ENGLISH

20 ޖެނުއަރީ 2026

Advertisement

މާލޭގެ ތަރައްގީގެ ހުރިހާ ނިންމުމެއް ނިންމަނީ ޕީއެންސީގެ މެޖޯރިޓީ އޮތް ކައުންސިލުން ބޭނުންވެގެން: ނަރީޝް

20 ޖެނުއަރީ 2026

|

ޢަލީ ޝަހީމް

އެމްއެމް ޓީވީގެ ބޮޑު ޚަބަރު ޕްރޮގްރާމްގައި ނަރީޝް ވާހަކަދައްކަވަނީ. ފޮޓޯ: އެމްއެމް

މާލޭ ސިޓީ ކައުންސިލުން ކަންކަން ނިންމަނީ ކައުންސިލްގެ ބޯޑަށް ހުށަހަޅައިގެން ކަމަށާއި، މިއަދާ ހަމައަށް މާލެ ސިޓީގެ ރައްޔިތުންނަށް ލުއިވާނެގޮތަށް ނިންމާފައި ހުރި ހުރިހާ ނިންމުމަކީ ވެސް ވެރިކަންކުރާ ޕީއެންސީގެ މެޖޯރިޓީ އޮވެގެން ނިންމާފައިވާ ނިންމުންތަކެއް ކަމަށް އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް، އަޙްމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

ނަރީޝް މިފަދައިން ވިދާޅުވީ މާލެ ސިޓީ ކައުންސިލުން މި ޖަނަވަރީ މަހުގެ 13 ވަނަ ދުވަހު ހުޅުވި ގަލޮޅު ސިޓީ ޕާކާ ގުޅޭގޮތުން "އެމްއެމް" ޓީވީގެ ބޮޑު ޚަބަރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނަރީޝް ވިދާޅުވީ ގަލޮޅު ސިޓީ ޕާކާ ގުޅޭގޮތުން މިދިޔަ ދުވަސްތަކުގައި އެކި ވާހަކަތައް މީޑިއާގައި ފެތުރު ކަމަށެވެ. ނަރީޝް ވިދާޅުވީ އެއީ ވަކި މީހަކު ކުރި ކަމެއް ނޫން ކަމަށާއި، ސިޓީ ކައުންސިލް ހިނގާ އުޞޫލުން އެކަން ވެސް ކޮށްފައިވާނީ ބޯޑުން ފާސްކޮށްގެން ކައުންސިލް މެންބަރުން އެތަރައްޤީ ގެންނަން ބޭނުންވެގެން ކަމަށެވެ.

މާލެ ސިޓީ ކައުންސިލްގައި ހިމެނޭ 18 މެންބަރުންގެ ތެރެއިން މޭޔަރު ހިމެނޭހެން އެމްޑީޕީން ތަމްސީލުކުރަނީ ތިން ގޮނޑި އެވެ. އަދި، ސަރުކާރަށް ތާއީދުކުރާ 15 ކައުންސިލަރުން މާލޭ ސިޓީ ކައުންސިލުގައި ހިމެނެއެވެ.

ނަރީޝް ވިދާޅުވީ ކައުންސިލުގެ އެޖެންޑާއިން މަޝްވަރާކުރާ ކަންކަން އިދާރީ މޭޒަށް ހުށަހަޅައި ކުރިއަށްގެންދެވޭނީ ޤަވާއިދުގެ ތެރެއިން ކަމަށެވެ. އަދި، ކޮންމެ ޕްރޮޖެކްޓެއްގެ މަސައްކަތް ވެސް ނިންމަން ގެންނަނީ ކައުންސިލްގެ ބޯޑަށް ކަމަށާއި، އެ ބޯޑުގައި ތިބީ ޕީއެންސީގެ މެޖޯރިޓީ މެންބަރުންކަން ނަރީޝް ފާހަގަކުރެއްވިއެވެ.

