ENGLISH
20 ޖެނުއަރީ 2026
މޫސާ އަލީ ޖަލީލަކީ ޓީމެއް ގޮވައިގެން ލީޑުކުރެއްވޭނެ ހުރިހާ ފެންވަރެއް ހުރި ބޭފުޅެއް: ނަރީޝް
20 ޖެނުއަރީ 2026
|
އެމްއެމް ޓީވީގެ ބޮޑު ޚަބަރު ޕްރޮގްރާމްގައި ނަރީޝް ވާހަކަދައްކަވަނީ. ފޮޓޯ: އެމްއެމް
މާލެ ސިޓީގެ މޭޔަރުކަމަށް ސަރުކާރުގެ ޓިކެޓުގައި ވާދަކުރައްވާ މޭޖާ ޖެނަރަލް ރިޓަޔާޑް މޫސާ އަލީ ޖަލީލަކީ، ޓީމެއް ގޮވައިގެން ލީޑުކުރެއްވޭނެ ހުރިހާ ފެންވަރެއް ހުރި ބޭފުޅެއް ކަމަށް، އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް، އަޙްމަދު ނަރީޝް ވިދާޅުވެއްޖެއެވެ.
އެމްއެމް ޓީވީގެ ބޮޑު ޚަބަރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނަރީޝް ވިދާޅުވީ، މިފަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބަށް ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) އިން ނުކުންނަ މެޖޯރިޓީ ކެންޑިޑޭޓުންނަކީ މިހާރު ވެސް މަގާމުގައި ތިއްބެވި ބޭފުޅުން ކަމަށެވެ. އަދި، އާ މޫނުތަކާއެކު ކައުންސިލް އިންތިޚާބުގައި ސަރުކާރުގެ ޓީމު ފެންނަނީ ވަރުގަދަކޮށް ކަމަށް ނަރީޝް ވިދާޅުވިއެވެ.
މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ ޖަލީލާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނަރީޝް ވިދާޅުވީ، ޖަލީލަކީ ޤައުމަށް ޚިދުމަތް ކުރެއްވުމުގެ ޓްރެކް ރެކޯޑެއް އޮތް އަދި ކައުންސިލް އަވަސް ސްޕީޑުގައި ހިންގަވާނެ ބޭފުޅެއް ކަމަށެވެ.
"ލީޑަރޝިޕް ކޮލިޓީ ހުރި ދިވެހިރާއްޖޭގެ ދިފާއީ ބާރުގައި އެތަކެއް ޒަމާންތަކެއް ވަންދެން ޚިދުމަތްކުރެއްވި، އެތަކެއް ސިފައިން ގޮވައިގެން ލީޑުކުރެއްވި ބޭފުޅެއް. އެހެންވީމަ ޓީމެއް ގޮވައިގެން ލީޑު ކުރައްވާނެ ހުރިހާ ކޮލިޓީއެއް ހުންނާނެ. އެއީ ޝައްކުކުރާ ކަމެއް ނޫން" - އަޙްމަދު ނަރީޝް
ފުޓްބޯޅައިގެ މިސާލުން ވާހަކަދައްކަވަމުން ނަރީޝް ވިދާޅުވީ ކޮންގްރެސް ޕާޓީއާ އަލުން ގުޅިވަޑައިގެންނެވި ބޭފުޅުންނާއެކު، އެ ޕާޓީގައި އޮތީ ވަރުގަދަ 11 އެއް ކަމަށެވެ. ކައުންސިލްގެ މަގާމުތަކަށް ބެލިޔަސް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް ބެލިޔަސް އިދިކޮޅަށް ވުރެ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންގެ އެޓޭކް ވަރުގަދަވާނެ ކަމަށް ނަރީޝް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ވަރަށް އުއްމީދީ ޓީމެއްގެ ގޮތުގައި ފުރަތަމަ އެގާރަ ފެންނަނީ. ލަނޑު ޖަހާނެ، މޮޅަށް ކުޅޭނެ، ހުރިހާ އޭރިއާކަށް ވެސް ފެތޭނެ ވަރުގެ ހެޔޮވަރުގެ ކެންޑިޑޭޓުން" ކުރިން މާލޭ ސިޓީގެ މެންބަރުކަން ކުރެއްވި ނަރީޝް ވިދާޅުވިއެވެ.
ނަރީޝް އިތުރަށް ވިދާޅުވީ، އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީގެކުރިން މާލޭ ސިޓީގެ މޭޔަރުކަމަށް ވަޑައިގެން އިސްތިރާޖީ އެކްޝަން ޕްލޭނެއް ހައްދަވައި އެކްޝަން ޕްލޭން ތަންފީޒުކުރެއްވުމުގެ މަސައްކަތް ފެއްޓެވި ކަމަށެވެ. މާލޭ ސިޓީ ކައުންސިލުން މިހާރު ވެސް ތަންފީޒުކުރަމުން ދަނީ އެ އެކްޝަން ޕްލޭން ކަމަށާއި، އާ ކަމެއް ފެށިފައި ނުވާ ކަމަށް ނަރީޝް ވިދާޅުވިއެވެ.
ސަރުކާރުގެ ވިސްނުމާ އެއްގޮތަށް ކެންޑިޑޭޓުން އިންތިޚާބުވެއްޖެ ނަމަ ކައުންސިލްތަކުގައި ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތުތައް ތަންފީޒުވެގެންދާނެ ކަމަށް ނަރީޝް ވިދާޅުވިއެވެ.