ENGLISH
20 ޖެނުއަރީ 2026
އަދާލަތުގެ ރައީސަކަށް ވާދަކުރައްވާ އިކްރާމް، އިންތިޚާބު ބޮއިކޮޓްކޮށްފި
20 ޖެނުއަރީ 2026
|
އަދާލަތު ޕާޓީގެ ބައްދަލުވުމެއްގެ ތެރެއިން//
އަދާލަތު ޕާޓީގެ ރައީސަކު ހޮވުމަށް އަންނަ ހަފްތާގެ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބު ބޮއިކޮޓް ކުރުމަށް ނިންމާފައިވާކަމަށް އެ ޕާޓީގެ ރައީސަކަށް ވާދަކުރައްވާ ޑރ. އިކްރާމް އަބްދުއްސައްތާރު ވިދާޅުވެއްޖެއެވެ.
މި އިންތިހާބުގައި ޑރ.އިކްރާމުގެ އިތުރުން ދެން ވާދަކުރައްވަނީ އެ ޕާޓީގެ މިހާރުގެ ނާއިބުރައީސް ޝައިޚް މުޙައްމަދު ޝިފާނެވެ.
އިކްރާމްގެ ކެމްޕެއިން އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އިންތިޚާބު ބޮއިކޮޓް ކުރަން ނިންމީ ޚުދުމުހުތާރު ނިޒާމަކަށް މަގުފަހިވާ ގޮތަށް ވަކި ނަތީޖާއެއް ނެރުމަށް މަސައްކަތް ކުރަމުން އަންނާތީކަމަށެވެ.
ޑރ. އިކްރާމުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އިންތިހާބުގައި އީ-ވޯޓިންގެ ނިޒާމު ބޭނުންކުރުމެވެ. މިއީ ޕާޓީގެ ލީޑަރޝިޕް ބޭނުންވާގޮތަށް ނަތީޖާއަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް ނިޒާމެއް ކަމެއްކަމަށް ތުހުމަތު ކުރައްވައި، އިންތިހާބުގައި ވޯޓު ފޮށި ބަހައްޓައިދިނުމަށް މީގެ ކުރިން އެދިފައިވާކަން ނޫސްބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން ވޯޓުލެވޭ މެންބަރުންގެ ލިސްޓު ބަލައި، ވެރިފައިކުރުމުގެ ފުރުސަތު ނުދޭން ޕާޓީން ނިންމާފައިވާކަމަށް ވެސް ބަޔާނުގައިވަނީ ބުނެފައެވެ.
އަދާލަތު ޕާޓީގެ ކުރިއަށް އޮތް ދައުރުގެ ގޮފިތަކާއި ދާއިރާތަކަށް މީހުން އައްޔަނުކުރުމުގައި އެ ޕާޓީން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް، އިންތިހާބަކާ ނުލައި މަގާމުތަކަށް މީހުން ހަމަޖައްސަމުން އަންނަކަމަށް ޑރ. އިކްރާމް ވަނީ ތުހުމަތު ކުރައްވާފައެވެ. އޭގެ ތެރޭގައި ލިޔެކިއުންތައް ފުރިމަނުކުރާތީ، ޝަރުތު ފުރިހަމަނުވާ ވަރަށް ގިނަ މީހުންނާއި މަގާމުތަކަށް ކުރިމަތިލުމަށް ރުހުން ނުދީ ތިބި ޕާޓީގެ ގިނަ މެންބަރުންތަކެއް ހިމެނޭކަމަށް ބަޔާނުގައިވެއެވެ.
ޑރ. އިކްރާމުގެ ބަޔާނުގައިވަނީ މިހާރު ހިނގަމުންދާ ދައުރުގެ ރައީސަކު ހޮވުމަށް އޮންލައިންކޮށް ބޭއްވި އިންތިހާބުގައި ވެސް ޕާޓީގެ އިދާރާގެ ތެރެއިން ވޯޓު އޮޅުވާލާފައިވާ ކަމަށް ގިނަ އަދަދެއްގެ އާއްމު މެމްބަރުން މައުލޫމާތު ދީފައިވާކަމަށެވެ.
އައިސީޓީ ދާއިރާގެ ޕްރޮފެޝަނަލް އެކްސްޕާޓުންނާ ހަވާލާދީ މި އިންތިހާބުގައި ވެސް ވޯޓުލުމަށްޓަކައި ޢަދާލަތު ޕާޓީގެ ފަރާތުން ކަސްޓަމައިޒް ކޮށްފައިވާ މޯބައިލް އެޕްލިކޭޝަނަކީ، ޕާޓީގެ އޮފީހުގައި ތިބެ ސިސްޓަމްގެ ތެރެއަށް ވަދެ ބޭނުންގޮތަކަށް ވޯޓާއި ކުޅޭލެވޭ އެއްޗެއްކަން އެނގިފައިވާ ކަމަށް ޑރ. އިކްރާމު ވަނީ ތުހުމަތުކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަނުން ވެސް އިންތިހާބުގެ ކަންކަން ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދިއުމަށް އަންގާފައިވާ ކަން ފާހަގަކުރައްވައި އަދާލަތު ޕާޓީގެ އެތެރޭގައި މިކަން މިގޮތަށް ފަހިވެފައިނުވާތީ އިންތިހާބު ބޮއިކޮޓުކުރަން ނިންމާފައިވާކަމަށް ޑރ. އިކްރާމު ވަނީ ވިދާޅުވެފައެވެ.