ENGLISH
22 ޖެނުއަރީ 2026
ެއެމްޕީއެލް ސަރަހައްދުގައި ހިނގި ހާދިސާއެއްގައި މީހަކު ނިޔާވެއްޖެ
22 ޖެނުއަރީ 2026
|
އެމްޕީއެލް ސަރަހައްދު
މާލޭ ވިޔަފާރި ބަނދަރު ސަރހައްދުގައި ހިނގި ހާދިސާއެއްގައި ދިވެއްސަކު ނިޔާވެއްޖެއެވެ.
މިކަމާ ގުޅިގެން އެމްޕީއެލްއިން ބުނީ މާލެ ވިޔަފާރި ބަނދަރުގެ ސަރަހައްދުގައި މިއަދު ހެނދުނު ޑިއުޓީގައި މަސައްކަތްކުރަމުންދިޔަ އެ ކުންފުނީގެ މުވައްޒަފެއް ކަމަށްވާ އަމީން ޢަބްދުލްޚަމީދަށް ފިޓު ޖެހި، އިތުރު ފަރުވާއަށް އައި.ޖީ.އެމް.އެޗް އަށް ގެންދިޔަ ފަހުން ވަނީ ނިޔާވެފައިކަމަށެވެ.
ޑިއުޓީގައި ހުއްޓާ ފިޓުޖެހި، އަމީން ވެއްޓުނީ މާލޭ ވިޔަފާރި ބަނދަރުގެ ހުޅަނގު ފަރާތު ޖެޓީ ސަރަހައްދު މޫދަށް ކަމަށް އެމްޕީއެލްއިން މައުލޫމާތުދެއެވެ. އަދި މި ހާދިސާ ހިނގުމާއެކު، ކުންފުނީގެ ހެލްތު އެންޑް ސޭފްޓީ ޑިޕާޓްމަންޓްގެ އިމަރޖެންސީ ރެސްޕޮންސް ޓީމުން އެ ސަރަހައްދަށް އެޓެންޑްވެ، އެމްބިއުލަންސްގައި އަމީން އައި.ޖީ.އެމް.އެޗް އަށް ގެންގޮސްފައިވާކަމަށާއި އަމީން ނިޔާވީ އައި.ޖީ.އެމް.އެޗްގައި ފަރުވާ ދެމުން ދަނިކޮށްކަމަށް އެމްޕީއެލްއިން ހާދިސާއާ ގުޅިގެން ނެރުނު ބަޔާނުގައިވެއެވެ.
ކުންފުނިން ބުނީ އުމުރުން 30 އަހަރުގެ އަމީން މަސައްކަތްކުރަމުންދިޔައީ އެމް.ޕީ.އެލްގެ ފްލީޓް ސަަރިވަސް ޑިޕާޓްމަންޓްގެ މެރިން ކްރާފްޓް ސެކްޝަންގެ ސީނިއަރ ޑެކް ހޭންޑެއްގެ މަޤާމުގައިކަމަށެވެ. އެމްޕީއެލްގެ ވަޒީފާއާ އަމީން ގުޅުނީ 2020 ވަނަ އަހަރުއެވެ.
އަމީންގެ ޢާއިލާއަށް ކުންފުނީގެ ހުރިހާ މުވައްޒަފުންގެ ނަމުގައި އެމްޕީއެލްއިން ވަޏީ ތައުޒިޔާ ކިޔާފައެެވެ.
ހާދިސާއާ ގުޅިގެން ފުލުހުން ބުނީ އެމްޕީއެލް ފަޅުތެރޭގައި އޮތް 2 ޓަގް ބޯޓް ދޭތެރެއަށް އެމްޕީއެލް ގެ މުވައްޒަފެއް ވެއްޓި އަނިޔާވެފައިވާ ކަމުގެ މަޢުލޫމާތު ހެނދުނު 10:46 އެހައިކަންހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ. އެ މީހާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލް އިން މައުލޫމާތު ދީފައިވާކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.
އެމްޕީއެލް ސަރަޙައްދުގައި މިދިޔަ ނޮވެމްބަރު މަހު ކޮޅުވެއްޓިއެއް ބަންޑުންޖަހާލި ހާދިސާއެއްގައި ވެސް ދެ މީހަކު ނިޔާވެފައިވެއެވެ.