ENGLISH
10 އޭޕްރީލު 2025
އަމާޒަކީ ރާއްޖޭގެ ކުޅުންތެރިން ދުނިޔޭގެ ސްޓޭޖުގައި ރަންވަނަތަކެއް ހޯދުން: ވަޒީރު ރާފިޢު
07 ޑިސެމްބަރު 2024
|
އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ސްޕޯޓްސް މިނިސްޓަރ އަބްދުﷲ ރާފިޢު ވާހަކަ ދައްކަވަނީ. - ފޮޓޯ: އެމްއެމްޓިވީ
ސްޕޯޓްސް މިނިސްޓްރީގެ ވިޝަން އަކީ ރާއްޖޭގެ ކުޅުންތެރިން ދުނިޔޭގެ ސްޓޭޖުގައި ރަންވަނަތަކެއް ހޯދާނެ ދުވަހެއް ގެނައުން ކަމަށް ކުޅިވަރާއި ހަށިހެޔޮ ކަމާ ބެހޭ ވުޒާރާގެ ވަޒީރު، އަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ "ބޮޑު ޙަބަރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވަޒީރު ރާފިޢު މިރޭ ވިދާޅުވީ، ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރާއްޖޭގެ ކުޅުންތެރިންނަށް ރަންވަނަތަކެއް ހޯދައިދިނުމުގެ އަމާޒަށް ވާސިލްވުމުގެ ގޮތުން، އެންމެ ފުރަތަމަ ކުރައްވަން ފެއްޓެވި މަސައްކަތަކީ އެތުލީޓުން ތަރައްޤީކުރުމަށް ދިގު ރާސްތާގެ ޕްލޭނެއް ހެދުމުގެ މަސައްކަތް ކަމަށެވެ.
އެގޮތުން، ސްޓޭކްހޯލްޑާސްއާ މަޝްވަރާކޮށް، ހުރިހާ ގައުމީ އެސޯސިއޭޝަންތަކާއި، ކުޅިވަރުގެ އެކިއެކި މުއައްސަސާތަކާ، އަދި ކުޅިވަރު ކުރިއެރުވޭނެ ކަމަށް ފެންނަ މިނިސްޓްރީތަކާ ބައްދަލުކޮށް ލިބުނު މަޢުލޫމާތުތަކުގެ އަލީގައި ކުޅިވަރު ކުރިއަރުވާނެ ތަސައްވުރެއް އެކުލަވާލެވިފައިވާ ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންނަށް ކުރެވުނު އެންމެ މުހިއްމު ކަމަކީ ކޮން ކަންތައްތަކެއްތޯ އަޅުގަނޑުމެން ކުރާނީ، ކޮބައިތޯ އަޅުގަނޑުމެންގެ ލަނޑުދަނޑިއަކީ، ކޯޗެއް ހާސިލްކުރަންތޯ މިއުޅެނީ، ކިހާ ދުވަހަކުންތޯ އެ ހާސިލްކުރެވޭނީ،" ވަޒީރު ވިދާޅުވިއެވެ.
"މިހާރު ހުރި ވަޞީލަތްތަކާއި، މިހާރު އަޅުގަނޑުމެންގެ ކުޅިވަރު އޮތް ލެވެލް، ދުނިޔޭގެ ސްޓޭޖުގައި އަޅާކިރާފައި، ކޮން ކަންތައްތަކެއްތޯ އަޅުގަނޑުމެން ގެންދަން އެ ބޭނުންވާ ހިސާބަށް ގެންދަން އަޅުގަނޑުމެން މި އަހަރު ކުރަން ޖެހޭނީ، ދެން އަންނަ އަހަރު ކުރަންޖެހޭނީ، ދެން އަންނަ އަހަރު ކުރަންޖެހޭނީ، މި ގޮތަށް،" ވަޒީރު ރާފިޢު ވިދާޅުވިއެވެ.
މީގެއިތުރުން، ކުޅިވަރުގެ ދިގު ރާސްތާ ޕްލޭންގައި ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކަށް ވާސިލްވުމަށް ކުރަންޖެހޭ ކަންތައްތައް ދެނެގަތުމުގެ މަސައްކަތްކުރުމަށް، ތަފާތު ހަ މަސައްކަތެއް ކުރުމަށް ހަ ގްރޫޕެއް އެކުލަވާލައި، އެ ކަމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.