ENGLISH

19 ޖެނުއަރީ 2026

Advertisement

މޭޔަރުކަމަށް މި ނިކުންނަނީ ރައީސް ޑރ.މުޢިއްޒުގެ ހިދުމަތް ނަމޫނާއަކަށް ބަލައިގެން: ޖަލީލު

18 ޖެނުއަރީ 2026

|

ޝިފްޒާން އަޙްމަދު

މާލޭ ސިޓީގެ މޭޔަރުކަމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ މޫސާ އަލީ ޖަލީލު

މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވަން ނިކުމެވަޑައިގަންނަވަނީ މީގެ ކުރިން އެ މަގާމުގައި ހުންނަވައިގެން މާލޭ ސިޓީއަށް ހިދުމަތްކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދެއްކެވި މިސާލަކީ ނަމޫނާއެއްކަމަށް ބައްލަވައިގެންކަމަށް ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގުރެސް ޕާޓީގެ ފަރާތުން އެ މަގާމަށް ވާދަކުރައްވާ ކެންޑިޑޭޓު މޭޖާ ޖެނަރަލް ރިޓަޔާޑް މޫސާ އަލީ ޖަލީލު ވިދާޅުވެއްޖެއެވެ. 

ޖަލީލުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޖަލީލު ވިދާޅުވީ މޭޔަރަކު ލައިގެން ސިޓީ ކައުންސިލު ހިންގުމުގެ ނިޒާމަށް މާލެ ހިންގަަން 2011 ވަނަ އަހަރު ފެށުނު ފަހުން ދިހަ ވަރަކަށް އަހަރު ފާއިތުވީ މާލޭ ރައްޔިތުންނަށް ކައުންސިލުން އާރުލާ އެކަށީގެންވާ ހިދުމަތްތަކެއް ނުދެވި ކަމަށެވެ. އެކަން ބަދަލުކުރެއްވީ 2022 ވަނަ އަހަރު މިހާތަނަށް މާލޭ ރައްޔިތުން އެންމެ ގިނަ ވޯޓު ދީގެން މާލެ ސިޓީގެ މޭޔަރުކަމަށް އިންތިހާބުކުރި މޭޔަރު މިހާރުގެ ރައީސް ޑރ.މުޢިއްޒުގެ މޭޔަރު ކަމުގައި ކަމށްވެސް ޖަލީލު ވިދާޅުވިއެވެ. 

ޖަލީލުވަނީ މޭޔަރުކަމުގައި މާލޭގެ ހިންގެވުމަށް ރައީސް ގެންނެވި ބަދަލުތަކާއި އެމަނިކުފާނު މަސައްކަތްކުރެއްވި ގޮތް ހުލާސާ ގޮތެއްގައި ވިދާޅުވެދެއްވައި މޭޔަރުގެ ހައިސިއްޔަތުން ރައީސް ކުރެއްވި މުހިއްމު ހިދުމަތްތަކަށް ތާރީފުކުރައްވާފައެވެ. 

"ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މޭޔަރުކަމުގައި ހުންނެވި ދެ އަހަރާއި ފަސް މަހާއި ދުވަސްކޮޅެއްގެ ތެރޭގައި މާލޭ ސިޓީގެ މުނިސިޕަލް ހިދުމަތުގެ ރަންޒަމާނެއް އައިސްގެންދިޔަ. ރައްޔިތުންގެ ގޭގެއަށް ސިލްސިލާކޮށް ޒިޔާރަތްކުރައްވައި، ސިލްސިލާކޮށް ރައްޔިތުންގެ ބައްދަލުވުންތައް ބާއްވަވައި، ރައްޔިތުންގެ އަޑު ގާތުން އެއްސެވި. ހާލު އަހުވާލު ބެއްލެވި، މާލޭ ސިޓީގައި ހައްލުނުވެހުރި އެތައް މައްސަލައެއް ހައްލުކުރެއްވި،" ޖަލީލު ވިދާޅުވިއެވެ. 

