ENGLISH

02 ފެބްރުއަރީ 2026

Advertisement

އެންމެ ރަނގަޅީ ދެ އިންތިހާބު އެއްކޮށްލުމުގެ ރިފަރެންޑަމް ކައުންސިލު އިންތިހާބާއެކު ބޭއްވުން

02 ފެބްރުއަރީ 2026

|

ޝިފްޒާން އަޙްމަދު

ބަންޑާރަނައިބު އަހްމަދު އުޝާމް، ފޮޓޯ: ރައީސް އޮފީސް

ހުރިހާ ގޮތަކުން ބެލި ނަމަވެސް އެންމެ ރަނގަޅު ގޮތަކީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކީ ބޭއްވުމާ ގުޅޭ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބާ އެކީ ބޭއްވުންކަމަށް ބަންޑާރަނައިބު އަހްމަދު އުޝާމު ވިދާޅުވެއްޖެއެވެ. 

އުޝާމު މިފަދައިން ވިދާޅުވީ ސަރުކާރުގެ ފަރާތުން ގާނޫނުއިސްލާހު ކުރުމަށް ހުށަހަޅާފައިވާ ބިލާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނާއި ބަންޑާރަނައިބުގެ އޮފީހުގެ ހިޔާލު ހޯދުމަށް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވާހަކަދައްކަވަމުންނެވެ. 

އުޝާމު ވިދާޅުވި ގޮތުގައި ދެ އިންތިހާބު އެއްކޮށް ބޭއްވުމަށް ގެންނަ އިސްލާހަށް ގާނޫނީ އެއްވެސް ހުރަހެއް ނެތެވެ. އަދި އެ އިސްލާހު ގެނައުމަށްޓަކައި، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ކުރިން ހޭލުންތެރިކަން އިތުރުކުރުމަށް ލިބޭ 45 ދުވަހުގެ މުހުލަތަކީ މަޖިލީހުން ފާސްކުރި ގާނޫނުގައި ބަޔާންކުރާ މުއްދަތުކަމުން އެއީ މަޖިލީހަށް އެކަށީގެންވާ މުއްދަތެއް ކަމުގައި ގަބޫލުކުރެވިގެން ގާނޫނުގައި ހިމެނި މުއްދަތެއް ކަމަށް އުޝާމު ވިދާޅުވިއެވެ. 

މިހާރު މަޖިލީހުގައި އޮތް ބިލު ފާސްވެ ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވުމުން އެ ބިލު ތަސްދީގުކުރެއްވުމުގެ ކުރިން، ކެބިނެޓުގެ ލަފައާއެކު ގަރާރެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވުން، އާއްމުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގުމުގެ ގާނޫނުން ލާޒިމުކުރާކަން އުޝާމު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ގަރާރުގައި ފެންނަ ނުފެންނަ ވޯޓު ބާއްވަން އެދިވަޑައިގަންނަވާ ތާރީހު ހިމަނުއްވަންޖެހޭއިރު، އެ ތާރީހުގެ ގޮތުގައި ލޯކަލް ކައުންސިލު އިންތިހާބު އޮންނަ ދުވަސް ކަނޑައެޅުއްވުމަކީ ގާނޫނުން ހުއްދަކުރާ ކަމެކެވެ. 

ފެންނަ ނުފެންނަ ވޯޓަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިއަށްގެންދަންޖެހޭ ވޯޓަކަށްވާތީ އެ ވޯޓު ވަކިން ބާއްވާނަމަ ވަރަށް ބޮޑު ހަރަދެއް ހިނގާނެކަން ފާހަގަކުރައްވަމުން އުޝާމު ވިދާޅުވީ އޭނާއަށް ފެނިވަޑައިގަންނަވާ ގޮތުން އެންމެ ރަނގަޅު ގޮތަކީ ލޯކަލް ކައުންސިލު އިންތިހާބުގެ ވޯޓުލުމާއެކު ފެންނަ ނުފެންނަ ވޯޓުވެސް ކުރިއަށްގެންދިއުމެވެ. 

މިއަދު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި ލޯކަލް ކައުންސިލު އިންތިހާބާއެކު ރެފަރެންޑަމް ބާއްވާނަމަ އެ ކޮމިޝަނަށް އިތުރަށް ބޭނުންވާނީ 20 މިލިއަަން ރުފިޔާއެވެ. ނަމަވެސް ވަކިން ރެެފަރެންޑަމްގެ ވޯޓު ކުރިއަށްގެންދާނަމަ އެކަމަަށް 60 މިލިއަން ރުފިޔާ ހަރަދުވާނެ ކަމުގައި އެ ކޮމިޝަނުން ބުނެފައިވެއެވެ. 

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ގާނޫނުން މުއްދަތު ލިބޭނަމަ ލޯކަލް ކައުންސިލު އިންތިހާބާއެކު ރިފަރެންޑަމް ބޭއްވުމަޚީ އެންމެ ރަނގަޅު ގޮތް،" އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހަރަދާ ގުޅިގެން ފާހަގަކުރި ކަންކަަމަށް އިޝާރާތްކުރައްވައި އުޝާމު ވިދާޅުވިއެވެ. 

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުން ލޯކަލް ކައުންސިލު އިންތިހާބާ އެއްކޮށް ރިފަރެންޑެމް ވޯޓު ކުރިއަށްގެންދާނަމަ މި މަހުގެ 18 ވަނަ ދުވަހުގެ ކުރިން އެ އިންތިހާބާ ގުޅޭ ގޮތުން ފުރިހަމަކުރަންޖެހޭ ހުރިހާ އިޖުރާއާތުތަކެއް ފުރިހަމަކޮށް، ފެންނަ ނުފެންނަ ވޯޓު ނެގުމާ ގުޅޭ ގަރާރު އެ ކޮމިޝަނަށް ފޮނުވަންޖެހޭނެއެވެ. 

އަދި ކޮމިޝަނުން ބުނެފައިވަނީ އެ ކޮމިޝަން އޮތީ ގާނޫނުން ލާޒިމުކުރާ ހުރިހާ ކަމެއް ފުރިހަމަކޮށް، ގާނޫނުން މަތިކޮށްފައިވާ ގޮތުގެ މަތިން ބާއްވަންޖެހޭ އިންތިހާބުތައް ބޭއްވުމަށް ތައްޔާރަށް ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު