ENGLISH
04 ފެބްރުއަރީ 2026
ބޮޑު ކަމެއް ދިމާވުމުން މޫސާ އަލީ ޖަލީލު ނުފިއްލަވާނެ، ހިދުމަތްކުރުމުގެ ޖޯޝު ހުންނާނެ: ސައީދު
04 ފެބްރުއަރީ 2026
|
އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު، ފޮޓޯ: ޕީއެންސީ
އެންމެ މަޤްބޫލު
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގުރެސް ޕާޓީގެ ފަރާތުން މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލަކީ ބޮޑު ކަމެއް ޖެހުމުން ފިއްލަވައިގެން ވަޑައިގަންނަވާނެ ބޭފުޅެއް ނޫންކަމަށާއި، މާލޭ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި އޭނާގެ ކިބައިން ޖޯޝާއި ހިތްވަރު ފެންނާނެ ކަމަށް އިގުތިސާދީ ތަރައްގީއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ވެރިކަންކުރާ ކޮންގްރެސް ޕާޓީގެ ފަރާތުން މާފަންނު ހުޅަނގު ދާއިރާގެ މާލޭ ސިޓީ ކައުންސިލުގެ ގޮނޑިއަށް ވާދަކުރައްވާ ކެންޑިޑޭޓާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަަތްކުރާ ކޮމިޓީގެ އެ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާ ކޮންގުރެސް ޕާޓީގެ ކެންޑިޑޭޓުގެ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ސައީދު ވިދާޅުވީ ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ވެރިކަމަށް ވަޑައިގަތުމަށް ވެވަޑައިގެންނެވި ވައުދުފުޅުތައް އެއް ފޮތެއްގައި ޖަމާކުރައްވައި ކައުންސިލުތަކާއި އިދާރާތަކަށް ފޮނުއްވި ރައީސަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކަމަށެވެ.
އިތުރަށް ސައީދު ވިދާޅުވީ ވެރިކަން ކުރައްވާނެ ގޮތުގެ މެނުއަލްއެއް ތައްޔާރުކުރައްވަައި އިންތިހާބުކުރި ރައްޔިތުންނަށް ހުށަހަޅުއްވައި، އެ މެނުއަލްގައި ހުރި ކަންކަން ތަންފީޒުކުރެއްވުމުގެ މަސައްކަތް ރައީސް ކުރައްވަމުންދާއިރު މިހާރު މާލެ ސިޓީއަށާއި އެހެނިހެން ސިޓީތަކަށާއި ރަށްތަކަށް ބޭނުންވާ އެ މެނުއަލްގައި އެމަނިކުފާނު ހިމެނުއްވި ކަންކަން ތަންފީޒުކުރުމުގައި ވާގިވެރިވާނެ މަދަދުގާރުން ސިޓީތަކާއި ރަށްތަކުގެ ހިންގުމަށް އިންތިހާބުކުރުން ކަމަށެވެ.
"މިކަން ހަމަ މަަގަށް އެޅުވުމަށްޓަކައި މި މާލެއަށް ވާހަކަދައްކާ ކަމަށްވާނަމަ އަޅުގަނޑުމެންނަށް ބޭނުންވަނީ މިކަންކަން ޒުވާން ބަހުން ބުނާނަމަ ޑަންކުރާނެ، ރައީސުލްޖުމްހޫރިއްޔާގެ މެނުއަލް ތަންފީޒުކުރާނެ ޖޯޝުހުރި ޓީމެއް ބޭނުންވަނީ. ޖޯޝު ހުރި ބޭފުޅަކު މޭޔަރުކަމަށް ގެންނަންޏާ ޝައްކެއް ނެތް އަޅުގަނޑުމެންގެ ކެންޑިޑޭޓު މޫސާ އަލީ ޖަލީލަކީ އެބޭފުޅަކީ،" ސައީދު ވިދާޅުވިއެވެ.
މޫސާ އަލީ ޖަލީލަކީ ދެކެފަރިތަ ބޭފުޅަކަށްވުމުގެ އިތުރުން ކުރީގައި އެކުގައި މަސައްކަތްކުރެއްވި ބޭފުޅެއްކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ ޖަލީލަކީ ކަންކަން ކުރިމަތިވުމުން ހާސްވެވަޑައިގެން ފިއްލަވާނެ ބޭފުޅެއް ނޫން ކަމަށެވެ. އަދި ހަށިކޮޅުގައި ހަކަތަ ނެތިގެން ނިދިކުރައްވަން ޖެހިވަޑައިގެން ޒިންމާއިން ރެކިވަޑައިގަންނަވާ ބޭފުޅަކަށް ޖަލީލު ނުވާނެ ކަމަށެވެ.
"ކަމެއް ޖެހުނީމާ ދޮރުލައްޕާފައި ފިލާކަށް ނުދާނެ، ކަމެއް ޖެހުނީމާ ގައިގަ އެނާޖީ ނެތިގެން އާފްޓަނޫން ނެޕެއް ނުނަގާނެ. އެބަ އަންނަމޭ ޖައްސާލަފައެކޭ ވިދާޅެއްނުވާނެ. ކޮންމެ ކަމަކަށް ކޮންމެ ގަނޑިއެެއްގައި ގޮވައިލިޔަސް ހޭވައްލައި ތައްޔާރަށް ހުންނަވާނީ،" ސައީދު ވިދާޅުވިއެވެ.
ޖޯޝް މުހިއްމުވާ ސަބަބު ތަފުސީލުކޮށްދެއްވަމުން މިސާލެއްގެ ގޮތުން ސައީދު ފާހަގަކުރެއްވީ ރައީސް ޑރ.މުޢިއްޒު މަސައްކަތްކުރައްވަމުންދާ ގޮތެވެ. އެގޮތުން ކޮންމެ ހަފުތާއެއްގެ އާދީއްތަ ދުވަހެއްގައި ބާއްވަވާ ކެބިނެޓުގެ ބައްދަލުވުންތަކަށް އިޝާރާތްކުރައްވަމުން ސައީދު ވިދާޅުވީ ވެވަޑައިގެންފައިވާ ހުރިހާ ވައުދުފުޅުތަކެއް ފުއްދެވުމަށްޓަކައި ރައީސް މަސައްކަތްކުރައްވާ ގޮތަށް ކުރީގެ އެއްވެސް ރައީސަކު މަސައްކަތްކުރެއްވި ވާހަކަފުޅު އަޑުއިވިވަޑައިގެންފައި ނެތް ކަމަށެވެ.
ރައީސްގެ ސިޔާސަތުތަކުގެ ތެރޭގައި މާލޭގެ ރައްޔިތުންނަށް ބޭނުންވާ އެތައް ކަމެއް ހިމެނޭ ކަމަށާއި، މާލޭ ސިޓީގެ މޭޔަރުކަމަށާއި ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުކަމަށް ރައީސްގެ ޓީމު އިންތިހާބުވެވަޑައިގަތުމުން އެ ހުރިހާ ކަމެއްވެސް ތަންފީޒުކުރައްވައި ނިންމަވާނެ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.
ސައީދު އިތުރަށް ވިދާޅުވީ ރައީސްގެ ތަސައްވުރާ އެއްގޮތަށް މަސައްކަތްކުރާނެ ކެންޑިޑޭޓުން އިންތިހާބުކުރުމަކީ އެ ތަސައްވުރު ހަލުއި ދުވެލީގައި ތަންފީޒުކުރުމަށް ލިބިގެންދާ އިތުރު ހިތްވަރަކަށް ކަމަށެވެ.