ENGLISH

20 ޖެނުއަރީ 2026

Advertisement

ރަޖިސްޓްރީކޮށްފައިވާ ސައިޓްތަކުން ކޯޓާ ނުނަގާ ނަމަ "އިން އެކްޓިވް" އަށް ބަދަލުކުރަނީ

20 ޖެނުއަރީ 2026

|

ޢަލީ ޝަހީމް

ރަޖިސްޓްރީ ކޮށްފައިވާ ބިމެއްގައި ބަޔަކު މަސައްކަތްކުރަނީ. އެފަދަ ތަންތަނުން ކޯޓާ ނުނަގާ ނަމަ އިން އެކްޓިވް އަށް ބަދަލުކުރާނެ. ފޮޓޯ: ދާޚިލީ ފުޒާރާ

މަސައްކަތްކުރުމަށް ރަޖިސްޓްރީކޮށްފައިވާ ސައިޓްތަކުން ކޯޓާ ނުނަގާ ނަމަ އެފަދަ ތަންތަން "އިން އެކްޓިވް" ކުރާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ބުނެފި އެވެ. 

އެ ވުޒާރާއިން ބުނީ، ރަޖިސްޓްރީ ކޮށްފައިވާ މަސައްކަތްކުރާ ސައިޓުތަކުގެ ތެރެއިން ކޯޓާ ނުނަގާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާ ތަންތަން މިމަހުގެ 25 ވާ އާދިއްތަ ދުވަހުން ފެށިގެން "އިން-އެކްޓިވް" އަށް ބަދަލުކުރާނެ ކަމަށެވެ. 

ދާޚިލީ ވުޒާރާއިން އަންނަނީ، ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް ބޭނުންވާ ހުއްދަތައް ދޫކުރުމާއި ބިދޭސީންނާއި ގުޅުންހުރި ކަންކަން ބެލެހެއްޓުމުގެ ގޮތުން ހަރުދަނާ ނިޒާމެއް ގާއިމްކުރަމުންނެވެ. 

އެގޮތުން ރަޖިސްޓްރީކޮށްފައިވާ މަސައްކަތްކުރާ ސައިޓުތަކުގެ ތެރެއިން ޕްރޮޖެކްޓްގެ މުއްދަތު ހަމަވެފައިވާ ކަމަށް އެކްސްޕެޓް ސިސްޓަމްގެ ރިކޯޑުތަކުން ދައްކާ މަސައްކަތްކުރާ ސައިޓުތައް އިއްޔެއިން ފެށިގެން "ޕެންޑިންގ ސައިޓް ކްލިއަރެންސް"ގެ ގޮތުގައި ވަނީ ކަނޑައަޅައިފައެވެ. 

މުއްދަތު ހަމަވެފައިވާ މަސައްކަތާއި ގުޅުންހުރި ސައިޓުތައް އަލުން އެކްޓިވޭޓްކުރުމަށް، ލިޔެކިޔުންތައް އައުކޮށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ޑޮކިއުމަންޓްތައް އަޕްޑޭޓްކުރުމަށް ވަޒީފާދޭ ފަރާތްތަކަށް މިހާރު އަންގާފައިވާކަމަށް ވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ. 

ދާޚިލީ ސަލަމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާއިން ވަނީ ސައިޓުތަކުގައި ބިދޭސީން މަސައްކަތްކުރަމުންދާ ތަންތަނުގައި ވަޒީފާ ދޭ ފަރާތްތަކުން އެކްސްޕެޓް ސިސްޓަމުން އަދާހަމަކުރުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު