ENGLISH

02 ފެބްރުއަރީ 2026

Advertisement

ބައިކިލޯއަށްވުރެ ގިނަ ޑްރަގާއެކު މީހަކު ހައްޔަރުކޮށްފި

02 ފެބްރުއަރީ 2026

|

ޝިފްޒާން އަޙްމަދު

ބައިކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި އަލީ މުފާވިޒު، ފޮޓޯ: ފުލުހުން

މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވައި އެކަމުގައި ޝާމިލުވާ ވިއުގައް ރޫޅައިލުމަށް ފުލުހުންގެ ހިދުމަތުން ފަށައިގެން ކުރިއަށްގެންދާ "އަލިމަގު" އޮޕަރޭޝަނުގެ ތެރެއިން ބައި ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއި، އެއްލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު ހައްޔަރުކޮށްފިއެވެ. 

ފުލުހުންވަނީ މި މައްސަލާގައި ހައްޔަރުކޮށްފަައިވާ މީހާގެ ވަނަވަރު އާއްމުކޮށްފައެވެ. އެ ހިދުމަތުން ބުނެފައިވާ ގޮތުން 21 އަހަރުގެ، އަލީ މުފާވިޒު، ހަފުލާ، ލ.ހިތަދޫ ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ގޭންގް ސަޕްރެޝަން ޔުނިޓަށް ލިބުނު މައުލޫމާތު ގުޅިގެން އެ ހިދުމަތުގެ ޑްރަގް އެންފޯސްމެންޓު ޑިޕާޓުމެންޓާއެކު ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައެވެ. 

އޭނާ ހައްޔަރުކުރީ މަސްތުވާތަކެތި ގެންގުޅެ އެ ތަކެެތީގެ ވިޔަފާރިކޮށް ބޭނުންކުރާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ކަމަށް ފުލުހުންގެ ހިދުމަތުން ބުނެފައިވެއެވެ. 

މުފާވިޒު ހައްޔަރުކުރުމާއެކު މާލޭގައި އޭނާ ދިރިއުޅޭ އެޕާޓުމެންޓު ފުލުހުންގެ ހިދުމަތުންވަނީ ބަލައިފާސްކޮށްފައެވެ. އެ އެޕާޓުމެންޓުން 614 ގްރާމުގެ މަސްތުވާތަކެތި ކަމުގައި ބެލެވޭ ތަކެތިވަނީ ފެނިފައެވެ. އަދި 125،000 އަށްވުރެ ގިނަ ރުފިޔާވެސް  އެ އެޕާޓުމެންޓުންވަނީ ހޯދާފައެވެ. 

އެ މައްސަލާގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުންވަނީ ފަސް ދުވަހުގެ މުއްދަތަކަށް އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. 

ފާއިތުވި ހަފުތާގެ ހޯމަދުވަހުވެސް ފުލުހުންވަނީ "އަލިމަގު" އޮޕަރޭޝަނުގެ ތެރެއިން ސިފައިންގެ ފުލެޓެއްގެ ތެރެއިން ބައިކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު 22 އަހަރުގެ ޒުވާނެއް ހައްޔަރުކޮށްފައެވެ. 

ފުލުހުން ކުރިއަށްގެންދާ "އަލިމަގު" އޮޕަރޭޝަނަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާ މީހުން ދެނެގަނެ، އެ ވިޔަފާރީގައި ޝާމިލުވެގެން އުޅޭ ވިއުގަތައް ރޫޅައިލުމަށް ދިގުރާސްތާއަށް ޕްލޭންކޮށްގެން ކުރިއަށްގެންދާ ބޮޑު އޮޕަރޭޝަނެކެވެ. 

ކިޔުންތެރިންގެ ހިޔާލު