާނުގެ ހާދިސާ ހިނގި ވަގުތު-- ފޮޓޯ: އެންޑީއެމްއޭ
އެންމެ މަޤްބޫލު
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް 5 ގައި މިދިޔަ ހުކުރު ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ބޯހިޔާވަހިކަން ފޯރުކޮށްދިން 31 އެޕާޓްމެންޓެއްގެ 148 މީހުންނަށް އާއްމު ދިރިއުޅުމަށް މިއަދު ރުޖޫއަވެވޭނެ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.
އެންޑީއެމްއޭ އިން މިދަފައިން ބުނެފައިވަނީ ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލާދީ އެވެ.
މި ޕޯސްޓުގައި ބުނެފައިވަނީ ގެއްލުންވި ނަދުދަމާ ނިޒާމު މަރާމާތުކޮށް ނިމި، ހުރިހާ އެޕާޓްމަންޓްތަކަށް ފެނާއި ކަރަންޓުގެ ހިދުމަތް އަލުން ދެވިފައިވާ ކަމަށެވެ. އެހެންކަމުން، މި ހާދިސާއާ ގުޅިގެން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިން 148 މީހުންނަށް ދިން އެހީތެރިކަމުގެ މުއްދަތު މިއަދު ހަމަވުމާއެކު، އެ އާއިލާތައް އަނބުރާ އެމީހުންގެ އާންމު ދިރިއުޅުމަށް ރުޖޫޢަވެވޭނެ ކަމަށް ބުނެފައިވެއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރު 5 ގެ އެޕާޓްމަންޓެއްގައި، ޖަނަވަރީ 30 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ގެއްލުން ލިބުނު 38 އެޕާޓްމަންޓުގެ ނަރުދަމާ ހަފްތާއެއް ތެރޭ މަރާމާތުކޮށް ނިންމާނެކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ބުނެފަ އެވެ. މި ހާދިސާގައި ގެއްލުންވި ފަރާތްތަކަށް ބޯހިޔާވަހިކަމާއި ކެއުންބުއިމުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި އެންޑީއެމްއޭއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
މިފަދަ ހިތާމަވެރި އަލިފާނުގެ ހާދިސާތަކުން ރައްޔިތުން ސަލާމަތް ކުރުމަށްޓަކައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ފަޔަރ އެންޑް ރެސްކިއު ސާވިސްއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެހެންކަމުން ރޯދަމަހާ ދިމާކޮށް ކޮންމެ އަހަރަކުވެސް އަލިފާނުގެ ހާދިސާއިން ރައްކާތެރިވުމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ފަޔަރ ޕްރިވެންޝަން ވީކްގެ ނަމުގައި މިހާރުވެސް އަންނަނީ ގްރޭޓާ މާލެ ސަރަހައްދުގައި ބެލެނިވެރިންނާއި ސްކޫލް ކުދިންނަށް ހަރަކާތްތަކެއް ކުރިއަށް ގެންދަމުންނެވެ.