ENGLISH

02 ފެބްރުއަރީ 2026

Advertisement

ރާއްޖެއަށް ޗާގޯސް ލިބިއްޖެނަމަ އެމެރިކާގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދެވޭނެ: ރައީސް

02 ފެބްރުއަރީ 2026

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އދ.ގެ ސަލާމަތީ މަޖިލީހުގައި ތަގުރީރުކުރައްވަނީ، ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސްެގެ ރަށްތައް ރާއްޖެއަށް ލިބިއްޖެނަމަ އެ ސަރަހައްދުގައި އޮންނަ ޑިއޭގޯ ގާސިއާގައި ހުރި އެމެރިކާގެ ވަސީލަތްތައް ގެއްލިދާނެތީ އެ ގައުމުގެ ރައީސް ޑޮނާލްޑް ޓުރަމްޕު ފާހަގަކުރައްވާ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދެއްވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

"ނިއުސްވީކް"އަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ވިދާޅުވީ ޗާގޯސްގެ ރަށްތަކުގެ ކޮންޓުރޯލު ރާއްޖެއަށް ލިބިއްޖެނަމަ އެމެރިކާއިން ޑިއޭގޯ ގާސިއާގައި ގާއިމުކޮށްފައިވާ ކަނޑުގެ އަސްކަރީ ފެސިލިޓީތައް އެގޮތުގައި ދެމެހެއްޓުމަށް ބޭނުންވާ އިންތިޒާމުތައް ތަރުތީބުކޮށްދެއްވާނެ ކމަށެވެ. 

އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި އޮތް ޗާގޯސް މޮރިޝަސްގެ ސިޔާދަތީ ބާރުވެރިކަމުގެ ދަށަށް ބަދަލުކުރުމަށް އިނގިރޭސި ސަރުކާރުން ނިންމި ނިމުމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓުރަމްޕުގެ ފާޑުކިޔުން އަމާޒުވެފައިވެއެވެ. ޓުރަމްޕުގެ މައިގަނޑު ކަންބޮޑުވުމަކީ ޑިއޭގޯ ގާސިއާ ބޭނުންކުރުމަށް ހުރަސްއެޅުމެވެ. މޮރިޝަސްއިން ގެންދަނީ އެ ސަރަހައްދު އެމެރިކާއަށް އަދި އިނގިރޭސިވިލާތަށްވެސް އަސްކަރީ ބޭނުންތަކަށް ބޭނުންކުރެވޭނެ ކަމުގައި ބުނަމުންނެވެ. 

ރައީސް ނިއުސްވީކަށް ދެއްވި ބަސްދދީގަތުމުގައި ވާހަކަދައްކަވަމުން ވިދާޅުވީ ރައީސް ޓުރަމްޕުގެ މައިގަނޑު ކަންބޮޑުވެވަޑައިގަތުން ގުޅިފައި އޮތީ މިހާރުވެސް އެމެރިކާއިން ބޭނުންކުރަމުންދާ ގޮތަށް ޑިއޭގޯ ގާސިއާގައި ގައިމުކޮށްފައިވާ ނޭވަލް ފެސިލިޓީގެ ބޭނުންތަކަށް ޗާގޯސް ބޭނުންކުރެވުމާމެދު ކަމަށެވެ. 

އަދި ޓުރަމްޕުގެ އެ ކަންބޮޑުވެވަޑައިގަތުމަށް ހައްލު ހޯއްދެވުމަށް، ވެރިކަންކުރާ ކޮންގުރެސް ޕާޓީގެ ބޮޑު އަޣުލަބިއްޔަތު އޮތް ރައްޔިތުންގެ މަޖިލީހަށް ގާނޫނު އަސަސީ އިސްލާހުކުރުމަށް ހުށަހޅުއްވާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ. 

މިހާރު އިނގިރޭސިވިލާތުގެ މިލްކުވެރިކަމުގެ ދަށުގައި އެ ގައުމާއި އިނގިރޭސިވިލާތާއި ރާއްޖެ ހިމެނޭހެން އިތުރު އެތައް ގައުމަކާއެކު ގާއިމުކޮށްފައިވާ އަސްކަރީ އެއްބަސްވުންތަކުގެ ދަށުން އެމެރިކައަށް ޑިއޭގޯ ގާސިއާ މެދުވެރިކޮށް މިނިވަންކަމާއެކު ހަރަކާތްތެރިވުމުގެ ފުރުސަތު އޮންނަކަން ފާހަަގަކުރައްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ޗާގޯސްގެ މިލްކުވެރިކަން ބަދަލުވެއްޖެނަމަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން މިހާރު އޮތް ހާލަަތު ދެމިގެންދާނެ ގޮތަށް ގާނޫނުއަސަސީގެ ތެރެއިން ހުއްދަ ހޯއްދެވުމަށް ހުށަހަޅުއްވާނެ ކަމަށެވެ. 

