ENGLISH

02 ފެބްރުއަރީ 2026

Advertisement

އަލިފާނުގެ ހާދިސާގައި ގެއްލުންވި 38 އެޕާޓްމަންޓުގެ ނަރުދަމާ ހަފްތާއެއް ތެރޭ މަރާމާތުކުރަނީ

02 ފެބްރުއަރީ 2026

|

ޢަލީ ޝަހީމް

ހިޔާ ޓަވަރު 5 ގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަނީ. ފޮޓޯ: އެންޑީއެމްއޭ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރު 5 ގެ އެޕާޓްމަންޓެއްގައި، ޖަނަވަރީ 30 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ގެއްލުން ލިބުނު 38 އެޕާޓްމަންޓުގެ ނަރުދަމާ ހަފްތާއެއް ތެރޭ މަރާމާތުކޮށް ނިންމަން މަސައްކަތް ފަށާފައިވާކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ. 

ހާދިސާގައި މީހަކަށް ގެއްލުމެއް ނުވިނަމަވެސް، އެޕާޓްމަންޓުގެ ނަރުދަމާ ހޮޅިތަކަށް ގެއްލުންވެ އާއްމު ދިރިއުޅުމުގައި އުނދަގޫތައް ވަނީ ކުރިމަތިވެފައެވެ. އެގޮތުން، 38 އެޕާޓްމަންޓެއްގެ ނަރުދަމާ ހޮޅިއަށް ގެއްލުންވެފައިވާކަން އެޗްޑީސީއިން ބުނެފައިވެއެވެ. 

އެޗްޑީސީއިން "ޕީއެސްއެމް" އަށް ދިން މަޢުލޫމާތުގައި ބުނީ، ނަރުދަމާއަށް ގެއްލުން ލިބުނު އެޕާޓްމަންޓްތަކުގައި މިހާރު ވައިގޮޅީގައި ހުރި އޭސީ ޔުނިޓުތައް ނަގައި ސާފުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި، ނަރުދަމާ ހޮޅިތަކަށް ލިބުނު ގެއްލުންތައް ދެނެގަނެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށް އެޗްޑީސީއިން ބުނެފައިވެއެވެ. 

މަސައްކަތް ކުރާއިރު، އެޕާޓްމަންޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން އެޗްޑީސީއަށް އެއްބާރުލުން ދިނުމަށް އެކުންފުނިން ވަނީ އެދިފައެވެ. ކުންފުނީގެ އަމާޒަކީ ހަފްތާއެއްތެރޭ އެމައްސަލަ އެއްކޮށް ހައްލުކުރުމެވެ. 

ހުކުރު ދުވަހުގެ ހަވީރު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 30 އެޕާޓްމަންޓަކުން 140 މީހަކު ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކޮށްފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ބުނެފައެވެ. އަދި، އެފަރާތްތަކުގެ ބޯހިޔާވަހިކަމާއި ކެއުންބުއިމުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި އެންޑީއެމްއޭއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.  

ކިޔުންތެރިންގެ ހިޔާލު