ENGLISH

02 ފެބްރުއަރީ 2026

Advertisement

ނިމުނު ޑިސެންބަރުގައި ކުޑަކުދިންނަށް އަނިޔާކުރުމުގެ 85 މައްސަލަ ހުށަހެޅުނު

02 ފެބްރުއަރީ 2026

|

ޝިފްޒާން އަޙްމަދު

ކުޑަކުދިންނަށް އަނިޔާކުރުމުގެ 85 މައްސަލައެއް ހުށަހަޅާފައިވޭ، ފޮޓޯ: އަދަދު

ފާއިތުވި އަހަރުގެ ޑިސެންބަރު މަހުގައި ކުޑަކުދިންނަށް އަނިޔާކުރުމުގެ 85 މައްސަލައެއް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއަށްް ހުށަހެޅުނު ކަމުގައި އެ ވުޒާރާއިން ބުނެފިއެވެ. 

އެ ވުޒާރާއިން އާއްމުކޮށްްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގެ ތެރެއިން އެ ވުޒާރާއަށް ހުށަހެޅުނީ އެންމެ ގިނައިން ކުޑަކުދިންނަށް އިހުމާލުވުމުގެ މައްސަލައެވެ. އެގޮތުން މިބާވަތުގެ 25 މައްސަލަ ޑިސެންބަރު މަހު ހުށަހެޅުނުއިރު އެއިން 10 މައްސަލައަކީ ފިރިހެން ކުދިންނާ ގުޅޭ މައްސަލައެވެ. 14 މައްސަލައަކީ އަންހެން ކުދިންނާ ގުޅުންހުރި މައްސަލައެވެ. ކޮން ކުއްޖެއްްކަން ނޭނގޭ ގޮތަށް އެއް މައްސަލަ ހުށަހެޅުނެވެ. 

ދެން އެންމެ ގިނައިން ހުށަހަަޅާފައިވަނީ ޖިސްމާނީ އަނިޔާގެ މައްސަލަތެކެވެ. މިބާވަތުގެ 15 މައްސަލަ ޑިސެންބަރު މަހުގައި ހުށަހެޅުނުއިރު އޭގެ ތރޭގައި 13 ފިރިހެން ކުދިންނާ ގުޅުންހުރި މައްސަލައާއި އަންހެން ކުދިންނާ ގުޅޭ ތިން މައްސަލައެވެ. 

ޑިސެެންބަރު މަހުގައި ޖިންސީ ހާނިއްކައިގެ 14 މއްސަލަ އަދި ގެވެށި އަނިޔާގެ އަމަލެއް ހިންގާތަން ކުޑަކުއްޖަކަށް ދެއްކުން ނުވަތަަ ފެނުމުގެ 11 މައްސަލަ ހުށަހެޅިފައިވެއެވެ. ކުޑަކުދިން ގްރޫމްކުރުމުގެ ދެ މައްސަލައާއި ބްލެކްމެއިލްކުރުމުގެ ދެ މައްސަލަވެސް ހުށަހަޅާފައިވެއެވެ. ނަހަމަ ގޮތުގައި ކުޑަކުއްޖަކު ބޭނުންކުރުމުގެ އެއް މައްސަލައާއި ކުދިން ދޫކޮށްލާފައި ދިއުމުގެ އެއް މައްސަލަ ހުށަހެޅިފައިވެއެވެ. 

ކުޑަކުދިންނަށް އަނިޔާކުރާ މައްސަލަތަކުގެ ތެރެއިން 40 މައްސަލައަކީ ފިރިހެން ކުދިންނާ ގުޅުންހުރި މައްސަލައާއި އަންހެންކުދިންނާ ގުޅުންހުރި 44 މައްސަލއާއި ކޮން ކުއްޖެއްކަން ނޭނގޭ ގޮތަށް ހުށަހަަޅާފައިވާ އެއް މައްސަލައެވެ. 

ކުޑަކުދިންގެ އަހުލާގީ މައްސަލަތަކުގެ ގޮތުގައި 13 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ. އެ ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ، ސްކޫލަށް ދާން ބޭނުންނުވުމުގެ މައްސަލައެވެ. ސްކޫލަށް ދާން ބޭނުންނުވުމުގެ ހަތަރު މައްސަލައެއް ހުށަހަޅާފައިވެއެވެ. ގެއިން ނިކުމެގެން ދިއުމުގެ ތިން މައްސަލައާއި ރުޅީ އިސްކުރުމާއި ރުޅިގަދަވެގެން އުޅުމުގެ އެއް މައްސަލަ ހުށަހެޅިފައިވެއެވެ. 

ކުޑަކުދިންގެ ހައްގުތަކާ ގުޅުންހުރި އެއް މައްސަލަ ޑިސެންބަރު މަހު އެ ވުޒާރާއަށް ރިޕޯޓުކޮށްފައިވެއެވެ. އެ މައްސަލައަކީ އައިޑީ ކާޑާއި ޕާސްޕޯޓު އަދި އުފަންދުވަހުގެ ސެޓްފިކެޓު ހޯދުމާ ބެހޭ އެއް މައްސަލައެވެ. 

އެ ވުޒާރާއިން އަންނަނީ ކުޑަކުދިންނާ ގުޅޭ ގޮތުން ހުށަހެޅޭ ތަފާތު މައްސަލަތައް ފަރުވާތެރިކަމާއެކު ބަލައި، އެ މައްސަލަތަކުގައި ފިޔަވަޅުއެޅުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު