ENGLISH

02 ފެބްރުއަރީ 2026

Advertisement

ރޯދަ ހަދިޔާ ދޫކުރަނީ އެންމެންގެ އެއްބާރުލުމާއެކު، ރައްޔިތުން ދެކެނީ ޤައުމީ ކަމެއްގެ ގޮތުގައި: ފަތުހީ

02 ފެބްރުއަރީ 2026

|

ޢަލީ ޝަހީމް

އެމްއެމް ޓީވީގެ ޕްރޮގްރާމެއްގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މޫސާ ފަތުހީ އާދަމް ވާހަކަދައްކަވަނީ. ފޮޓޯ: އެމްއެމް

ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ކޭސް ގޭބިސީތަކަށް ފޯރުކޮށްދެނީ ދައުލަތުގެ އިދާރާތަކާއި، ކައުންސިލްތަކާއި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާ އެކީ ކަމަށާއި، ރައްޔިތުން ދެކެނީ މިއީ ޤައުމީ ކަމެއްގެ ގޮތުގައި ކަމަށް، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މޫސާ ފަތުހީ އާދަމް ވިދާޅުވެއްޖެއެވެ.

"އެމްއެމް" ޓީވީގެ ބޮޑު ޚަބަރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފަތުހީ ވިދާޅުވީ، މިއަހަރު ރޯދަ ހަދިޔާ ބެހުމުގެ ހުރިހާ ކަމެއް ވެސް ދަނީ ތަރުތީބުކުރެވިގެން އިންތިޒާމެއްގެ ތެރެއިން ކަމަށެވެ. އަދި، މިހާތަނަށް އައިއިރު ރައްޔިތުންގެ ފަރާތުން ހިތްހަމަޖެހުން ލިބިފައިވާކަމަށް ވިދާޅުވިއެވެ.

"މިކަން މި ކުރެވެނީ ދައުލަތުގެ ވަރަށް ގިނަ ކުންފުނިތަކުގެ މުވައްޒަފުންނާއި މުހިއްމު އިދާރާތަކުގެ މުވައްޒަފުންނާއި އަދި ކައުންސިލްތަކުގެ މުވައްޒަފުންނާ އާއްމު ރައްޔިތުންގެ ވެސް ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެން ވަރަށް ބޮޑަށް ޤައުމީ ކަމެއްގެ ގޮތުގައި" - ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މޫސާ ފަތުހީ އާދަމް 

ފަތުހީ ވިދާޅުވީ، މަސައްކަތުގައި ޝާމިލްވާ މުވައްޒަފުން ވެސް މަސައްކަތްކުރަނީ މިއީ ޤައުމީ ކަމެއްގެ ގޮތުގައި ދެކިގެން ކަމަށެވެ. އަދި، އާއްމު ރައްޔިތުން ހުޅުމާލޭގެ 6 މަރުކަޒާއި މާލޭގެ 8 މަރުކަޒުގެ އިތުރުން ވިލިމާލޭގެ މަރުކަޒުން ވެސް މަސްދަޅު ކޭސް ހިފައިގެން ދަނީ ހިނިތުންވުމާ އެކީގައި ކަމަށް ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ރަމަޟާން މަހާ ދިމާކޮށް ކޮންމެ ގޭބިސީއަކަށް ދޫކުރަނީ 48 ދަޅުގެ މަސް ކޭހެކެވެ. އެންމެ ފަހުގެ އަދާހަމައަށް ބަލާއިރު މިހާތަނަށް، 26،000 އަށް ވުރެ މަސްދަޅު ކޭސް ވަނީ ދޫކޮށްފައެވެ.

ރޯދަ ހަދިޔާގެ ގޮތުގައި މިފަހަރު ޖުމްލަ 118،673 ގޭބިސީއަށް މަސްދަޅު ކޭސް ދޫކުރަން ވަނީ ނިންމާފައެވެ. އެއީ ކޮންމެ ގޭބީސީއަކަށް އެއް މަސްދަޅު ކޭހުގެ ރޭޓުންނެވެ. މީގެ ތެރޭގައި ހިމެނެނީ އަތޮޅުތަކުގެ 56،918 ގޭބިސީއާއި މާލެ ސަރަޙައްދުގެ 61،755 ގޭބިސީއެވެ.

ފަތުހީ ވިދާޅުވީ، އިންތިޒާމުތައް ފުރިހަމަކުރެވުނީ ގިނަ މަސައްކަތްތަކާ އެކު ކަމަށެވެ. އެގޮތުން، މަސްދަޅު އުފެއްދުމާއި، މާލެ ސަރަޙައްދުގައި މަސްދަޅު ކޭސްތައް ބަހާނެ އިންތިޒާމުތައް ހަމަޖެއްސުމާއި އަތޮޅުތެރެއަށް މަސްދަޅު ކޭސްތައް ފޮނުވުމުގެ އިންތިޒާމުތައް ވަރުގަދަކުރަން ޖެހުނު ކަމަށް ފަތުހީ ވިދާޅުވިއެވެ. އެއީ ވަރަށް ގިނަ ބަޔަކު ޝާމިލުވެގެން ކުރެވިގެންދިޔަ ކަމެއް ކަމުގައި ފަތުހީ ފާހަގަކުރެއްވިއެވެ.

ސްޓޭޓް މިނިސްޓަރ ފަތުހީ އިތުރަށް ވިދާޅުވީ ރޯދަ ހަދިޔާ ބެހުމުގެ ކަންކަން މިއަހަރު ވެސް ހިނގަނީ އޮމާންކޮށް ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ކަންކަން ކުރައްވާނީ ދެފުންފެންނަ ފަސޭހަ ގޮތްތަކަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު