ENGLISH
22 ޖެނުއަރީ 2026
މާލޭ ސިޓީގެ ރައްޔިތުންނަށް ޚިދުމަތްކުރުމުގައި މޫސާ އަލީ ޖަލީލް ނަމޫނާއަކަށް ވާނެ: ފަލާހް
22 ޖެނުއަރީ 2026
|
ކޮންގްރެސް ޕާޓީން ފެށި "ދޮރުންދޮރަށް ހިނގުން" ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގައި ފަލާހު ވާހަކަދައްކަވަނީ.
މާލޭ ސިޓީގެ ރައްޔިތުންނަށް ޚިދުމަތްކުރުމުގައި މޭޖާ ޖެނަރަލް ރިޓަޔާޑް މޫސާ އަލީ ޖަލީލް ނަމޫނާއަކަށް ވާނެކަމަށް ކޮންގްރެސް ޕާޓީގެ ޕީޖީ ލީޑަރު އަދި ކައުންސިލް އިންތިޚާބުގައި އެ ޕާޓީގެ މެނޭޖަރުގެ މަޤާމް އަދާކުރައްވާ އިބްރާހީމް ފަލާހް ވިދާޅުވެއްޖެއެވެ.
ފަލާހް މިފަދައިން ވިދާޅުވީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ "ދޮރުންދޮރަށް" ހިނގުމުގެ ހަރަކާތް ރަސްމީކޮށް ފެއްޓެވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ވެރިކަންކުރާ ޕީއެންސީގެ ފަރާތުން މާލޭ ސިޓީގެ މޭޔަރުކަމުގެ މަޤާމަށް ވާދަކުރައްވަނީ ޤައުމީ ޚިދުމަތުގައި ފާހަގަކުރެވުނު މޫސާ ޢަލީ ޖަލީލް އެވެ.
ފަލާހް ވިދާޅުވީ، މޫސާ އަލީ ޖަލީލަކީ ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނަމޫނާއަކަށް ބައްލަވައިގެން އެމަނިކުފާނު އެ ހިންގެވި މަގުން ހިންގެވުމަށް އެގޮތަށް ކުރިއަށްވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލޭގެ މޭޔަރުކަމުގެ މަޤާމަށް އިންތިޚާބުވެވަޑައިގަތީ މޭޔަރުކަމުގައި މިހާތަނަށް ލިބިވަޑައިގެންނެވި އެންމެ ގިނަ ވޯޓާ އެކު ކަމަށް ފަލާހް ވިދާޅުވިއެވެ. އެހެންކަމުން އެ ތާއީދު މޫސާ ޢަލީ ޖަލީލަށް ވެސް މާލޭގެ ރައްޔިތުން ދެއްވުމަށް ފަލާހް އެދިވަޑައިގެންނެވިއެވެ.
"މޫސާ ޢަލީ ޖަލީލަކީ ޙަޤީގަތުގައި މާލޭގެ ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ނަމޫނާ ބޭފުޅަކަށް ވާނެކަމާ ދޭތެރޭގަ އެއްވެސް ޝައްކެއް ނެތް. އިޚްލާސްތެރިކަމާއި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު އެކަން ކޮށްދޭނެ ބޭފުޅެއްކަމާ މެދު އެއްވެސް ޝައްކެއް ނެތް" ފަލާހް ވިދާޅުވިއެވެ.
ފަލާހް ވަނީ މާލޭ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ރައީސާކަމަށް ވާދަކުރައްވާ ޢާއިޝަތު އަލައިކާ އަދުނާނަށް ވެސް ތަޢުރީފުކުރައްވައި ވާހަކަދައްކަވައިފައެވެ.
އަލައިކާއަކީ ހިންގުންތެރިން، އިޚްލާސްތެރި ޒުވާނެއްކަން ފަލާހް ފާހަގަކުރެއްވިއެވެ. މޫސާ ޢަލީ ޖަލީލް ހިމެނޭހެން އެ ދެބޭފުޅުންނަށް މާލޭގެ ރައްޔިތުން ވޯޓުދީ އިންތިޚާބުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގަތުމެއްކަމުގައި ފަލާހް ވިދާޅުވިއެވެ.
ފަލާހް އިތުރަށް ވިދާޅުވީ، ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓުންނަށް ދޭ ވޯޓަކީ ރާއްޖޭގެ ތަރައްޤީއަށް ދެވޭ ވޯޓެއް ކަމަށެވެ. އެހެންކަމުން، ހުރިހާ ބޭފުޅުން ވެސް ބޮޑު އަގުލަބިއްޔަތަކުން އިންތިޚާބުކޮށްދިނުމަކީ ޕާޓީގެ އިލްތިމާސްއެއް ކަމަށް ފަލާހް ވިދާޅުވިއެވެ.
ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ މާލެ ސިޓީގެ ހުރިހާ ކެންޑިޑޭޓުން، ދޮރުން ދޮރަށް ހިނގުމުގެ ޙަރަކާތްތައް މިއަދު ރަސްމީކޮށް ފެށީ ހ. ވެޔޮވިލާގައި ޤާއިމުކޮށްފައިވާ ކޮންގްރެސް ޕާޓީގެ ޖަގަހައިންނެވެ. މި ހަރަކާތުގައި ވަޒީރުންނާއި މަޖިލިސް މެންބަރުންގެ އިތުރުން ކެންޑިޑޭޓުން އަދި ޕާޓީގެ މެންބަރުން ބައިވެރިވަޑައިގެންނެވިއެވެ.