ENGLISH

20 ޖެނުއަރީ 2026

Advertisement

މޫސުމީ ބަދަލުތަކުން އަރައިގަތުމަށް އިނގިރޭސިވިލާތުގެ އެހީ ހޯދަނީ

20 ޖެނުއަރީ 2026

|

އައިމިނަތު ޝަފާ

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އިނގިރޭސިވިލާތާއެކު މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން//

މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް އިނގިރޭސިވިލާތުގެ އެހީ ހޯދުމަށް އެ ގައުމާއެކު މަޝްވަރާކޮށްފިއެވެ. 

ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ އިއްޔެ ވުޒާރާގެ ކްލައިމެޓް ޗޭންޖް ޑިޕާޓްމަންޓުން އިނގިރޭސިވިލާތުގެ ސަފީރު ނިކް ލޯ އަދި ބްރިޓިޝް ހައި ކޮމިޝަންގެ ބޭފުޅުންނާ ބައްދަލުކުރައްވާ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ކާރިސާތަކާއި ލިބޭ އިއާދަނުކުރެވޭފަދަ ގެއްލުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައި ވާކަމަށެވެ.

މި ބަދަލުވުމުގައި ވުޒާރާގެ ފަރާތުން ބައިވެރިވީ ކްލައިމެޓް ޗޭންޖް ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އަމްޖަދު އަބްދުﷲ އެވެ. 

މި ބައްދަލުވުމުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ވާރޭވެހި ފެންބޮޑުވުމާއި، ކަނޑު ގަދަވުން ފަދަ ކުއްލި ހާލަތްތަކާއި ކަނޑުގެ ލޮނުގަނޑު އުފުލުމާއި މުރަކަ ހުދުވުން ފަދަ ދުރު ރާސްތާއަކަށް ނިސްބަތްވާ ގެއްލުންތައް ފާހަގަކޮށްފައިވެއެވެ.

މިފަދަ ގެއްލުންތަކުން އަރައިގަތުމަށް އިނގިރޭސިވިލާތުން ފޯރުކޮށްދެވިދާނެ ފަންނީ އަދި މާލީ އެހީއާ ގުޅޭގޮތުން ދެފަރާތުން މަޝްވަރާކޮށްފައިވާކަމަށް ވުޒާރާއިން ވަނީ ބުނެފައެވެ. މިގޮތުން، ބައިނަލްއަޤުވާމީ ކްލައިމެޓް ފަންޑުތަކުން މާލީ އެހީ ހޯދުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސްކަތްތައް ހިއްސާކޮށް، ދިވެހިރާއްޖެއިން އިސްކަންދޭ ދާއިރާތަކާއި ގުޅޭގޮތުން ވެސް މަޝްވަރާކޮށްފައިވެއެވެ.

މި ބައްދަލުވުމުގައި ވުޒާރާއިން ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު ކުޑަކުރުމަށާއި މި ބަދަލުތަކަށް ހޭނުމަށް ޤައުމީ އަދި ބައިނަލްއަޤުވާމީ ފެންވަރެއްގައި މަސައްކަތް ކުރުމަކީ މުހިއްމު ކަމެއް ކަން ފާހަގަކޮށްފައެވެ. އަދި ބައިނަލްއަގުވާމީ މައިދާނުގައި އިނގިރޭސިވިލާތުން ކުރުމުންދާ މަސައްކަތް ފަސްޖެހުމެއްނެތި ކުރިއަށް ގެންދިއުމަށް ރާއްޖެއިން ވަނީ އިލްތިމާސްކޮށްފައެވެ. މީގެއިތުރުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދެފަރާތުން ގުޅިގެން މަސައްކަތްކުރެވޭނެ އިތުރު ފުރުސަތުތައް ހޯދުމާގުޅޭގޮތުން ވެސް ވަނީ މަޝްވަރާކޮށްފައެވެ. 

ކިޔުންތެރިންގެ ހިޔާލު