ENGLISH

10 އޭޕްރީލު 2025

Advertisement

ސައުދީގެ ވޯލްޑް ކަޕް ބިޑަށް ތާއީދުކުރަން ޖަރުމަނުން ނިންމައިފި

07 ޑިސެމްބަރު 2024

|

މުޙައްމަދު އަދުހަމް

ފޮޓޯ: ސައުދީ އެފްއޭ

ސަޢޫދީ ޢަރަބިއްޔާ އިން 2034 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ބާއްވަން ހުށަހަޅާފައިވާ ބިޑްގެ އިތުރުން 2030 ވަނަ އަހަރުގެ މުބާރާތް ބާއްވަން ސްޕެއިނާއި ޕޯޗުގަލް އަދި މޮރޮކޯގެ ހުށަހެޅުމަށް ތާޢީދުކުރުމަށް ޖަރުމަނުގެ ފުޓްބޯޅަ އެސޯސިއޭޝަން (ޑީއެފްބީ) އިން ނިންމައިފިއެވެ.

ޖަރުމަނުގެ އެފްއޭ އިން އެ ގޮތަށް ނިންމީ، ހުކުރުދުވަހު ފްރެންކްފާޓްގައި ބޭއްވި އެކްސްޓްރާއޯޑިނަރީ ކޮމިޓީގެ ބައްދަލުވުމުގައެވެ. އަދި، ޖަރުމަނުން އެގޮތަށް ނިންމާފައިވަނީ، ޚާއްޞަކޮށް ސަޢޫދީ ޢަރަބިއްޔާގެ ބިޑަށް ތާއީދުކުރުމާ ގުޅިގެން ފާޑުކިޔުންތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ބަލާފައެވެ.

މީގެކުރީން، ސްވީޑަން އަދި ޑެންމާކުގެ ފެޑެރޭޝަންތަކުން ވޯލްޑް ކަޕްގެ ބިޑްތަކަށް ތާއިދުކުރުމާ ގުޅޭގޮތުން ނެރެފައިވާ ބަޔާންތަކޭ އެއްފަދައިން، ޑީއެފްބީގެ ރައީސް ބާންޑް ނޮއެންޑޯފް ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ: "އަހަރެމެންނަށް މި ނިންމުން ނިންމަން ފަސޭހައެއް ނޫން. 2034 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ހުށަހެޅި ބިޑް ވަރަށް ރަނގަޅަށް ދިރާސާކޮށްފައިވާނީ."

"އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކާއި ކުޅިވަރަށް ލޯބިކުރާ އެންމެހާ ފަރާތްތައް ހިމެނޭ ގޮތަށް، އެކަމުގައި މަސްލަހަތު ހިމެނޭ ކަމުގެ މާހިރުންނާއެކު މަޝްވަރާކުރެވުނު. އަދި އެ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ރަނގަޅަށް ވިސްނައިގެން ނިންމި ނިންމުމެއް މިއީ،" ޖަރުމަނު އެފްއޭގެ ރައީސްގެ ބަޔާނުގައިވެއެވެ.

ޖަރުމަނުގެ އެފްއޭ އިން އިތުރަށް ބުނީ، ޤައުމުތަކުން ހުށަހަޅާފައިވާ އެޕްލިކޭޝަންތަކަށް ކުރި ތާއީދާ ގުޅޭގޮތުން އަމާޒުވާނެ ފާޑުކިޔުންތައް ބަލައިގަންނަ ކަމަށާއި، އެ އިދާރާގެ މަޤްޞަދަކީ ކުރިއަށް އޮތް އަހަރުތަކުގައިވެސް ފީފާ އާއެކު މިހާރެކޭ އެއްގޮތަށް ކުޅިވަރާ ގުޅޭ އެންމެހާ ކަންކަމުގެ ޙާލަތު ރަނގަޅުކުރުމަށް މަސައްކަތްކުރުމުގައި ދެމިތިބުން ކަމަށެވެ.

މީގެކުރީން، 2022 ވަނަ އަހަރު ޤަތަރުގައި ބޭއްވި ވޯލްޑް ކަޕްގައި ބައިވެރިވުމަށް ނިންމުމުން ޖަރުމަނުގެ ގައުމީ ޓީމަށް ޢާއްމުންގެ ފަރާތުން ވެސް ބޮޑެތި ފާޑުކިޔުންތަކާ ކުރިމަތިލާންޖެހުނެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން، އެ މުބާރާތުގެ ފުރަތަމަ ބުރުގައި ޖަރުމަނު ކުޅުނު މެޗުތައް އެ ޤައުމުގައި ޓީވީން ބެލި މީހުންގެ އަދަދުވެސް ވަނީ ކުރީ އަހަރުތަކަށްވުރެ 50 އިންސައްތަ ދަށަށް ގޮސްފައެވެ. އެއީ، އެ ޤައުމުގެ އެކި ކަންކޮޅުތަކުގައި ސަޕޯޓަރުން ކުރި އިޙްތިޖާޖުތަކާއި މީޑިއާގެ ފާޑުކިޔުންތަކުގެ ސަބަބުންނެވެ.

2030 އާއި 2034 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯސްޓްކުރުމަށް ޤައުމުތަކުން ހުށަހަޅާފައިވާ ބިޑްތަކަށް ފީފާ އިން ވޯޓަށް އަހާނީ އެކުއެކީގައި އަންނަ ބުދަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެ އެސޯސިއޭޝަންގެ ކޮންގްރެސް ގައެވެ.

މި ވޯޓުގައި ދެ މުބާރާތަށްވެސް ތާޢީދުކުރުމުގެ ނުވަތަ ދެކޮޅުހެދުމުގެ ފުރުޞަތު އޮންނާނެއެވެ. އެއްވެސް މުބާރާތަކަށް ވަކިވަކިން ވޯޓެއް ނުލެވޭނެއެވެ.

ޖަރުމަނުން މި ދެ ވޯލްޑް ކަޕްގެ ބިޑަށް ވެސް ތާއީދުކުރާނެކަން އިޢްލާނުކޮށްފައިވީނަމަވެސް ޔޫރަޕްގެ ފުޓްބޯޅައިގެ ގަދަބާރެއް ކަމަށްވާ، އިނގިރޭސިވިލާތުން އަދިވެސް ގޮތެއް ނުނިންމަ އެވެ. އިނގިރޭސި މީޑިޔާ ރިޕޯޓްތައް ބުނާގޮތުން، އެ ޤައުމުގެ އެފްއޭ އިން ނިންމާފައިވަނީ، އަވަސް އަރުވާލައިގެން ގޮތެއް ނިންމުމުގެ ބަދަލުގައި ވަރަށް ފުޅާދާއިރާއެއްގައި ވިސްނުމަށްފަހު އެކަމަށް ގޮތެއް ނިންމުމަށެވެ.

ކިޔުންތެރިންގެ ހިޔާލު