ENGLISH
10 ޖެނުއަރީ 2026
ގައުމީ ކެޑޭޓް ކޭމްޕްގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވާއިފި
09 ޖެނުއަރީ 2026
|
ކެޑޭޓް ކޭމްޕް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އެމްއެންޑީއެފް
ދިވެހި ރާއްޖޭގެ ކެޑޭޓުންނަށް އަމާޒުކޮށްގެން އެމްއެންޑީއެފުން ހިންގި 25 ވަނަ ޤައުމީ ކެޑޭޓް ކޭމްޕުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.
ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ އެވެ.
ގައުމީ ދިފާއީ ބާރުން ބުނީ، މި ކެޑޭޓް ކޭމްޕް ކުރިއަށް ގެންގޮސްފައިވަނީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 27 އިން ފެށިގެން 12 ދުވަހުގެ މުއްދަތަށް ކަމަށެވެ. އަދި މި ކޭމްޕުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 120 ކެޑޭޓުން ބައިވެރިވި ކަމަށާއި، އޭގެތެރޭގައި ހިމެނެނީ 90 ފިރިހެން ކެޑޭޓުންނާއި 30 އަންހެން ކެޑޭޓުން ކަމަށެވެ.
މީގެއިތުރުން، އިންޓަނޭޝަނަލް ކެޑޭޓް އެކްސްޗޭންޖް ޕްރޮގްރާމުގެ ތެރެއިން އިންޑިއާ، ސްރީލަންކާ ބަނގްލަދޭޝް އަދި ނޭޕާލް ހިމެނޭހެން، 16 ކެޑޭޓުންނާއި އެ ޤައުމުތަކުގެ ޑެލިގޭޝަންގައި ހިމެނޭ ހަތަރު އޮފިސަރުން ވަނީ މި ކޭމްޕަށް ޒިޔާރަތްކޮށްފައި ކަމަށް ދިފާއީ ބާރުން ވަނީ ބުނެފަ އެވެ.
ކެޑޭޓް ކޭމްޕް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ވަނަވަނައަށް ހޮވުނު ކެޑޭޓުންނަށް ތައްޓާއި ޝީލްޑް ހަވާލުކޮށްދެއްވީ، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ އެވެ. ފަންސަވީސް ވަނަ ޤައުމީ ކެޑޭޓް ކޭމްޕްގެ އެންމެ މޮޅު ފިރިހެން ކެޑޭޓްގެ މަޤާމު ހާސިލުކުރީ، ތާޖުއްދީން ސްކޫލުގެ، ކެޑޭޓް ކޯޕްރަލް ނާވީ ޙުސައިން އެވެ. އަދި އެންމެ މޮޅު އަންހެން ކެޑޭޓްގެ މަޤާމު ހާސިލުކުރީ ހަނިމާދޫ ސްކޫލުގެ، ކެޑޭޓް ކޯޕްރަލް އަޒްކާ އަހްމަދު ޙަމީދެވެ. އެކަޑެމިކް މާއްދާތަކުން އެންމެ މޮޅު ކެޑޭޓްގެ މަޤާމު ހާސިލުކުރީ ތާޖުއްދީން ސްކޫލުގެ، ކެޑޭޓް ކޯޕްރަލް ނާވީ ޙުސައިން އެވެ. މީގެ އިތުރުން އެންމެ މޮޅު ޕްލެޓޫންގެ މަޤާމު ހާސިލުކުރީ ޗާލީ ޕްލެޓޫން އެވެ.
އިންޓަނޭޝަނަލް ކެޑޭޓް އެކްސްޗޭންޖް ޕްރޮގްރާމުގެ ދަށުން މި ކޭމްޕުގައި ބައިވެރިވި ޤައުމުތަކުގެ ޑެލިގޭޝަންގެ އޮފިސަރުންނަށް މި ރަސްމިއްޔާތުގައި ވަނީ ބެޖު ހަވާލުކޮށްދެއްވާފަ އެވެ. އެފަރާތްތަކަށް ބެޖު ހަވާލުކޮށްދެއްވީ، އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީޒް އަދި ނޭޝަނަލް ކެޑޭޓް ކޯރގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ އިބްރާހީމް އެވެ.
މި ކޭމްޕުގައި ކިޔަވައިދީފައިވަނީ އެމްއެންޑީއެފްގެ މުދައްރިބުންނެވެ. އަދި އެމްއެންޑީއެފްގެ މުދައްރިބުންނާއެކު، ޤައުމީ ކެޑޭޓް ކޯރގެ މުދައްރިބުންގެ ޓީމެއް މި ކޭމްޕްގައި ހަރަކާތްތެރިވެފައިވެ އެވެ.
އެމްއެންޑީއެފް އިން ބުނީ، މި ކެޑޭޓް ކޭމްޕްގެ މަޤްޞަދަކީ، ކޮންމެ ކެޑޭޓަކީ ވެސް މުޖުތަމަޢުއަށް ފައިދާހުރި އަދި ދިމާވާ އެކިއެކި ޙާދިސާތަކުގައި ރޭވުންތެރިކަމާ އެކު އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާބިލުކަން ހުރި ޒިންމާދާރު ރައްޔިތަކަށް ހެދުން ކަމަށެވެ. މި ކޭމްޕްގައި ބައިވެރިވާ ކެޑޭޓުންނަކީ ހަރުދަނާ އަޚުލާޤާއި ރިވެތި ސުލޫކެއްގެ ވެރިބަޔެއްގެ ގޮތުގައި ބިނާކުރުމާއި، ކެޑޭޓުންގެ މެދުގައި ދީނީ އަދި ޤަޢުމީ ރޫޙް އާލާކޮށް ދިރުވުންވެސް ހިމެނޭކަމަށް ވިދާޅުވި އެވެ.
މި ކޭމްޕްގައި ބައިވެރިވި ކުދިންނަށް، ދިވެހި އަސްކަރިއްޔާގެ އުނގެނުމުގެ ވެއްޓެއްގައި ނަފުސު ތަރުބިޔަތުކޮށް ބައްޓަން ކުރުމުގެ ފުރުޞަތު ފަހިކޮށްދީ، އަސްކަރީ ހުނަރުތަކުގެ ތެރެއިން ކަނޑައެޅޭ ބައެއް އަސާސީ ހުނަރުތައް ތަޢާރަފު ކޮށްދިނުންވެސް ހިމެނެއެވެ. މީގެ އިތުރުން ޤައުމީ ކެޑޭޓުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޢާލާކުރުމާއި، އަދި އަސްކަރީ ހުނަރުތަކުގެ ތެރެއިން ކަނޑައެޅޭ ބައެއް އަސާސީ ހުނަރުތައް ތަޢާރަފުކޮށްފައިވެ އެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެޑިޔުކޭޝަން ޑރ.އަޙްމަދު މުޙައްމަދުގެ އިތުރުން އެމްއެންޑީއެފްގެ އިސް އޮފިސަރުންނާއި މޯލްޑިވެސް ކެޑޭޓް ކޯގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.