ENGLISH
19 ޖެނުއަރީ 2026
ގްރީންލޭންޑާ ގުޅުވައި ޓުރަމްޕު ދެއްވާ އިންޒާރުތަކުގެ ރައްދުގައި ޔޫރަޕުން އެމެރިކާއާ ދެކޮޅަށް ޓެރިފުތަކެއް ތައާރަފުކުރަނީ
19 ޖެނުއަރީ 2026
|
އެމެރިކާގެ ރައީސް ޑޮނާލްޑް ޓުރަމްޕު
އަސްކަރީ ބާރު ބޭނުންކުރައްވައިގެން ޑެންމާކު އަތުން ގްރީންލޭންޑު އަތުލައްވާނެކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނާލްޑް ޓުރަމްޕު ދެއްވަމުންދާ އިންޒާރުތަކަށް ރައްދުދިނުމުގެ ގޮތުން ޔޫރަޕުގެ މާކެޓަށް އެމެރިކާ ކުންފުނިތަކަށް ވާސިލުވުން ދަތިކުރުމުގެ ގޮތުން 93 ބިލިއަން ޑޮލަރުގެ ޓެރިފެއް ތައާރަފުކުރަން ޔޫރަޕުން ތައްޔާރުވެއްޖެއެވެ.
ޔޫރަޕުން ތައާރަފުކުރަން ވިސްނަމުންދާ ޓެރިފުތަކަކީ އެތައް ދަހަރެއްގެ ތެރޭގައި އެމެރިކާއާ ދެކޮޅަށް އެ ބައްރުގެ ގައުމުތަކުން އަޅާ އެންމެ ހަރުކަށި ފިޔަވަަޅަށްވާނެއެވެ. މި ހަފުތާ ޑާވޯސްގައި އޮންނަ ވޯލްޑް އިކޮނޮމިކް ފޯރަމުގައި އެމެރިކާގެ ރައީސާއެކު ޔޫރަޕުގެ ގައުމުތަކުގެ ލީޑަރުން ބައްދަލުކުރައްވާއިރު މި ފިޔަވަޅުތަކަކީ މަޝްވަރާގައި ކުރި ހޯއްދެވުމަށް ބޭނުންކުރައްވާނެ އާލަތެއްކަމަށް މުހައްލިލކުން ދެކަވަޑައިގަންނަވައެވެ.
ނޭޓޯގައި އެމެރިކާގެ ބައިވެރިންގެ ގޮތުގައި ތިބި ޔޫރަޕު ގައުމުތަކުގެ ލީޑަރުން އުންމީދުކުރައްވަނީ ޑާވޯސްގައި ކުރިއަށްދާ މަޝްވަރާތަކުގެ ތެރެއިން އަސްކަރީ އިއްތިހާދުގެ ބައިވެރިންގެ މެދުގައި އިތުރު ނުތަނަވަސްކަމެއް ނުއުފެދި ގުޅުން ހީނަރުނުވެ ގްރީންލޭންޑް މައްސަލައަށް ހައްލެއް ހޯދޭނެ ކަމަށެވެ.
މިދިޔަ އަހަަރު އެކުލަވައިލި ޓެރިފު ލިސްޓަށް އަމަލުކުރުން ފެބްރުއަރީ މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ފަސްކުރި މައިގަނޑު ސަބަބަކީ ޔޫރަޕާއި އެމެރިކާގެ މެދުގައި ވިޔަފާރި ހަނގުރާމައެއް ފެށުމަށް ޔޫރަޕުގެ ލީޑަރުން ބޭނުންފުޅުނުވުމެވެ.
ޔޫރަޕުގެ ބައެއް ގައުމުތަކުންވަނީ ގްރީންލޭންޑުގައި އަސްކަރީ ތަމްރީނުތަކެއް ކުރިއަށްގެންގޮސްފަައެވެ. އެކަމާ ގުޅިގެން ޓުރަމްޕުވަނީ ފެބްރުއަރީ އެއްވަނަ ދުވަހުން ފެށިގެން އިނގިރޭސިވިލާތާއި ނޯވޭގެ އިތުރަށް ޔޫރަޕިއަން ޔޫނިއަނުގެ ހަ މެންބަރު ދައުލަތަކާ ދެކޮޅަށް 10 އިންސައްތައިގެ ޓެރިފެއް ތައާރަފުކުރައްވަން ވައުދުވެވަޑައިގެންފަައެވެ.
ޓުރަމްޕު ވިދާޅުވި ގޮތުގައި ގްރީންލޭންޑަށް ރަޝިޔާގެ ފަރާތުން ނުރައްކަލެއް އޮތްކަން އެތައް ޒަމާނަކުއްސުރެ ނޭޓޯއިން ޑެންމާކުގެ ސަމާލުކަމަށް ގެނައި ނަމަވެސް، އެ ނުރައްކާ ކުޑަކުރުމަށް ނުވަތަ ރަޝިޔާ ގްރީންލޭންޑާ ދުރަށް ފޮނުވުމަށް ޑެންމާކަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނުވެއެވެ.
ޔޫރަޕިއަން ޔޫނިއަނުން 2023 ވަނަ އަހަރު އެކުލަވައިލި އެންޓިކޮއާޝަން އިންސްޓްރޫމެންޓް އެމެރިކާއާ ދެކޮޅަށް ބޭނުންކުރުމަށް ފަރަންސޭސިވިލާތުން ގޮވާލާފައިވާއިރު ޔޫރަޕުގެ ގިނަ ގައުމުތަކުން ބޭނުންވަނީ އެފަދަ އިންޒާރެއް އެމެރިކާއަށް ދިނުމުގެ ކުރިން ޓުރަމްޕާ މަޝްވަރާކޮށްގެން ހައްލުތަކެއް ހޯދޭތޯ ބެލުމަށެވެ.
މި އިންސްޓްރޫމަންޓު ބޭނުންކޮށްފިނަމަ އެމެރިކާގެ ކުންފުނިތަކަށް ޔޫރަޕުގައި އިންވެސްޓުކޮށް ވިޔަފާރިކުރުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ، އެކަމުގެ ސަބަބުން އެމެރިކާގެ އިގުތިސާދަށް ނޭދެވޭ އަަސަރުތަކެއް ކުރާނެ ކަމުގައި ބެލެވެއެވެ.