"މާލެ ސިޓީގެ ރައްޔިތުންނަށް، މާލޭ ސިޓީއަށް ލުއިފަސޭހަވާނެ ގޮތަށް، މިއަދާ ހަމައަށް ނިންމާފަ ހުރި ކޮންމެ ނިންމުމެއް ގެނެސްފަ ހުރި ކޮންމެ ބަދަލެއް އަދި ހޭދަކޮށްފަ އޮތް ކޮންމެ ފައިސާ ފޮއްޗަކީ ޕީއެންސީގެ މެޖޯރިޓީ ކައުންސިލް މެންބަރުން އެގޮތަށް ބޭނުންވެގެން، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތު ތަންފީޒުކުރަން ބޭނުންވާތީ އެގޮތުގެ މަތިން ކައުންސިލްގެ ޖަލްސާގައި ވޯޓު ދީގެން ފާސްކޮށްފައި ހުރި ނިންމުންތައް. އެ ނިންމުމާ އެއްގޮތަށް ތަންފީޒުކޮށްފަ އެހުރީ" - އަޙްމަދު ނަރީޝް

ނަރީޝް ވިދާޅުވީ މާލޭ ސިޓީ ކައުންސިލް މަސައްކަތްކުރަމުން ދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އޭރު މޭޔަރަކަށް ހުންނެވިއިރު އެކުލަވާލާފައިވާ އިސްތިރާޖީ އެކްޝަން ޕްލޭނާ އެއްގޮތަށް ކަމަށެވެ. އަލަށް ކަމެއް ނުކުރާއިރު، ގަލޮޅު ޕާކު ތަރައްގީ ކުރިޔަސް، މާލޭގެ ރައްޔިތުންނަށް ފަސޭހަވާ ހުރިހާ ކަމެއް ކޮށްފައިވާނީ ޕީއެންސީގެ މެޖޯރިޓީ ކައުންސިލުން އެގޮތަށް ބޭނުންވެގެންކަން ނަރީޝް ފާހަގަކުރެއްވިއެވެ.  

ނަރީޝް ވިދާޅުވީ ރައްޔިތުންނަށް ކަންކަން ސާފުކޮށްދެއްވަން ބޭނުންފުޅުވާ ކަމަށާއި، މިހާރު ފެންނަނީ މާލޭ ސިޓީގެ ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން އެންމެ މީހަކު ޕްރޮމޯޓްކުރާތަން ކަމަށެވެ.

"މާލޭ ސިޓީ ކައުންސިލުގެ ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން އެންމެ މީހަކު ޕްރޮމޯޓްކުރާ މަންޒަރު މިފެންނަނީ. މިއިކީ ނޫން މިކަން ހިނގަން ޖެހޭ ގޮތަކީ. މާލެ ސިޓީގެ ހުރިހާ ކައުންސިލް މެންބަރުންނަށް އެ ޖާގަ ހަމަހަމަކޮށް ލިބެންޖެހޭ ގޮތަށް މާލޭ ސިޓީގެ ހުރިހާ ވަސީލަތްތައް މީހަކު ޕްރޮމޯޓްކުރަން ކުރަންޏާމު އޮންނަންޖެހެނީ. އެންމެ މީހަކު ޕްރޮމޯޓްކުރާކަށް މާލެ ސިޓީގެ ހުރިހާ ވަސީލަތްތައް ބޭނުންކުރުމަކީ ކަމުދާ ގޮތެއް ނޫން އެއިކީ ގަވާއިދު ތަންދޭ ގޮތެއް ވެސް ނޫން" ނަރީޝް ވިދާޅުވިއެވެ. 

ނަރީޝް ތަކުރާރުކޮށް ވިދާޅުވީ، މާލޭ ސިޓީގެ ތަރައްޤީގެ ހުރިހާ ކަމެއް ކުރަނީ މެޖޯރިޓީ ކައުންސިލަރުން ބޭނުންފުޅުވާ ގޮތަށް ކަމަށާއި، އެއީ ޕީއެންސީގެ ކެންޑިޑޭޓުންނަށް ވާއިރު، އެ ކެންޑިޑޭޓުން ތަންފީޒުކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު