ENGLISH
02 ފެބްރުއަރީ 2026
ނ. އަތޮޅު ހޮސްޕިޓަލުގައި ނަފްސާނީ ބަލީގެ ޚިދުމަތާއި، ފިޒިއޮތެރަޕީގެ ޚިދުމަތް ރަސްމީކޮށް ފަށައިފި
02 ފެބްރުއަރީ 2026
|
ނ. އަތޮޅު ހޮސްޕިޓަލުގައި ނަފްސާނީ ބަލީގެ ޚިދުމަތާއި، ފިޒިއޮތެރަޕީގެ ޚިދުމަތް ރަސްމީކޮށް ފެށުން. ފޮޓޯ: ހެލްތު މިނިސްޓްރީ
ނ. މަނަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ނަފްސާނީ ބަލީގެ ޚިދުމަތާއި، ފިޒިއޮތެރަޕީގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
މިއަދު އެ ހޮސްޕިޓަލުގައި ޚިދުމަތްތައް ރަސްމީކޮށް ފައްޓަވައިދެއްވީ، ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމްއެވެ. ވަޒީރުގެ އަރިހުގައި ވުޒާރާގެ އިސްބޭފުޅުން ބައިވެރިވަޑައިގެންނެވިއެވެ.
މަނަދޫގައި ނަފްސާނީ ބަލީގެ ޚިދުމަތާއި ފިޒިއޮތެރަޕީގެ ޚިދުމަތް ޤާއިމުކުރީ އެކަމަށް ޚާއްޞަ ފަންނީ ބޭފުޅުންނާއެކުއެވެ. ނ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރ ހެލްތު ސަރވިސް އަޙްމަދު މައިމޫން ވިދާޅުވީ، ދެ ޚިދުމަތަކީ އަތޮޅުގެ ރައްޔިތުން ވަރަށް ބޮޑަށް އެދެމުންދިޔަ ޚިދުމަތްތަކެއް ކަމަށެވެ. އަދި، މި ޚިދުމަތްތައް ކުރިއަށްއޮތް ތަނުގައި އިތުރަށް ފުޅާކުރެވިގެންދާނެ ކަމަށް މައިމޫން ވިދާޅުވިއެވެ.
ނ. އަތޮޅު ހޮސްޕިޓަލުގައި ސްޕީޗް ތެރަޕީގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް އެ ހޮސްޕިޓަލުން މަޢުލޫމާތުދީފައިވެއެވެ.
ވަޒީރު ނާޒިމް ނ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ހަތަރު ރަށަކަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މާފަރު، މާޅެންދޫ އަދި މިލަންދޫގައި ލެބޯޓްރީގެ ޚިދުމަތް ޤާއިމުކުރާނެއެވެ.
އަތޮޅުތެރެއިން ނުލިބޭ ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. ނ. އަތޮޅުގައި މުހިއްމު ދެ ޚިދުމަތެއް ފެށިއިރު، މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް ލެބޯޓްރީގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.