އިތުރަށް ރައީސް ވިދާޅުވީ ޗާގޯސްއަކީ މިހާރު މީހުން ދިރިއުޅޭ ސަރަހައްދަކަށްނުވުމާއި އެ ސަރަހައްދަކީ ރައްކާތެރިކޮށްފަައިވާ ކަނޑުގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައި އޮންނަ އޮތުމަކީ ޑިއޭގޯ ގާސިއާ ބޭސްއަށް އޮތް ރައްކާތެރިކަމުގެ ގޮތުގައި ފާހަގަކުރާ ކަމަށެވެ. 

އެތައްހާސް މޭލުގެ ކަނޑުގެ ސަރަހައްދުގައި ރައްކާތެރިކޮށްފައިވާ ކަނޑުގެ ސަރަހައްދުތައް އެގޮތުގައި ދެމެހެއްޓުމުގައި ދުނިޔޭގައިވެސް އެންމެ ތަޖުރިބާކާރު ގައުމަކީ ރާއްޖެކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވެފައިވަނީ ރާއްޖޭގެ ބޯޑަރުތަކުގެ ތެރޭގައި ހިމެނޭ ރައްކާތެރިކޮށްފައިވާ ކަނޑުގެ ސަރަހައްދެއްގެ އާބާދީ އެކަށޭނެ މިންވަރަށްވުރެ ބޮޑުކޮށް، އެތަންތަނުގައި އެކަށޭނެ މިންވަރަށްވުރެ ގިނަ ތަރައްގީގެ މަސައްކަތްތައް ދިވެހިރާއްޖެއިން ހިންގާފައިނުވާނެ ކަމަށެވެ. އަދި ރާއްޖޭގެ ބޯޑަރުގެ ތެރެއަށް ޗާގޯސް ހިމެނިގެން ހިނގައްޖެނަމަ އެ ސަރަހައްދާމެދުވެސް ތަފާތު ގޮތަކަށް ރާއްޖެއިން އަމަލުނުކުރާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ. 

މީގެ ކުރިން އިނގިރޭސި ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި ރައީސްވަނީ ޗާގޯސްގެ މައްޗަށް ރާއްޖެއިން ކުރާ ސިޔާދަތީ ދައުވާގެ މައުލޫމާތު އިނގިރޭސި ސަރުކާރާ ހިއްސާކުރައްވާފައިވާކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖެއާއި ޗާގޯސްގެ މެދުގައި އޮތް ޖިއޮގްރަފީއާއި ތާރީހީ ގުޅުންތައް ފާހަަގަކުރައްވަމުން، ރާއްޖެއަށްވުރެ ޗާގޯސްގެ މައްޗަށް ސިޔާދަތު އޮތުން އެކަށީގެންވާ އެހެން ގައުމެއް ނެތްކަމަށްވެސް ވިދާޅުވިއެވެ. 

ޖިއޮގްރަފީގެ ގޮތުން ބަލާނަމަ މޮރިޝަސްގެ ވެރިރަށް ޕޯޓް ލުއީއާއި ޗާގޯސްގެ މެދުގައި 1،300 މޭލުގެ ދުރުމިން ހުރެއެވެ. ނަމަވެސް ޗާގޯސްއާއި ރާއްޖޭގެ ވެރިރަށް މާލެއާ ދެމެދުގައި ހުންނާނީ އެންމެ 310 މޭލުގެ ދުރުމިނެކެވެ. އަދި ފޯޅަވައްސަކީ ދިވެހިން އިހުގައި ދަތުރުކޮށް އުޅުނު އަތޮޅެކެވެ. އަދި ދިވެހި ބައެއް ރަސްކަލުންގެ ލިޔުއްވުންތަކުގައި ފޯޅަވައްސަކީ ރާއްޖޭގެ ބައެއްކަމަށް އެ ބޭފުޅުން ލިޔުއްވާފައިވެއެވެ. 

ފޯޅަވައްސާއި ރާއްޖެއާ ދެމެދުގައި އޮންނަ ކަނޑުގެ ސަރަހައްދުގެ އިން ކަނޑައެޅުމަށް މޮރިޝަސްއިން އިޓްލޮސްއަށް ހުށަހެޅި މައްސަލައާ ގުޅިގެން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމެވި ބައެއް ނިންމެވުންތަކާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އެމަނިކުފާނަށް އަމާޒުވިއެވެ. އަދި ފޯޅަވައްސަކީ ރާއްޖޭގެ ބައެއްގެ ގޮތުގައި ހަމަޖައްސައި އެ ސަރަހައްދު ހޯދުމަށް މަސައްކަތްކުރުމަށް ގޮވައިލާ ވަރުގަދަ ހަރަކާތެއް މީސްމީޑިޔާގައި ފެށިފައިވެއެވެ. 

ކުރީ ސަރުކާރުން ކަނޑުގެ އިން ކަނޑައެޅުމުގެ މައްސަލާގައި އަމަލުކުރި ގޮތުން ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުމަށް މަސައްކަަތްކުރެއްވުމަކީ ރައީސްގެ ވައުދުފުޅެކެވެ. ސަރުކާރުން އަންނަނީ އެކަމުގައި އެޅޭނެ ފިޔަވަޅުތައް ބަލައި، ޑިޕްލޮމެސީ މެދުވެރިކޮށް ހައްލުތަކެއް ހޯދުމަށް މަސައްކަތްކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު