ENGLISH
04 ފެބްރުއަރީ 2026
ހުރާގައި ގެސްޓްހައުސް ތަރައްޤީކުރަން ބޭނުންވާ ފަރާތްތަކަށް ރަނުގެ ފުރުސަތެއް!
04 ފެބްރުއަރީ 2026
|
ކ.ހުރާ-- ފޮޓޯ: ގައިޑްމޯލްޑިވްސް
އެންމެ މަޤްބޫލު
ކ. ހުރާގައި ލޯކަލް ޓުއަރިޒަމް އިތުރަށް ފުޅާކުރުމަށްޓަކައި، އެ ރަށުން އަލަށް ހިއްކާފައިވާ ސަރަޙައްދުން ގެސްޓްހައުސް ތަރައްޤީ ކުރުމަށް 25 ބިމެއް ކުއްޔަށް ދޫކުރުމަށް އެ ރަށު ކައުންސިލުން އިޢުލާނުކޮށްފިއެވެ.
މި އިއުލާނުގައިވާ ގޮތުން، ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ 25 ބިމުގެ ތެރެއިން 8 ބިން ހާއްސަކޮށްފައިވަނީ ހުރާގެ ރަށްވެހިންނަށެވެ. ބާކީ 17 ބިމަކީ އާންމުކޮށް ކޮންމެ ފަރާތަކަށްވެސް ކުރިމަތިލެވޭ ގޮތަށް ހުޅުވާލެވިފައިވާ ބިންތަކެކެވެ. މި ބިންތައް ދޫކުރުމަށް ހަމަޖެހިފައިވަނީ 50 އަހަރުގެ ދިގު މުއްދަތަކަށެވެ.
ހުރާގެ ރަށްވެހިންނަށް ހާއްސަކުރެވިފައިވާ ބިމަށް ކުރިމަތިލުމަށް ބޭނުންވާ ބިޑު ފޯމެއްގެ އަގަކީ 10،000 ރުފިޔާ އެވެ. އަދި އާއްމުކޮށް ހުޅުވާލެވިފައިވާ ބިންތަކުގެ ބިޑު ފޯމުގެ އަގަކީ 25،000 ރުފިޔާ އެވެ. އިއުލާނުގައި ބުނެފައިވަނީ ބިޑް ފޯމްތައް ދޫކުރުން ފެބްރުއަރީ 11 ދުވަހުގެ 12:30 ނިޔަލަށް، އެކައުންސިލުގެ ރިސެޕްޝަނުންނާއި މެއިލްގެ ޒަރިއްޔާއިން ލިބެން ހުންނާނެކަމަށެވެ. އަދި މިކަމާ ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުން ފެބްރުއަރީ 12 ވަނަ ދުވަހު ހެނދުނު 10:00 ގައި އެރަށު ކައުންސިލްގެ އިދާރާގެ ހުރަވީ މާލާމުގައި އޮންނާނެ ކަމަށެވެ.
އިއުލާނުގައި އިތުރަށް ބުނެފައިވަނީ، މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން ފެބްރުއަރީ 26، 2026 ވަނަ ދުވަހުގެ 13:00 ގެ ކުރިން އެ ކައުންސިލްގެ އިދާރާއަށް އަންދާސީ ހިސާބު ހަޅަން ޖެހޭނެކަމަށެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން އެ ކައުންސިލްގެ އީމެއިލްއަށް މެއިލްކޮށްގެން މައުލޫމާތު ސާފުކުރެވޭނެ ކަމަށްވެސް އިއުލާނުގައި ވަނީ ބުނެފަ އެވެ.
ހުރާ ކައުންސިލުން ބުނީ ގެސްޓް ހައުސްއަށް ދޫކުރެވޭ ކޮންމެ ބިމެއްގެ ބޮޑު މިނުގައި 4000 އަކަފޫޓު ހުންނާނެ ކަމަށެވެ. އަދި މި ބިންތައް ދިނުމުގައި އަމަލުކުރާނީ ޓުއަރިޒަމް މިނިސްޓްރީގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އެ މިނިސްޓްރީގެ ލަފައާއި އިރުޝާދުގެ ދަށުން ކަމަށެވެ. މީގެ އިތުރުން ކައުންސިލް އިން މައުލޫމާތު ދިން ގޮތުގައި މިހާރު މި ބިންތަކަށް ބޭނުންވާ ފެނާއި ކަރަންޓުގެ ހިދުމަތް ގާއިމްކުރުމުގެ މަސައްކަތް ފެށުމަށް ފެނަކައިން އަންނަނީ ތައްޔާރުވަމުނެވެ.
ހުރައަކީ ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމް ކުރިއަރަމުން އަންނަ ރަށެކެވެ. އަލަށް ދޫކުރާ މި ބިންތަކާއެކު ރަށުގެ އިޤްތިސާދަށާއި ފަތުރުވެރިކަމަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ އެވެ.