ENGLISH
22 ޖެނުއަރީ 2026
ގަހަކަށް މޫ ބޭނުންވާ ފަދައިން، ޤައުމަކަށް އެ ގައުމެއްގެ ތާރީހް މުހިންމުވޭ: އާދަމް ނަސީރު
20 ޖެނުއަރީ 2026
|
ވަޒީރު އާދަމް ނަސީރު
ގައުމެއް އެއްބައެއްގެ ގޮތުގައި ދެމި ތިބެނީ އެ ގައުމެއްގެ ތާރީހު ދިރުވަން ކުރާ މަސައްކަތުގެ ތެރެއިންކަމަށާއި، ގަހަކަށް މޫ ބޭނުންވާ ފަދައިން، ޤައުމަކަށް އެ ގައުމެއްގެ ތާރީހު މުހިންމުވާކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ 1447 ވަނަ ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޕެނަލް ޑިސްކަޝަނުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މާޒީއަށް ބަލާއިރު ރާއްޖެއަކީ ޝަހީދުވާންޖެހޭ އެތައް ހާލަތްތަކެއް ތަޖުރިބާކުރި ގައުމެއްކަމަށާއި ވުމާއެކު މުސްތަގުބަލުގައި ވެސް ރާއްޖެ އޮންނަންޖެހޭނީ މިކަންކަމަށް ހޭލާ، އަބަދުމެ ތައްޔާރަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
އަދުގެ ސަރުކާރުން ދިވެހި ތާރީހު ދިރުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށާއި، ދިވެހިންގެ ތަރިކަ ދިރުވައި އާލާކުރުމާއި އަންނާން އޮތް ޖީލުގެ ތަޖުރިބާގެ ތެރެއަށް ދިވެހިންގެ ތަރިކައިގެ އަސަރުތަކާއި އާސާރުތައް ގެނައުމަށް ހާއްސަ އިސްކަމެއްދީގެން މަސައްކަތްކުރަމުން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ.
""ހަގީގަތުގައި ގައުމެއް އެއްބައެއްގެ ގޮތުގައި ދެމިތިބެނީ މިގޮތުން ކުރެވޭ މަސައްކަތްތަކެއްގެ ތެރެއިން. ގަހަކަށް މޫ ބޭނުންވާ ފަދައިން ގައުމަކަށް އެގައުމެއްގެ ތާރީހް މުހިންމުވޭ. ގައުމަކަށް އެ ގައުމެއްގެ އިސްވެ ދިޔަ ކާބަފައިން ގައުމަކަށްޓަކައި ވެވަޑައިގެންނެވި ގުރުބާނީ އެނގުން މުހިންމު. އެ ކާބަފައިންގެ ފިދާ އަދުގެ ޖީލުތަކާ ގުޅިފައި އޮންނަންޖެހޭ. އެ ގުޅުން ކެނޑުން ގަހެއްގެ މޫތައް ކެނޑުން ފަދަ. އެހިސާބުން ގަހުގެ ބޭނުން ކެނޑުނީ."" - ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް
ވަޒީރު ވިދާޅުވީ ގައުމަށް ގެންނަ ތަރައްގީގައި ގައުމުގެ ތާރީހާއި، ގައުމެއްގެ ތަރިކައާއި، ގައުމުގެ މާޒީގެ އިތުރުން ފާއިތުވީތަނުގެ ތަޖުރިބާ ހިމަނަންޖެހޭކަމަށެވެ.
ދުނިޔޭގައި މިހާރު ކުރަމުންދާ ފިކުރީ ހަނގުރާމައާއި މެދު ސަމާލުވުމަށް ވެސް ވަޒީރުވަނީ އިލްތިމާސްކުރައްވާފައެވެ. އެގޮތުން ދަރިންނަށް ފެންނަ މަންޒަރުތަކާއި، އެކުދިންނަށް ލިބޭ ޢިލްމާއި އުނގެނޭ އުނގެނުމާއި މެދު ކޮންމެ ދިވެއްސަކު ވެސް ސަމާލުވާންޖެހޭކަމަށް ވިދާޅުވިއެވެ. އަދި ކޮންމެ ކަމެއްގައިވެސް ދިވެހީންނަށް އެންމެ ފައިދާ ބޮޑީ ކޮންގޮތަކަށްތޯ ދިވެހީން އަބަދުވެސް ވިސްނަންވާނެކަމަށް ވިދާޅުވިއެވެ.