ENGLISH

02 ފެބްރުއަރީ 2026

Advertisement

ޕާކިސްތާނުގެ ބަލޫޗިސްތާނަށް ދިން ނިރުބަވެރި ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

02 ފެބްރުއަރީ 2026

|

ޝިފްޒާން އަޙްމަދު

ބަލުޗިސްތާނަށް ދިން ހަމަލާ ދިވެހި ސަރުކާރުންވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައި، ފޮޓޯ: ގެޓީ އިމޭޖްސް

ޕާކިސްތާނުގެ ބަލޫޗިސްތާނަށް ފާއިތުވި ޖަނަވަރީ މަހުގެ 31 ވަނަ ދުވަހު ދިން ނިރުބަވެރި ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ. 

މި ހަމަލާއާ ގުޅިގެން ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނިރުބަވެރި ކޮންމެ އަމަލަކީ އިންސާނިއްޔަތާ ހިލާފު ފިނޑި އަދި ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ. އަދި ޓެރަރިޒަމްގެ ހުރިހާ އަމަލުތަކާ ދެކޮޅަށް ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިއޮންނާނެ ކަމުގައިވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. 

ކޮންމެ ސިފައެއްގައި ކޮންމެ މަގުސަދެއްގަައި ނަމަވެސް ހިންގާ ހުރިހާ ޓެރަރިޒަމްގެ އަމަލުތަކާ ދިވެހި ސަރުކާރުން ދެކޮޅުކަން ހާމަކޮށް، ފޮރިން މިނިސްޓްރީންވަނީ ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ތައުޒިޔާ ފޮނުވާފަައެވެ. 

އިތުރަށް ހާރިޖިއްޔާއިން ބުނެފައިވަނީ މި ހިތާމަވެރި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން ތިބީ ޕާކިސްތާނާއި އެ ގައުމުގެ ސަރުކާރާއެކު ސާބިތުކަންމަތީ ކަމަށެވެ. އަދި މި ހަމަލާގައި އަނިޔާވި އެންމެނަށް އަވަސް ޝިފާއަކަށް އެދޭކަމަށްވެސް ސަރުކާރުން ބުނެފައިވެއެވެ. 

ބަލުޗިސްތާނުގައި ވަކި ދައުލަތެއް ގާއިމުކުރުމަށް މަސައްކަތްކުރާ ހަތިޔާރު އެޅި ޖަމާއަތެއް ކަމުގައިވާ ބަލޫޗް ލިބަރޭޝަން އާމީ (ބީއެލްއޭ)އިން މިއަދު މިހަަމަލާގެ ޒިންމާ ނަގާފައިވެއެވެ. މައުދަނުގެ މުއްސަނދިކަން ލިބިފައިވާ ބަލޫޗިސްތާނުގައި ހަމަނުޖެހުން އުފައްދައި ވަކިވެގަތުމަށް މަސައްކަތްކުރާ ޖަމާއަތްތަކަށް ހިތްވަރުދެނީ އަވައްޓެރި އިންޑިޔާއިން ކަމަށް ޕާކިސްތާނުން ތުހުމަތުކުރެއެވެ. އިންޑިޔާއިން އަބަދުވެސް އެ ތުހުމަތުތައް ދޮގުކުރެއެވެ. 

ބަލޫޗިސްތާނުގައި ދިން މިހަމަލާގައި 145 މީހަަކު މަރުވެފައިވާކަމަށް ސަރުކާރުން ބުނެއެވެ. މި ހަމަލާ ދީފައިވަނީ އެ ސަރަހައްދުގައި ހިންގި އޮޕަރޭޝަނެއްގައި 41 ހަނގުރާމަވެރިން މަރާލިކަން ޕާކިސްތާނު ސަރުކާރުން އިއުލާނުކުރިތާ މަދު ދުވަސްކޮޅެއް ފަހުންނެވެ. 

ކިޔުންތެރިންގެ ހިޔާލު