ENGLISH

10 އޭޕްރީލު 2025

Advertisement

މިލާން ބަލިކޮށް އެޓަލާންޓާ އެއްވަނަ އަށް

07 ޑިސެމްބަރު 2024

|

މުޙައްމަދު އަދުހަމް

އެޓަލާންޓާ އަށް ލަނޑުޖަހައިދިނުމަށްފަހު ލުކްމަން އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް

އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުގައި އޭސީ މިލާން 1-2 އިން ބަލިކޮށް، އެޓަލާންޓާ އިން ތާވަލްގެ އެއްވަނަ އަށް ޖެހިލައިފިއެވެ.

މި ނަތީޖާއާ އެކު އެޓަލާންޓާ އެއްވަނައިގައި އޮތީ 15 މެޗުން 34 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ނަޕޯލީ އަށް އެއްމެޗު މަދުން ކުޅެގެން ލިބިފައި ވަނީ 32 ޕޮއިންޓެވެ. އިންޓަ މިލާން ތިންވަނައިގައި އޮތީ 14 މެޗުން 31 ޕޮއިންޓް ހަމަކޮށްގެންނެވެ. ހަތަރު ވަނައިގައި އޮތް ފިއޮރެންޓީނާ އަށް 13 މެޗުން ލިބިފައިވަނީ 28 ޕޮއިންޓެވެ.

އެޓަލާންޓާގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ކުރިން ލީޑު ނެގީ ވެސް އެ ޓީމުންނެވެ. މެޗު ފެށިގެން 12 ވަނަ މިނެޓުގައި އެޓަލާންޓާ އަށް މި ލަނޑުޖަހައިދިނީ ޗާލްސް ޑެ ކެޓެލާރެ އެވެ. 

އޭގެ 10 މިނެޓު ފަހުން، މިލާނުން އެއްވަރުކުރީ ރަފައެލް ލެއާއޯ ނަގައިދިން ހުރަހަކުން އަލްވާރޯ މޮރާޓާ ޖަހައިދިން ލަނޑުންނެވެ. މި ލަނޑާއެކު ފުރަތަމަ ހާފު ނިންމާލީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.

މެޗު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް ކޯނަރެއްގެ އެހީގައި އެޓަލާންޓާ މޮޅުވި ލަނޑު، އަޑެމޯލާ ލުކްމަން ކާމިޔާބުކުރީ ބޮލުންނެވެ. މިއީ ލީގުގައި ކުޅުނު 11 މެޗުގައި އޭނާ ޖެހި އަށްވަނަ ގޯލެވެ.

މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން، އިންޓަ ވަނީ އަމިއްލަ ދަނޑުގައި 3-1 އިން ޕާމާ ބަލިކޮށްފައެވެ.

މި މެޗުގައި އިންޓަގެ ލަނޑުތައް ޖަހައިދިނީ ފެޑެރީކޯ ޑިމާކޯ، ނިކޮލޯ ބަރެއްލާ އަދި މާކަސް ތުރާމް އެވެ. ޕާމާގެ ގޯލަކީ އިންޓަގެ ޑިފެންޑަރު، މަޓިއޯ ޑަމިއާން އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

ކިޔުންތެރިންގެ ހިޔާލު