ENGLISH

04 ފެބްރުއަރީ 2026

Advertisement

ވިހަފަރު ބިންހިއްކުމުގެ މަޝްރޫއު ފެށީ ހާއްސަ ހުއްދައެއްގެ ދަށުން

04 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

ވިހަފަރު އެއާޕޯޓުގެ ބިން ހިއްކަން ފެށުން، ފޮޓޯ: ޕީއެސްއެމް

ނ.ވިހަފަރުގައި އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށީ ހާއްސަ ހުއްދައެއްގެ ދަށުންކަމަށް އެންވާރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރްއޭ) އިން ބުނެފިއެވެ.

ވިހަފަރު ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށީ ހުސްވި ޖަނަވަރީ މަހުގެ 29 ވަނަ ދުވަހުއެވެ.

އެފަހުން އިދިކޮޅު ފަރާތްތަކުން ވަނީ ވިހަފަރުގައި އެއާޕޯޓު ތަރައްޤީ ކުރުމަށް މި ސަރުކާރުން ބިން ހިއްކަން ފަށާފައިވަނީ ގަވާއިދާ ޚިލާފަށްކަމަށް ބުނެ އެކަން ހުއްޓުވައިދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލައެއް ހުށަހަޅާފައެވެ. 

މިކަމާ ގުޅޭގޮތުން ސުވާލުކުރުމުން އީއާރްއޭ އިން ބުނީ ވިހަފަރު ބިން ހިއްކުމަށް 26 ޖަނަވަރީގައި އީއައިއޭ ހުށަހަޅާފައި ވާކަމަށެވެ. މި ރިޕޯޓާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަން ފާހަގަކޮށް އީއާރްއޭއިން ބުނީ ވިހަފަރު މަޝްރޫއު ފެށީ އެ އޮތޯރިޓީން ދޫކުރި ހާއްސަ ހުއްދައެއްގެ ދަށުންކަމަށެވެ. އަދި އީއައިއޭ މަރުހަލާ ނިންމައި މަސައްކަތް ފަށައިގަންނައިރު އެ އޮތޯރިޓީގެ ހުއްދަ ހޯދަން ޝަރުތުކޮށްފައި ވާނޭކަމަށް ވެސް އީއާރްއޭއިން ބުނެފައިވެއެވެ. 

ވިހަފަރު ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 42 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މި ބިން ހިއްކަނީ 1.6 މީޓަރު އުސްމިނުގައެވެ. މި ބިން ހިއްކައި އެތަނުގައި ތަރައްގީކުރާ އެއާޕޯޓުގައި 1،800 މީޓަރުގެ ދިގު ރަންވޭއަކާއި ޓާމިނަލާއި، އޭޕްރަންގެ އިތުރަށް އެއާޕޯޓު ހިންގުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ގާއިމުކުރާނެއެވެ.

ފާއިތުވި އަހަރުގެ ޖުލައި މަހު ނ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ދަތުރުފުޅުގެ ތެރެއިން ނ. ހޮޅުދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ވިހަފަރުގައި އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މި އަހަރުގެ ޖަނަވަރީ މަހު ފެށިގެންދާނެކަން އިއުލާނުކުރައްވާފައެވެ. 

ހޮޅުދޫ، ވެލިދޫ، ފޮއްދޫ ހިމެނޭ ސަރަހައްދަކީ އަތޮޅުގެ އެހެން ސަރަހައްދުތަކާ ވަކިން އޮންނަ ސަރަހައްދެއްކަން ފާހަގަކުރައްވަމުން އެ ސަރަހައްދަށް ޑޮމެސްޓިކް އެއާޕޯޓެއް ބޭނުންވާތީ، އަދި ސަރުކާރުން އެއާޕޯޓު އެޅުމަށް ކަނޑައަޅާފައިވާ މިންގަނޑުވެސް އެ ސަރަހައްދުގައި އެއާޕޯޓެއް ގާއިމުކުރަންޖެހޭތީ، ވެލިދޫ ކައިރީ އޮންނަ ވިހަފަރުގައި އެއާޕޯޓު ތަރައްގީކުރަން ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. 

މިއަދު އެއާޕޯޓުގެ ބިން ހިއްކުމުގެ މަޝްރޫއު ފެށިގެން ގޮސްފައިވާއިރު، ރައީސް އިއުލާނުކުރެއްވި ގޮތުގެ މަތިން އެއާޕޯޓުގެ މަސައްކަތް އެކީ ނިންމަން ކަނޑައަޅާފައިވަނީ ދެ އަހަރުގެ ތެރޭގައެވެ. 

ކިޔުންތެރިންގެ ހިޔާލު