ENGLISH

11 ޖެނުއަރީ 2026

Advertisement

ކުދި ޤައުމުތަކުގެ ސިޔާދަތު ބައިނަލްއަގުވާމީ ނިޒާމުގެ ތެރެއިން ރައްކާތެރިކުރުމަށް ރާއްޖެއިން ގޮވާލައިފި

10 ޖެނުއަރީ 2026

|

މުޙައްމަދު އަދުހަމް

ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލް (މ) އޯއައިސީގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުން: ފޮޓޯ: ޚާރިޖީ ވުޒާރާ

ކުދި ޤައުމުތަކުގެ ސިޔާދަތު ބައިނަލްއަގުވާމީ ނިޒާމުގެ ތެރެއިން ރައްކާތެރިކުރުމަށް ޚާރިޖީ ވަޒީރު، ޑރ. ޢަބްދުﷲ ޚަލީލް ގޮވާލައްވައިފިއެވެ.

ވަޒީރު މިކަމަށް ގޮވާލެއްވީ، ސޯމާލީލޭންޑް ވަކި ދައުލަތެއްގެ ގޮތުގައި އިސްރާއީލުން ބަލައިގަތުމާ ގުޅިގެން ބޭއްވި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން، ވާހަކަ ދައްކަވަމުންނެވެ.

އޯއައިސީގެ ޚާރިޖީ ވަޒީރުންގެ ފެންވަރުގައި ސައުދީ އަރަބިއްޔާގެ ޖިއްދާގައި އިއްޔެ ބޭއްވި 22 ވަނަ އެކްސްޓްރާއޯޑިނަރީ މި ބައްދަލުވުމަކީ ސޯމާލީލޭންޑަކީ ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް އިސްރާއީލުން ނިންމި ނިންމުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ތަޤްރީރު ކުރައްވަމުން ޚާރިޖީ ވަޒީރު ޑރ. ޚަލީލް ވިދާޅުވީ، އިސްރާއީލުގެ މި ނިންމުމަކީ ސޯމާލިއާގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަންލިބޭ، ބައިނަލްއަޤްވާމީ އުސޫލުތަކާ ކަނޑައެޅިގެން ޚިލާފު އަމަލެއް ކަމަށެވެ. އަދި އިސްރާއީލުގެ މިފަދަ ނިންމުންތަކާމެދު ދިވެހި ސަރުކާރުން ކަންބޮޑުވާކަން ފާހަގަކުރައްވައި، މިއީ އ.ދ. ގެ ޗާޓަރާވެސް ފުށުއަރާ ކަމެއްކަމަށް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން، މެދުއިރުމަތީގެ ސަރަހައްދުގެ މަސްރަޙަށް އަލިއަޅުއްވާލައްވަމުން ޚާރިޖީ ވަޒީރު ޑރ. ޚަލީލް ވިދާޅުވީ، ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި އަމަލުތައް އިތުރުވެފައިވާ މި ދަނޑިވަޅުގައި، ބައިނަލްއަޤްވާމީ ޤާނޫނަށް އެ ޤައުމުން އިޙްތިރާމް ނުކުރާކަމީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.

ޚާއްސަކޮށް ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއިން ގޮވާލަމުންދާ ވަގުތެއްގައި، އިސްރާއީލުން ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފުވަމުންދާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރެއްވިއެވެ. އަދި ބައިނަލްއަޤްވާމީ ޤާނޫނީ ނިޒާމު ބަލިކަށިވުމަކީ، ރާއްޖެ ފަދަ ބައިނަލްއަޤްވާމީ އުސޫލުތަކަށް ބަރޯސާވާ ކުދި ޤައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ވެސް ޚާރިޖީ ވަޒީރު ޑރ. ޚަލީލް ފާހަގަކުރެއްވިއެވެ.

އޯއައިސީ އަކީ 57 ގައުމުގެ މައްޗައް އެކުލެވިގެންވާ މުސްލިމް އުއްމަތަށް ދިމާވާ ގޮންޖެހުންތައް ހައްލުކުރުމުގަ އާއި ފަލަސްޠީނުގެ ހައްޤުގައި އަބަދުވެސް ވަކާލާތުކުރަމުން އަންނަ ޖަމުޢިއްޔާއެކެވެ. ދިވެހިރާއްޖެއިން 1976 ވަނަ އަހަރު މި ޖަމުޢިއްޔާގެ މެމްބަރަކަށް ވުމަށްފަހު ރާއްޖެ ދަނީ އިސްކޮށް ހަރަކާތްތެރިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު