ENGLISH

19 ޖެނުއަރީ 2026

Advertisement

ކަރަންޓުގެ ޑިމާންޑު ބޮޑުވާ ދުވަސްވަރަށް ތައްޔާރުވުމަށް ސްޓެލްކޯއިން ރަށްރަށަށް ޖަނަރޭޓަރު ފޮނުވަން ފަށައިފި

19 ޖެނުއަރީ 2026

|

ޝިފްޒާން އަޙްމަދު

ސްޓެލްކޯއިން ރަށްރަށަށް ޖެނެރޭޓަރު ސެޓުތައް ފޮނުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ފޮޓޯ: ސްޓެލްކޯ

ފެށިގެން ހިނގަމުންދާ އައު އަހަރުގައި ކަރަންޓަށް އޮންނަ ޑިމާންޑު އެންމެ ބޮޑުވާ ދުވަސްވަރު ހުއްޓުމެއް ނެތި ހިދުމަތް ފޯރުކޮށްދެވޭކަން ކަށަވަރުކުރުމަށް ސްޓެލްކޯއިން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ރަށްރަށަށް އައު ޖަނަރޭޓަރު ސެޓު ފޮނުވުމުގެ މަސައްކަތް ފަށަައިފިއެވެ. 

ސްޓެލްކޯއިން ބުނެފައިވާ ގޮތުގައި އެ ކުންފުނިން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ރަށްރަށުގައި ދެމެހެއްޓެނެވި ގޮތެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް، ރަށްރަށުގެ ކަރަންޓު އުފެއްދުމުގެ ގާބިލުކަން އިތުރުކުރުމަށް އަލަށް އެ ކުންފުނިން ގެނައި ޖަނަރޭޓަރު ސެޓުތައް މިހާރު ރަށްރަށަށް ފޮނުވަން ފަށާފައިވާ ކަމަށެވެ. 

މާލެ ފިޔަވައި ސްޓެލްކޯއިން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެނީ ކ.އަތޮޅުގެ ބައެއް ރަށްރަށާއި އއ. އަދި އދ އަތޮޅުގެ ހުރިހާ ރަށަކަށެވެ. މައިގަނޑު ގޮތެއްގައި އަތޮޅު ތެރޭގެ ރަށްރަށަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެނީ ފެނަކައިންނެވެ. 

ސްޓެލްކޯއިން ބުނެފައިވާ ގޮތުން އެ ކުންފުނިން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގެ ގާބިލުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން އެ ކުންފުނީގެ ހިދުމަތާމެދު ރައްޔިތުންގެ އިތުބާރު ބޮޑުވުމާއެކު ރައްޔިތުންނަށް ލިބޭ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވާނެއެވެ. 

ކޮންމެ އަހަރަކުވެސް މާޗު މަހުން ފެށިގެން ޖޫން މަހާ ހަމައަށް ރާއްޖޭގައި ހޫނުގަދަވުމުގެ ސަބަބުން ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެއެވެ. އަދި މި ދުވަސްވަރާ ރޯދަމަސް ދިމާވުމުން ކަރަންޓު ބޭނުންކުރާ މިންވަރު އެ މަހު އިތުރުވެ، ކަރަންޓަށް އޮންނަ ޑިމާންޑު ބޮޑުވެއެވެ. 

އެހެންކަމުން، ކަރަންޓު ހިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުން އެ ދުވަސްވަރަށް ތައްޔާރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެއެވެ. އަދި ކަރަންޓު ނުކެނޑި ލިބޭނެކަން ކަށަވަރުކުރުމަށް އައު ޖަނަރޭޓަރުތައް ގެނެސް ރަށްރަށުގެ ކަރަންޓު ވިއުގަ އަދާހަމަކުރެއެވެ. 

ކިޔުންތެރިންގެ ހިޔާލު