އެކަންކަމުގެ އިތުރަށް ރައީސްގެ މޭޔަރުކަމުގައި ގުރުއާން މުބާރާތްތަކާއި ކުޅިވަރު ފެސްޓިވަލްތައް ބާއްވަވައި އެކުވެރިކަމާއި އިޖުތިމާއީ ރޫހު އާލާކުރައްވައި، އީދުގެ ދިއްލުންތަކުން މާލޭ ސިޓީއަށް ހިނިތުންވުން ގެނެސްދެއްވައި އެހެން ސިޓީތަކާއި ރަށްރަށަށް ނަމޫނާ ދެއްކެވި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

ރައީސްގެ ހިދުމަތްތަކުގެ ލިސްޓު ފާހަގަކުރެއްވުމަށްފަހު ޖަލީލު ވިދާޅުވީ އޭނާ މާލެ ސިޓީ މޭޔަރުގެ މަގާމަށް އިންތިހާބުވެވަޑައިގަތުމުގެ މަސައްކަތްޕުޅަށް ނިކުމެވަޑައިގަތީ ރައީސް ހިންގެވި މަގުން ހިންގެވުމުގެ އަޒުމުގައި ރައީސްގެ ހިދުމަތަކީ ނަމޫނާއެއް ކަމުގައި ބައްލަވަމުން ކަމަށެވެ. 

"މާލޭ ސިޓީގެ މޭޔަރަކަށް އިންތިހާބުވުމުގެ ދަތުރު އަޅުގަނޑު މިފަށަނީ މި ސިޓީގެ ރައްޔިތުން އެންމެ ލޯބިވާ އިހުތިރާމުން ބަލައިގަތް ހީވާގި މޭޔަރު ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ފިޔަވަޅުފުޅު މަތީ އެމަނިކުފާނު ހިންގެވި މަގު އިހުތިޔާރުކޮށް، އެމަނިކުފާނުގެ ހިތްވަރާއި ހިންމަތް ނަމޫނާއަކަށް އަދި އިންފާހަގައަކަށް ބަލައިގެން،" މޫސާ އަލީ ޖަލީލު ވިދާޅުވިއެވެ. 

މިފަހުން ރައީސް މާލޭ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެން އެ ރައްޔިތުންގެ އިހުސާސްތައް އަޑުއެއްސެވުމަށްފަހު، ގައުމީ ހިދުމަތުގައި އެތައް އަހަރެއް ހޭދަކުުރެއްވުމަށްފަހު ގެއަށް ވަދެވަޑައިގަންނަވަންވީތޯ ހިތްޕުޅުގައި ސުވާލު އުފެދުނުކަމަށާއި، އޭނާއަށް ވިސްނިވަޑައިގަތީ ހަށިގަނޑުގައި ބާރުހުރެ، ހިދުމަތުގައި އެތައް ތަޖުރިބާއެއް ލިބިފައިވާއިރު، ރައީސް ޑރ.މުޢިއްޒު ފަދަ ހީވާގީ ލީޑަރެއްގެ ފަހަތްޕުޅުގައި ގައުމަށް ހިދުމަތްކުރުމަށް މިއީ ރަނުގެ ފުރުސަތެއް ކަމަށް ކަމުގައި ޖަލީލު ވިދާޅުވިއެވެ. 

ޖަލީލު އިތުރަށް ވިދާޅުވީ އޭނާގެ މާޒީއަކީ ގައުމުގެ މަޖުދާއި ކަރާތަމަށްޓަކައި ހިދުމަތްކުރުމުގެ މާޒީއެއް ކަމަށާއި، އެގޮތުން ސިފައިންގެ ހިދުމަތުގެ އެންމެ ދަށުން ފެށިގެން ގައުމީ ދިފާއީ ބާރުގެ އެންމެ މަތީ މަގާމާ ހަމައަށް ވަޑައިގެންނެވުނުކަމަށާއި، ދިފާއީ ވަޒީރުކަންވެސް ކުރެއްވި ކަމަށެވެ. މިހުރިހާ މަގާމެއްވެސް އަދާކުރެއްވީ ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކުކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ މާލޭ ސިޓީ މޭޔަރުކަމަށްވެސް ނުކުމެވަޑައިގަތީ އެގޮތުގައި މާލޭ ސިޓީގެ ރައްޔިތުންނަށް ހިދުމަތްކުރެއްވުމުގެ އަޒުމުގައި ކަމަށެވެ. 

އަދި ސިޔާސީ ވިސްނުމަށް ނުވަތަަ ގިންތިއާއި ފަންތިއަށް ބެއްލެވުމެއް ނެތި ހުރިހާ ރައްޔިތުންނަށް ހަމަހަަމަކަމާއެކު ހިދުމަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވަމުން އޭނާ  ވިދާޅުވީ މާލޭ ރައްޔިތުންނަށް އޯގާތެރިކަމާއެކު ހިދުމަތްކޮށްދެއްވައި މާލޭ ސިޓީއަކީ ދިރިއުޅެން ފަސޭހަ، ފަހި، ސާފު ތަނަކަށް ހެއްދެވުމަށް ބޭނުންފުޅުވާ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު