ENGLISH

19 ޖެނުއަރީ 2026

Advertisement

މާލީ ބޮޑު ކާމިޔާބެއް؛ އާމްދަނީ މަތިކޮށް، ހަރަދު ދަށަށް ގެނެސް ބަޖެޓު ޑެފިސިޓު %73.5 ކުޑަކޮށްފި

19 ޖެނުއަރީ 2026

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަދި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު

ދައުލަތުގެ ބަޖެޓުގެ ދަރަނި ނުވަތަ ލިބޭ އާމްދަނީއާއި ކުރާ ހަރަދުގެ ފަރަގު ބޮޑުވަމުން އަންނަތާ އަހަރުތަކެއްވުމަށްފަހު ފާއިތުވި 2025 ވަނަ އަހަރު ތަންފީޒުކުރި ކާމިޔާބު ސިޔާސަތުތަކާއެކު ދައުލަތުގެ ބަޖެޓުގެ ދަރަނި 2024 ވަނަ އަހަރާ އަޅާބަލާއިރު 73.5 އިންސައްތަ ދަށްވެއްޖެއެވެ. 

2025 ވަނަ އަހަރުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނީ ޖުމްލަ 39.6 ބިލިއަން ރުފިޔާއެވެ. އެއީ ކުރީ އަހަރު ލިބުނު 35.1 ބިލިއަން ރުފިޔާއަށް 12.9 އިންސައްތަ އިތުރު އަދަދެކެވެ. ޖުމްލަ އާމްދަނީ އިތުރުވިއިރު ޓެކުހާއި ޓެކުސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީ އަންދާޒާކުރި މިންވަރަށްވުރެ ދެ ބިލިއަން ރުފިޔާ އިތުރެވެ. 

ދައުލަތުގެ އާމްދަނީ އިތުރުވިއިރު ސަރުކާރުން ގެންގުޅުނު ހަރުދަނާ މާލީ ސިޔާސަތުގެ ނަތީޖާއެއްގެ ގޮތުން ޖުމްލަ ހަރަދުވަނީ ވަރަށް ބޮޑަށް ކުޑަކުރެވިފައެވެ. އެގޮތުން 43.1 ބިލިއަން ރުފިޔާ ހަރަދުވިއިރު މިއީ 2024 ވަނަ އަހަރު ހަރަދުވި 48.2 ބިލއިަން ރުފިޔާއާ އަޅާބަލާއިރު 10.6 އިންސައްތައިގެ ދަށްވުމެކެވެ. 

ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދުތަކަށް ބަލާއިރު 2025 ގައި ރިކަރަންޓު ހަރަދުތަކަށް ހޭދަވީ 36.3 ބިލިއަން ރުފިޔާއެވެ. ކެޕިޓަލް ހަރަދުތަކަށް ހޭދަކުރީ 6.8 ބިލިއަން ރުފިޔާއެވެ. 2024 ގައި ކެޕިޓަލް ހަރަދުތަކަށް 13.3 ބިލިއަން ރުފިޔާ ހަރަދުވިއެވެ. އެހެންކަމުން 2025 ގައި ކެޕިޓަލް ހަރަދުތައްވަނީ 48.8 އިންސައްތަ ދަށްކުރެވިފައެވެ. 

ދައުލަތަށް ލިބުނު އާމްދަނީ އިތުރުކުރެވި، ދައުލަތުގެ ހަރަދުތައް ކުޑަކުރެވުމުގެ ސަބަބުން މި އަހަރު ލިބުނު އާމްދަނީގެ އިތުރަށް ހަރަދުވި ފައިސާގެ އަދަދުވަނީ ވަރަށް ބޮޑަށް ދަށްކުރެވިފައެވެ. ނަތީޖާއެއްގެ ގޮތުން 2025 ގައި ދަރަނި އަދާކުރުމަށް ހޭދަވި އަދަދު އުނިކުރުމުން 1.2 ބިލިއަން ރުފިޔާއިން ދައުލަތުގެ ބަޖެޓު އަރަނިވެރިވެއެވެ. 2024 ގައި  ދަރަނި އަދާކުރުމުގެ ހަރަދުތައް އުނިކުރުމުންވެސް 8.4 ބިލިއަނުން ދަރަނިވެރިވިއެވެ. 

2024 ވަނަ އަހަރު ދައުލަތުގެ ޖުމްލަ ބަޖެޓު ދަރަންނަކީ ނުވަތަ ދައުލަތުގެ އާމްދަނީގެ ބޭރުން ދަރަންޏަށް ފައިސާ ނަގައިގެން ހަރަދު ކުރަންޖެހުނު ފައިސާގެ އަދަދަކީ 13.1 ބިލިއަން ރުފިޔާއެވެ. ނިމުނު އަހަރު އެ އަދަދުވަނީ 3.5 ބިލިއަން ރުފިޔާއަށް ދަށްކުރެވިފައެވެ. 

ދައުލަތުގެ ހަރަދުތައް ކުޑަކުރެވި އާމްދަނީ އިތުރުކުރެވުނުއިރު، މިފެށުނު އަހަރު ދައުލަތުން އަދާކުރަންޖެހޭ ދަރަނި އަދަކުރުމަށްޓަކައި ސޮވެރިން ޑިވެލޮޕްމެންޓު ފަންޑަށް 2025 ވަނަ އަހަރު 2.7 ބިލިއަން ރުފިޔާ ޖަމާކޮށްފައިވެއެވެ. 2024 ވަނަ އަހަރު އެ ފަންޑަށް ޖަމާކުރެވުނު 1.4 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ނިމުނު އަހަރު ފަންޑަށް ޖަމާކުރި މިންވަރުވަނީ 91.2 އިންސައްތަ އިތުރުވެފައެވެ. 

ދައުލަތުގެ ބަޖެޓުގެ ޑެފިސިޓު އަހަަރުން އަހަރަށް އިތުރުވުމާއި ދައުލަތަށް ކުރިމަތިވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް ރައްކާުކުރެވިފައި ހުރި ބޭރު ފައިސާގެ އަދަދު ދަށްވުމަކީ، ރާއްޖޭގެ ކްރެޑިޓު ރޭޓިން ދަށްކުރި ސަބަބުތަކުގެ ތެރެއިން ދެ ސަބަބެވެ. ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު މާލީ ގޮތުން ހޯދުނު ބޮޑު ކުރިއެރުންތަކަކީ ކުރިއަށް އޮތް ތަނުގައި އިންވެސްޓަރުންގެ އިތުބާރު ހޯދައި، ރާއްޖޭގެ ކްރެޑިޓް ރޭޓިން ރަނގަޅުކޮށް، ބައިނަލްއަގުވާމީ މާލީ ބާޒާރުން އެކަށީގެންވާ ރަނގަޅު ރޭޓުތަކެއްގަައި ދަރަންޏަށް ފައިސާ ހޯދުމަށް މަގުފަހިކޮށްދޭނެ ކަންކަމެވެ. 

ކިޔުންތެރިންގެ ހިޔާލު