ENGLISH
22 ޖެނުއަރީ 2026
ހޮނިހިރު ދުވަހުން ފެށިގެން މާލޭގައި ރޯދަ ހަދިޔާ ބަހަން ފަށަނީ
22 ޖެނުއަރީ 2026
|
ރޯދަ ހަދިޔާގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން//
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް 1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހަށް ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސް ހޮނިހިރު ދުވަހު ބަހަން ފަށާގޮތަށް ނިންމާފައިވާ ކަމަށް މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ ރޯދަ ހަދިޔާ ބެހުމާ ގުޅޭ ގޮތުން އެކުލަވައިލައިފައިވާ ޓާސްކު ފޯހުން މީޑިއާތަކަށް މައުލޫމާތު ދިނުމަށް މިއަދު މިނިސްޓްރީގެ ރަށްވެހި މާލަމުގައި ބޭއްވި ޕްރެސް ބްރީފިންގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޕްރެސް ބްރީފިން ގައި މިނިސްޓަރ ވަނީ ރޯދަ ހަދިޔާ ބެހުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލު ހާމަކުރައްވާފައެވެ.
އެ މަނިކުފާނު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ވޭތުވެދިޔަ 2 އަހަރެކޭ އެއްފަދައިން މިހިނގާ 1447 ވަނަ އަހަރުވެސް ރޯދަހަދިޔާ ބެހުން ކުރިއަށް ގެންދެވޭނެ ކަމަށާއި، ކުރީ އަހަރެކޭ އެއްފަދައިން މި އަހަރުވެސް ސަރުކާރުން ބަހާނީ 48 ދަޅުގެ މަސްދަޅު ކޭސް، ދިވެހި ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއްގެ މަގުން ކަމަށެވެ.
މާލޭ ސަރަޙައްދުގައި މަސްދަޅު ކޭސް ދޫކުރުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ރެއަކު 8:30 އިން 11:00 އަށެވެ. އަދި ޓޯކަން ރަޖިސްޓްރޭޝަނަށް މިއަދު ހުޅުވާލެވޭނެކަމަށާއި، 11 ފެބްރުވަރީ 2026 ގެ ނިޔަލަށް މަސްދަޅު ބަހައި ނިންމުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ރަށްރަށާއި، ސިޓީތަކުގައި (މާލެ ފިޔަވައި) ގޭބިސީގޮތުގައި ބަލާފައިވާނީ ވަކިން ކައްކާކައިބޮއި ހަދާ ކޮންމެ ދިވެހި ޢާއިލާއެއްކަމަށާއި، މާލެ ސަރަހައްދުގައި ކޮންމެ ޑޮމެސްޓިކް މީޓަރެއް (ވަކި ގޭބިސީއެއްގޮތުގައި) ބަލާފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓްރީން ގޭބިސީ ލިސްޓް އެކުލަވައިލެވުނުއިރު ރަށްރަށާއި ސިޓީތަކުގެ ގޭބިސީގެ ޖުމުލަ ޢަދަދަކީ 56,918 އެވެ. ގްރޭޓަރ މާލެ ސަރަޙައްދުގެ ޑޮމެސްޓިކް މީޓަރގެ ޢަދަދަކީ 61,755 އެވެ. ވުމާއެކު މުޅި ޖުމުލަ ގޭބިސީގެ ޢަދަދަކީ 118,673 އެވެ.
ރަށްރަށާއި، ސިޓީތަކަށް މަސްދަޅު ފޮނުވުމުގެ މަސައްކަތް އެސްޓީއޯއިން ކުރިއަށް ގެންދަވާނެކަމަށާއި، ރަށްރަށާއި ސިޓީތަކުގައި (މާލެ ފިޔަވައި) ރޯދަހަދިޔާ ބެހުމުގެ މަސައްކަތް ކުރިއަށް ގެންދަވާނީ ކައުންސިލުތަކުންކަމަށާއި، މާލެ ސަރަޙައްދުގައި (މާލެއާއި، ވިލިމާލެ އަދި ހުޅުމާލެ) ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނީ، އެ ކަމަށް ގާއިމުކުރާ މަރުކަޒުތަކުގައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިގޮތުން މާލެ ސަރަޙައްދުގައި 15 މަރުކަޒެއް ގާއިމުކުރެވިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެއީ މާލޭގައި 8 މަރުކަޒު، ވިލިމާލޭގައި 1 މަރުކަޒު އަދި ހުޅުމާލޭގައި 6 މަރުކަޒެވެ.
މަސްދަޅު ދޫކުރުމަށް ހަމަޖެހިފައިވާ ތަންތަން:
މާލެ؛
ހުޅުމާލެ- ފޭސް 1؛
ހުޅުމާލެ ފޭސް 2؛
ވިލިމާލެ؛
ރޯދަ ހަދިޔާގެ ޑިސްޓްރިބިއުޝަންއަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ރޯދަހަދިޔާ ޕޯޓަލް roadhahadhiya.mv ތައާރަފުކުރާނެއެވެ. ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުމަށް ހުޅުވާލެވޭނީ 22 ޖަނަވަރީ 2026 ގައެވެ. މަރުކަޒުތަކުން ރޯދަހަދިޔާ ދޫކުރަން ފަށާނީ 24 ޖަނަވަރީ 2026 ގައެވެ. 11 ފެބުރުވަރީ 2026 ގެ ނިޔަލަށް ރޯދަހަދިޔާ ބެހުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
"''މިކަން ކުރިއަށް މި ގެންދެވެނީ ވަރަށް ގިނަ ފަރާތައްތަކެއް ގުޅިގެން. މިފުކޯއިން ޕްރޮޑަކްޝަން މަސައްކަތް ކޮށްދެއްވި. އެސްޓީއޯއިން މި މަސައްކަތުގެ ޓްރާންސްޕޯޓާއި ލޮޖިސްޓިކްސް ހަމަޖަވައިދެއްވާ'' " - މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު
ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތުގައި އެމްއެންޑީއެފް، އެމްޕީއެލް، ވެމްކޯ، އެމްޑަބުލިޔުއެސްއީ އަދި މިފްކޯ ޙަރަކާތްތެރިވާނެއެވެ. މަރުކަޒުތައް ޤާއިމުކުރުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީ، ސްޕޯޓްސް މިނިސްޓްރީ، އެޑިއުކޭޝަން މިނިސްޓްރީ، މިފްކޯ، އެޗްޑީސީ އަދި ވެމްކޯ ޝާމިލުވެއެވެ.
މަސްދަޅުކޭސް ލިބުމުގައި މައްސަލައެއް ދިމާވެގެން އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުން ވެއްޖެނަމަ ވަޓްސްއަޕް މެދުވެރިކޮށް މެސެޖަކުން ހުށަހެޅުއްވޭނެއެވެ. މިކަމަށް ޚާއްޞަކުރެވިފައިވާ ނަންބަރަކީ 7741446 އެވެ.