ENGLISH
02 ފެބްރުއަރީ 2026
ޖަނަވަރީ މަހު ރާއްޖެއަށް އައި ފަތުރުވެރިން %4.6 އިތުރުވިއިރު، އެންމެ ގިނައީ ރަޝިޔާ ފަތުރުވެރިން
02 ފެބްރުއަރީ 2026
|
ޖަނަވަރީ މަހު ރާއްޖެއަށް ފަތުރުވެރިން އައި މިންވަރު 4.6 އިންސައްތަ އިތުރުވި، ފޮޓޯ: ދައުރު
މި އަހަރުގެ ފުރަތަމަ މަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ނިމުނު އަހަރާ އަޅާބަލާއިރު 4.6 އިންސައްތަ އިތުރުވެފައިވާއިރު، ޖަނަވަރީ މަހު އެންމެ ގިނައިން ރާއްޖެއަށް ޒިޔާރަތްކުރީ ރަޝިޔާގެ ފަތުރުވެރިންކަން ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ޖަނަވަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރީ 224،788 ފަތުރުވެރިންނެވެ. އެއީ ކުރީ އަހަރުގައި ރާއްޖެއަށް ޒިޔާރަތްކުރި 214،863 ފަތުރުވެރިންނާ އަޅާބަލާއިރު 4.6 އިންސައްތަ އިތުރު އަދަދެކެވެ.
އަހަރުގެ ފުރަތަމަ މަހު ރާއްޖެއަށް އައި ފަތުރުވެރިންގެ 13.1 އިންސައްތަ ފަތުރުވެރިންނަކީ ރަޝިޔާއިން އައި ފަތުރުވެރިންނެވެ. އެ ގައުމުން 29،370 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި އިޓަލީ ވިލާތުގެ 23،171 މީހަކު ރާއްޖެއަށް އައިސްފައިވެއެވެ. އަދި ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ޗައިނާއިން 22،676 ފަތުރުވެރިން ރާއްޖެއަށް އައެވެ.
ޖަނަވަރީ މަހު ރާއްޖެއަށް ޒިޔާރަތްކުރި 221،994 ފަތުރުވެރިން އައީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. އެއީ ރާއްޖެއަށް އެ މަހު އައި ފަތުރުވެރިންގެ 98.8 އިންސައްތަ މީހުންނެވެ. 786 ފަތުރުވެރިން މާފަރު އެއާޕޯޓަށް އައިއިރު ގަން އެއާޕޯޓަށް 709 ފަތުރުވެރިން އަދި ހަނިމާދޫ އެއާޕޯޓަށް 631 ފަތުރުވެރިން އަދި ދ.އެއާޕޯޓަށް 258 ފަތުރުވެރިން އައެވެ.
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ 68.4 އިންސައްތަ މީހުން ނުވަތަ 153،824 މީހުން ޒިޔާރަތްކުރީ ރިސޯޓުތަކަށެވެ. އަދި ގެސްޓުހައުސްތަކަށް އައީ 59،813 ފަތުރުވެރިންނެވެ. ހޮޓާތަކަށް އައީ 6،008 ފަތުރުވެރިންނެވެ. ސަަފާރީ އުޅަނދުފަހަަރަަށް އައީ 4،942 މީހުންނެވެ.
ރާއްޖޭގައި މިވަގުތު ފަތުރުވެރިންނަށް ހިދުމަތްދޭ 66،906 އެނދު އެބަހުއްޓެވެ. އެއީ 179 ރިސޯޓެއްގެ 44،804 އެނދާއި 16 ހޮޓަލެއްގެ 2،598 އެނދާއި، 901 ގެސްޓުހައުސްތަކުގެ 15،977 އެނދާއި 174 ސަފާރީ އުޅަނދުގެ 3،524 އެނދެވެ.
ޖަނަވަރީ މަހު އެވެރެޖުކޮށް ދުވާލަކު 7،251 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު، އެންމެ ގިނައިން ފަތުރުވެރިން އައީ ޖަނަވަރީ 11 ވަނަ ދުވަހުއެވެ. އެ ދުވަހު 9،596 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއެވެ.