ENGLISH
02 ފެބްރުއަރީ 2026
މަސްވެރިންނަށް މިއަދު 1.4 މިލިއަން ރުފިޔާ ދޫކޮށްފި
02 ފެބްރުއަރީ 2026
|
ދިވެހި މަސްވެރިންތަކެއް މަސްވެރިކަންކުރުމުގައި. ފޮޓޯ: މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ
މަސްވެރިން ބާނާ މަހަށް ސަރުކާރުން ގަވާއިދުން ފައިސާ ދޫކުރަމުން އަންނައިރު، 30 ދޯންޏަކަށް 1.4 މިލިއަން ރުފިޔާ މިއަދު ޖަމާކޮށްދީފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން ބުނެފިއެވެ.
މިފްކޯ އިން މީޑިޔާއާ ހިއްސާކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ނިމިދިޔަ ޖަނަވަރީ މަހުގެ 31 ވަނަ ދުވަހު ކިރުވި މަހަށް، މަސްދޯނި ފަހަރަށް މިއަދު ޖަމާކުރީ 1،448،768.70ރ. (އެއް މިލިއަން ހަތަރު ލައްކަ ސާޅީސް އަށްހާސް ހަތް ސަތޭކަ ފަސްދޮޅަސް އަށް ރުފިޔާ، ހަތްދިހަ ލާރި) އެވެ.
މީގެތެރެއިން، ކަޅުބިލަމަސް ކިރުވި 28 ދޯންޏަކަށް 1،098،006.70ރ. (އެއް މިލިއަން ނުވަދިހަ އަށްހާސް ހަ ރުފިޔާ، ހަތްދިހަ ލާރި) ދީފައިވާއިރު، 10 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި 14 ދޯންޏަކަށް 55،352ރ. (ފަންސާސް ފަސް ހާސް ތިން ސަތޭކަ ފަންސާސް ދެ ރުފިޔާ) ވަނީ ޖަމާކޮށްދީފައެވެ. މީގެއިތުރުން، 15 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި 15 ދޯންޏަކަށް 295،400ރ. (ދެ ލައްކަ ނުވަދިހަ ފަސް ހާސް ހަތަރު ސަތޭކަ ރުފިޔާ) ވަނީ ޖަމާކޮށްދީފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ކުރީ ސަރުކާރުން މަސްވެރިންނަށް ދޫނުކޮށް 250 މިލިއަނެއްހާ ރުފިޔާ އޮތެވެ. އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އަހަރު މަސްވެރިންނަށް ދޫކުރަންޖެހޭ ފައިސާ ދޫކޮށް ނިންމަވައި، 2024 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހު 48 ގަޑިއިރުތެރޭ މަސްވެރިންނަށް ފައިސާ ލިބޭނެ އިންތިޒާމު ރައީސް ހަމަޖެއްސެވިއެވެ.
އެއަށްފަހު ކިރުވާ މަހަށް 48 ގަޑިއިރު ތެރޭ މަސްވެރިންނަށް ފައިސާ ދޫކުރަމުން އަންނައިރު މި ބަދަލާއެކު މަސްވެރިކަމަށް ބޮޑު ކުރިއެރުމެއް އައިސްފައިވެއެވެ. އެގޮތުން މަސްވެރިން ބާނާ މަސް ކިރުވާ މިންވަރާއި މަސް ބޭރުކުރާ މިންވަރު އިތުރުވެފައިވެއެވެ.
ނިމިދިޔަ 2025 ވަނަ އަހަރަކީ، މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން މުހިއްމު ނިންމެވުންތަކެއް ނިންމަވާ، އެ ނިންމެވުންތައް ތަންފީޒުކުރަން ފެށި އަހަރެކެވެ. މިފްކޯ އިން މަސްވެރިންގެ އަތުން ގަންނަ މަހުގެ އަގު 16 ރުފިޔާއަށް ބޮޑުކޮށް، މަސްވެރިންނަށް ވިއްކާ ތެލުގެ އަގު 13 ރުފިޔާއަށް ވަނީ ހެޔޮކޮށްފައެވެ.
މީގެއިތުރުން، މިދިޔަ ޑިސެންބަރު މަހު ބޭއްވި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިފަދައިން ދައުލަތުގެ މަސް ކުންފުނި، މިފްކޯ އިން ކަނޑުއޮތްގިރީގައި މި މަހުގެ ތެރޭގައި ވަނީ ކަޅުބިލަމަހެކޭ އެއްފަދައިން މަސްވެރިން އަތުން 15 ކިލޯއިން މަތީގެ ބޮޑުކަންނެލި ގަންނަން ފަށާފައެވެ. މިފްކޯ އިން މިހާރު ބޮޑުކަންނެލި ގަންނަނީ 25 ރުފިޔާގެ ރޭޓުންނެވެ.