ENGLISH
02 ފެބްރުއަރީ 2026
މިނިވަން މުއައްސަސާތަކުގެ މަސައްކަތްތައް ހަރުދަނާކުރެވޭނެ ގޮތްތަކާމެދު ރައީސާ މަޝްވަރާކުރުން ރަނގަޅު: އުޝާމް
02 ފެބްރުއަރީ 2026
|
ބަންޑާރަނައިބު އަހްމަދު އުޝާމު، ފޮޓޯ: ރައީސް އޮފީސް
މިނިވަން މުއައްސަސާތަކުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތަަކާ ގުޅޭ ގޮތުން އެ މުއައްސަސާތަކުގެ ވެރިން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރެއްވުމަކީ ރަނގަޅު ކަމެއް ކަމަށް ބަންޑާރަނައިބު އަޙްމަދު އުޝާމު ވިދާޅުވެއްޖެއެވެ.
އުޝާމު މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރުމުގެ ވޯޓާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓު އެކީ ބޭއްވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރުމަށް މަޖިލީހަށް ސަރުކާރުން ހުށަހަަޅާފަައިވާ ބިލާ ގުޅޭ ގޮތުން ބަންޑާރަނައިބާއި އިލެކްޝަންސް ކޮމިޝަނުގެ ހިޔާލު ހޯދުމަށް މިއަދު ކުރިއަށްގެންދިޔަ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ކޮމިޓީގެ މެންބަރު އަދި މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދުވަނީ މިނިވަން މުއައްސަސާތަކުގެ ވެރިން ރައީސާ ބައްދަލުކުރެއްވުމަކީ ގާނޫނީ ގޮތުން އެއްވެސް މައްސަލައެއް އޮތް ކަމެއްތޯ ބަންޑާރަނައިބާ ސުވާލުކުރައްވާފައެވެ. އެފަދައިން ސުއާލުކުރެއްވި މައިގަނޑު ސަބަަބަކީ މިއަދުގެ ބައްދަލުވުމުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމު ތަކުރާރުކޮށް، އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާ ބައްދަލުކުރެއްވި ކުރެއްވުމާ ގުޅޭ ގޮތުން ސުއާލު އުފެއްދެވުމުންނެވެ.
މީކާއީލުގެ ސުވާލުތަކަށް ޖަވާބުދާރީވެވަޑައިގަންނަވަމުން ޒާހިދު ވިދާޅުވެފައިވަނީ އޭނާ ރައީސާ ބައްދަލުކުރެއްވީ ކޮމިޝަނުގައި މަޝްވަރާކުރެއްވުމަށްފަހު، ރާއްޖޭގެ ޑިމޮކްރެޓިކް ވެށި އިތުރަށް ހަރުދަނާކުރުމަށް ކޮމިޝަނުން ކުރަންޖެހޭ މަސައްކަތްތަކަށް އެކަށީގެންވާ ބަޖެޓު ނެތުމުން އެކަމާމެދު ރައީސާ ވާހަކަދެއްކެވުމަށް ކަމަށެވެ. އަދި ރައީސާ ބައްދަލުކުރެއްވުމުގެ ކުރިން ލިޔުމުން މަޖިލީހަށް އަދި މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށްވެސް ބަޖެޓާމެދު ކޮމިޝަނުގައި ހުރި ކަންބޮޑުވުންތައް ހިއްސާކުރައްވާފައިވާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.
އެ ޖަވާބުދެއްވުމަށްފަހުވެސް މީކާއިލުވަނީ ތަކުރާރުކޮށް ޒާހިދު ރައީސާ ބައްދަލުކުރެއްވީތީ އެކަމާމެދު ކަންބޮޑުވެވަޑައިގެން ސުވާލު ކުރައްވާފައެވެ. އެ ސުވާލުތަކާ ގުޅިގެން މެންބަރު ލަތީފު ބަންޑާރަނައިބު އަރިހުގައި ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން އުޝާމު ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ ވެރިން ރައީސާ ބައްދަލުކުރެއްވުމަކީ ގާނޫނީ ގޮތުން ހުރަހެއް އޮތް ކަމެއް ނޫން ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރަނީ ރާއްޖޭގައި ސިސްޓަމް ހަމަޖެހިފައި އޮތް ގޮތުން ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކޮށް، މިނިވަން މުއައްސަސާއެއް ކަމުގައިވީ ނަމަވެސް އެ މުއައްސަސާއެއްގެ މަސައްކަތްތައް ދާ ގޮތާއި، މަސައްކަތްތައް ކުރިއަށް ރަނގަޅުކުރެވޭނެ ގޮތާމެދު މަޝްވަރާކުރުމަކީ ރަނގަޅު ކަމެއް،" އުޝާމު ވިދާޅުވިއެވެ.
އިތުރަށް އުޝާމު ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ މެންބަރުންނަކީ މަގާމުތަކުގެ ހުވައިކުރައްވައިގެން ތިއްބަވާ ގާނޫނުން މަތިކުރާ ޒިންމާތަކެއް އަދާކުރައްވާ ބޭފުޅުންތަކެއް ކަމަށެވެ. އެހެންކަމުން އެއިން ބޭފުޅަކު ރައީސާ ރަސްމީ ގޮތުން ބައްދަލުކުރައްވަައި މުއައްސަސާގެ މަސައްކަތްތަކާމެދު މަޝްވަރާކުރެއްވުމަކީ އެ ބޭފުޅުންގެ މިނިވަންކަމަށް އުނިކަމެއް އަތުވެދާނެ ކަމެއް ކަމުގައި ގަބޫލުނުކުރައްވާ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރަނީ އެ މުއައްސަސާތަކުގެ މަސައްކަތްތައް ކުރިިއަށްގެންދިއުމަށްޓަކައި ހަމަ ކުރައްވަންވެސް ރަނގަޅު ކަމެއްހެން އެއީ. އެ ބޭފުޅުން އެންޝުއާކުރައްވަންވާނެ ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރެއްވޭކަން،" އުޝާމް ވިދާޅުވިއެވެ.
އަދި ކޮމިޝަނުގެ މަސައްކަތްތަަކާ ގުޅޭ ގޮތުން ރައީސުންނާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަކީ ކުރީގައިވެސް ރާއްޖޭގައި ހިނގަމުން އަންނަ ކަމެއްކަން ފާހަގަކުރައްވަމުން އުޝާމު ވިދާޅުވީ އެއީ މިނިވަންކަން ގެއްލިގެންދާނެ ކަމެއް ނޫން ކަމަށެވެ.