ENGLISH
22 ޖެނުއަރީ 2026
ލާމަރުކާޒީ ގާނޫނު ބޭނުން ނަހަމަގޮތުގައި ހިފައި ސަރުކާރަށް ދުއްތުރާކުރާ ކެންޑިޑޭޓުންނަށް ޖާގަ ނުދީ: މުހައްމަދު އިސްމާއީލް
22 ޖެނުއަރީ 2026
|
ވިލިމާލޭ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު މުހައްމަދު އިސްމާއީލް
ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުތަކާ އެކު ކައުންސިލްތަކަށް ލިބޭ ބާރުގެ ބޭނުން ނަހަމަގޮތުގައި ހިފައި، ސަރުކާރަށް ދުއްތުރާކުރުމުގެ ފުރުސަތު އިދިކޮޅު އެއްވެސް ކެންޑިޑޭޓަކަށް ނުދިނުމަށް ވިލިމާލެ ދާއިރާގެ މެމްބަރު މުޙައްމަދު އިސްމާއީލް ގޮވާލައްްވައިފިއެވެ.
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ "ދޮރުންދޮރަށް" ހިނގުމުގެ ހަރަކާތް ރަސްމީކޮށް ފެށުމަށް މިއަދު ބޭއްވި ހަފްލާގައި "އެމްއެމްޓީވީ"އަށް ދެއްވި އިންޓަވިއުއެއްގައި މެމްބަރު ވަނީ މި އިންތިހާބަކީ ތަފާތު އިންތިހާބެއްކަމަށް ވިދާޅުވެފައެވެ.
އެގޮތުން 2008 ވަނަ އަހަރު މަލްޓި ޕާޓީ ޑިމޮކްރެޓިކް ނިޒާމެއް ރާއްޖެ އައިފަހުން މިފަހަރަކީ ރެކޯޑު އަދަދަކަށް ޕީއެންސީގެ ޓިކެޓުގައި ކެންޑިޑޭޓުން އިންތިހާބެއްގައި ވާދަކުރާ ފަހަރުކަމަށް ވިދާޅުވިއެވެ.
މެމްބަރު ވިދާޅުވީ މާޒީއަށް ބަލާއިރު ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކަށް ހުރަސްއެޅުމަށް އިދިކޮޅު މެޖޯރިޓީ އޮންނަ ކައުންސިލްތަކުން މަސައްކަތްކުރަމުން ގެންދިޔަ ތަން ފެނިގެން ދިޔަކަމަށާއި އެހެން ނަމަވެސް ސަރުކާރު ބަދުނާމުކޮށް، އަގު ވައްޓާލުމަށް ވާދަވެރިން ދައްކާ ވާހަކަތައް ރައްޔިތުން މިއަދު އަޑު ނާހާކަމަށެވެ.
ތަރައްގީގެ ދުވެއްޔަށް ލޮޅުމެއް ނައިސް ކުރިއަށް ގެންދެވޭނީ އޭރަކު އޮންނަ ސަރުކާރެއްގެ ފިކުރު އިސްކުރާ ކެންޑިޑޭޓުން ކައުންސިލްތަކަށް ހޮވައިގެންކަމަށް މެމްބަރު ވިދާޅުވިއެވެ.
"ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެވޭނީ ސަރުކާރަށް ކައުންސިލްތަކުގެ މެޖޯރިޓީ ދީގެން. ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ބޮޑު ބާރެއް ލިބޭއިރު މީގެ ކުރިން މާޒީއަށް ބަލާއިރު ސަރުކާރާ އިދިކީލަ ވިސްނުމުގައި ތިބި ކައުންސިލްތަކުން ސަރުކާރުގެ ތަރައްގީއަށް ހުރަސް އެޅިތަން ވެސް ފެނިގެންދިޔަ. ރައްޔިތުންނަށް ކުރާ އިލްތިމާސްއަކީ ލާމަރުކާޒީ ގާނޫނު ބޭނުން ނަހަމަގޮތުގައި ހިފައި ސަރުކާރަށް ދުއްތުރާކުރާކު އިދިކޮޅު ކެންޑިޑޭޓުންނަށް ޖާގަ ނުދޭށޭ" - ވިލިމާލެ ދާއިރާގެ މެމްބަރު މުޙައްމަދު އިސްމާއީލް
މެމްބަރު ވިދާޅުވީ ސަރުކާރުގެ އަގު ވައްޓާލަން އިދިކޮޅު ފަރާތްތަކުން ފަތުރާ ވާހަކަތައް ރައްޔިތުން މިއަދު ގަބޫލުނުކުރާކަމަށާއި ޕީއެންސީން ބާއްވާ ކޮންމެ ހަރަކާތަކަށް އެއްވާ ދިވެހި ރައްޔިތުންގެ އަދަދު މިކަމަށް ހެކިދޭކަމަށެވެ.
ލާމަރުކަޒީ ގާނޫނަށް ނެގެވުނު އިސްލާހުތަކާއެކު ކައުންސިލްތަކަށް ލިބޭ ބާރުގެ ބޭނުން ނަހަމަގޮތުގައި ހިފައި، ސަރުކާރަށް ދުއްތުރާކުރުމުގެ ފުރުސަތު އިދިކޮޅު އެއްވެސް ކެންޑިޑޭޓަކަށް ނުދިނުމަށް މެމްބަރު ގޮވާލެއްވިއިރު ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ބުނެ ބައެއް ކައުންސިލްތަކުން މަސައްކަތް ކުރަމުން އަންނާތީ ރައްޔިތުން އަންނަނީ އިދިކޮޅު ފަރާތްތަކަށް ފާޑުކިޔަމުންނެވެ.