ENGLISH
19 ޖެނުއަރީ 2026
ޖަލީލަކީ މާލޭގެ ރަށްވެހިންގެ މެދުގައި ތަފާތުނުކުރައްވައި ހިދުމަތްކުރައްވާނެ ހިންގުންތެރިއެއް: ފަލާހު
18 ޖެނުއަރީ 2026
|
ކޮންގުރެސް ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު
މާލޭ ސިޓީ ކައުންސިލުގެ މޭޔަރުގެ މަގާމަށް ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގުރެސް ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ މޫސާ އަލީ ޖަލީލަކީ މާލޭގެ ރަށްވެހިންގެ މެދުގައި ތަފާތުކުރުމެއް ނެތި ރައްޔިތުންނަށް ހިދުމަތްކުރައްވާނެ ހިންގުންތެރިއެއްކަމަށް ކޮންގުރެސް ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
މޫސާ އަލީ ޖަލީލުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ފަލާހު ވިދާޅުވީ ޖަލީލުގެ މާޒީއާއި ހިދުމަތަށް ބައްލަވައި، މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ އެހެން ކެންޑިޑޭޓުންނާ އަޅައިކިޔުމުން އޭނާ ނޫނީ ހެޔޮ ފާހަގަ ޖެހުމަށްފަހު ވޯޓު ދޭންވީ ކެންޑިޑޭޓެއް ނެތްކަމަށެވެ.
ޖަލީލަކީ ރާއްޖޭގެ މިނިވަންކަން މިއަދުގެ ޖީލުތަކަށް ވާސިލުކޮށްދެއްވުމަށް މަސައްކަތްކުރެެއްވި އެކަމުގައި ބޮޑެތި ގުރުބާނީތަކެއް ވެވަޑައިގެންފައިވާ ގައުމީ ބަތަލެއްކަން ފާހަގަކުރައްވަމުން ފަލާހު ވިދާޅުވީ އޭނާއަކީ މާލޭ ސިޓީ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުތައް ފުއްދުމުގައި ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ބޭފުޅެއް ކަމަށެވެ.
އިތުރަށް ފަލާހު ވިދާޅުވީ އެމްޑީޕީއަށް މާލޭ ސިޓީ ކައުންސިލުގެ އަޣުލަބިއްޔަތާއި މޭޔަރުކަން މީގެ ކުރިން ދިނުމުން އެކަށީގެންވާ ނަތީޖާއެއް ނުނެރެވި ރައްޔިތުން އެ ޕާޓީ މަތިން ފޫހިވެ، ރައީސް ޑރ.މުޢިއްޒު މާލޭ ސިޓީ މޭޔަރުކަމަށް އިންތިހާބު ކުރި ކަމަށެވެ. އެމަނިކުފާނު އެ މަގާމުގައި ހުންނަވައިގެން ރަނގަޅު ހެޔޮ އެތައް ބަދަލެއް ގެނެސްދެއްވި ކަމަށާއި، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް މާލޭ ރައްޔިތުންގެ އަޣުލަބިއްޔަތު ވޯޓު އަދި މުޅި ރާއްޖޭގެ ބޮޑު އަޣުލަބިއްޔަތެއްގެ ތާއީދު ލިބިވަޑައިގަތް އެއް ސަބަބަކީ މާލެ ސިޓީގެ މޭޔަރުކަމުގައި ރައީސް ކުރެއްވި ހިދުމަތް ކަމުގައި ފަލާހު ވިދާޅުވިއެވެ.
ފަލާހު ފާހަގަކުރެއްވި ގޮތުގައި މޫސާ އަލީ ޖަލީލަކީވެސް މާލޭ ރައްޔިތުންނަށް ހިދުމަތްކުރެއްވުމަށް ނުކުމެވަޑައިގެން ހުންނެވި އިހުލާސްތެރި ތެދުވެރި ބޭފުޅެކެވެ. އަދި މާލޭގެ ރަށްވެހިންނާއި، މި ސިޓީގައި ވަޒަންވެރިވެގެން ދިރިއުޅޭ އެހެނިހެން ރަށްރަށުގެ ރައްޔިތުންނާއި، އެެންމެން ހިމެނޭ ގޮތަށް އެއްވެސް ބައެއްގެ މެދުގައި ތަފާތުކުރުމެއް ނެތި ހިދުމަތްކުރައްވާނެ ބޭފުޅަކަށް ޖަލީލު ވެވަޑައިގަންނަވާނެ ކަމުގައި ފަލާހު ވިދާޅުވިއެވެ.
"މޫސާ އަލީ ޖަލީލަކީ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ، މި ސަރުކާރުން ވެވަޑައިގެންފައިވާ ވައުދުފުޅުތައް ފުއްދުމަށް ރަނުން ރަނަށް ސަރުކާރަށް އެހީތެރިވެދޭނެ، މާލޭގެ އެއްވެސް ރައްޔިތަކު ތަފާތުނުކުރައްވައި، މާލޭގައި ދިރިއުޅުއްވާ ރާއްޖޭގެ އެހެން ރަށްރަށުގެ ރައްޔިތުންނާމެދު ތަފާތުނުކުރައްވާނެ ބޭފުޅެއް،" ފަލާހު ވިދާޅުވިއެވެ.
ޖަލީލަކީ ޒުވާން އުމުރުފުޅުން ފެށިގެން ދައުލަތަށް ހިދުމަތްކުރައްވައި، މަތީ ފަންތީގެ އެކި މަގާމުތައް އަދާކުރެއްވި ބޭފުޅެއްކަމަށާއި، ހިދުމަތް ކުރެއްވި އެއްވެސް ދާއިރާއެއްގައި ގައުމަށް ނުވަތަ ރައްޔިތުންނަށް ގެއްލުންވާނެ ކަމެއް ކުރެއްވިކަމުގެ އަޑެއް ނީވޭކަން ފަލާހު ފާހަގަކުރެއްވިއެވެ.
ފަލާހުވަނީ އޭޕްރީލު ހަތަރުވަނަ ދުވަހުގައި މާލޭ ސިޓީގެ ހުރިހާ ރައްޔިތުން ޖަލީލަށް އިތުބާރުކުރައްވައި އޭނާއަށް ވޯޓު ދެއްވުމަށް އިލްތިމާސްކުރައްވާފައެވެ.