ENGLISH

11 އޭޕްރީލު 2025

Advertisement

އޮކްސެޔަރ އަތުން ޕީއެސްޖީ އަށް ޕޮއިންޓެއް

07 ޑިސެމްބަރު 2024

|

މުޙައްމަދު އަދުހަމް

އޮކްސެޔަރ އާއި ޕީއެސްޖީ ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް

ފްރެންޗް ލީގުގައި ރޭ އޮކްސެޔަރ އާ ދެކޮޅަށް ކުޅުނު މެޗުން ލަނޑެއްނުޖެހި ޕީއެސްޖީ އެއްވަރުވެއްޖެއެވެ.

މިއީ ހުރިހާ މުބާރާތެއް ހިމެނޭ ގޮތަށް އެންމެ ފަހުން ކުޅުނު ތިން މެޗުގެ ތެރެއިން ޕީއެސްޖީ އަށް މޮޅެއް ނުލިބި ނިންމާލަން ޖެހުނު ތިންވަނަ މެޗެވެ. އޭގެތެރެއިން، ލީގުގައި ކުޅުނު ދެ މެޗުން އެއްވަރުވިއިރު، ޗެމްޕިއަންސް ލީގުގައި ބަޔާން މިއުނިކް އަތުން ވަނީ ބަލިވެފައެވެ.

އޮކްސެޔަރ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޕީއެސްޖީ އަށް އެދެވޭ ކުޅުމެއް ނުދެއްކުނެވެ. އެ ހާފުގައި އެ ޓީމުން ގޯލެއް ކާމިޔާބުކުރިނަމަވެސް ވީއޭއާރް އިން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ ލަނޑެއް ނޫން ކަމަށެވެ. އެއީ، އެ ޓީމުގެ މިޑްފީލްޑަރު، ފަބިއަން ރުއީޒް އެ ބޯޅަ ފޮނުވާލުމުގެ ކުރިން، ބްރެޑްލީ ބާކޯލާ އޮފްސައިޑް މަޤާމެއްގައި ހުރުމުންނެވެ.

ދެވަނަ ހާފުގައި ޕީއެސްޖީން ކުޅުން ރަނގަޅުކުރިއިރު، އެ ޓީމަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ޕޯޗުގަލްގެ މިޑްފީލްޑަރު، ވިޓީނިއާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.

އޭގެފަހުން، އެ ޓީމުގެ އަޝްރަފް ހަކީމީ ފޮނުވާލި ބޯޅައަކާއި، އިތުރުވަގުތުގެ ތެރޭގައި ރެންޑަލް ކޯލޯ މުއާނީ އާއި ޑެޒައިރީ ޑޫއޭ ފޮނުވާލި ހަމަލާތައް އޮކްސެޔަރގެ ގޯލްކީޕަރު، ޑޮނަވަން ލެއޯން ހުއްޓުވިއެވެ.

މި ނަތީޖާއާއެކު ޕީއެސްޖީ އަދިވެސް އޮތީ އެއްވަނައިގައެވެ. އެ ޓީމަށް މިހާތަނަށް ކުޅުނު 14 މެޗުން ލިބިފައިވަނީ 34 ޕޮއިންޓެވެ. ލީގުގައި އެ ޓީމާ އެންމެ ގާތުން ވާދަކުރާ އޮލިމްޕިކް މާސޭ އާ ދެމެދު އަށް ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.

މި މެޗުން އެއްވަރުވުމާއެކު އޮކްސެޔަރ އޮތީ ތާވަލްގެ އަށްވަނައިގައެވެ. އެ ޓީމް ކުޅުނު 14 މެޗުން ލިބިފައިވަނީ 20 ޕޮއިންޓެވެ.

ކިޔުންތެރިންގެ ހިޔާލު